ފުރަތަމަ ސަފްޙާ / ޚަބަރު / އަހަރެންގެ ނިދި ގެއްލިއްޖެ: އެމްބާޕޭ

އަހަރެންގެ ނިދި ގެއްލިއްޖެ: އެމްބާޕޭ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 29 ޖޫން 2021

އޭނާ އެންމެ ލޯބިވާ ކުޅިވަރުގައި ރޭ ދިމާވި ބަދުނަސީބަށް ފަހު ނިދަން ވެސް އުނދަގޫވާނެކަމަށް ޔޫރޯ ފުޓްބޯޅަ މުބާރާތުން ރޭ ކެޓި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ޓީމުގެ ކިލިއަން އެމްބާޕޭ ބުނެފި އެވެ.

ގަދަ 16 ގައި ރޭ ސްވިޒަލެންޑާ ދެކޮޅަށް ފްރާންސް ކުޅުނު މެޗު 3-3 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 5-4 އިން ފްރާންސް ބަލިވީ އެމްބާޕޭ އަތުން ފަހު ޕެނަލްޓީ ބޭކާރުވުމުންނެވެ. އެންމެ 22 އަހަރުގައި ފުޓްބޯޅައިގެ އެންމެ އުހަށް އެރުމަށް ފިޔަޖަހަމުން އައި އެމްބާޕޭގެ ޕެނަލްޓީން ފްރާންސް ކެޓުމުން އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

މިހާރު އުމުރުން 22 އަހަރުގެ އެމްބާޕޭ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އަށް ފަހު އެންމެ ވިދުން ގަދަވާނެކަމަށް ގިނަ ބަޔަކު އެއްބަސްވާ ކުޅުންތެރިޔާ އެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސް ހޯދިއިރު އެމްބާޕޭ ވަނީ އޭރު އުމުރުން 19 އަހަރުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އެމްބާޕޭ އެވެ. އެކަމަކު މިފަހަރުގެ ޔޫރޯގައި ފްރާންސް ކުޅުނު ހަތަރު މެޗުގައި އެމްބާޕޭ އަށް ގޯލެއް ވެސް ނުޖެހުނެވެ. އެމްބާޕޭ އަތުން މިސްވި ޕެނަލްޓީއާއެކު “އުހުގައި އޮވެފައި” އެމްބާޕޭ ވެއްޓުނީ ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ.

“އަހަރެންނަށް ނިދަން ވެސް އުނދަގޫވާނެ. އެކަމަކު އަހަރެން އެންމެ ލޯބިވާ ކުޅިވަރުގައި ރިސްކް ނަގަން ޖެހޭނެ. އަހަރެންގެ ޕެނަލްޓީއަށް މާފަށް އެދެން. އަހަރެން ބޭނުންވީ ޓީމަށް އެހީވާން އެކަމަކު އަހަރެން ފެއިލްވެއްޖެ” މެޗަށް ފަހު އެމްބާޕޭ އާއްމުކުރި ބަޔާނުގައި ބުންޏެވެ.

Euro 2020: Mbappe misses decisive penalty as Switzerland stun world  champions France

ޔޫރޯ ފުޓްބޯޅަ މުބާރާތާ އެމްބާޕޭ ކުރިމަތިލީ މިދިޔަ ސީޒަނުގައި ކްލަބާއި ގައުމަށް 41 ލަނޑު ޖަހައިގެންނެވެ. ހުނަރުވެރި އެތައް ކުޅުންތެރިންތަކަކާއެކު މުބާރާތުގެ ކުރިން ފްރާންސަކީ ފޭވަރިޓުންނެވެ. ނާކާމިޔާބު މުބާރާތެއް އެމްބާޕޭ ނިންމާލިއިރު އޭނާ ވަނީ އިދިކޮޅު ޓީމުތަކުގެ ގޯލަށް 14 ހަމަލާ ފޮނުވާލައިފަ އެވެ. އެކަމަކު ނަސީބު ކަންދިމާކުރިގޮތުން ގޯލެއް ވައްދާލެވޭގޮތެއްނުވީ އެވެ.

“އަހަރެންނަށް އެނގޭ ސަޕޯޓަރުން ތިބީ މާޔޫސްވެފައިކަން. ޓީމަށް އަބަދުވެސް ކުރާ އިތުބާރަށް ސަޕޯޓަރުންނަށް ޝުކުރުއަދާކުރަން. އެންމެ މުހިއްމީ ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް ނުކުތުން” އެމްބާޕޭ ބުންޏެވެ.

ފުރިހަމަ ވަގުތު ދެޓީމު އެއްވަރުވުން ރޭގެ މެޗުގައި ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އެމްބާޕޭ އަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އިންގްލެންޑުގެ ކުރީގެ ޑިފެންޑަރު ގެރީ ނެވިލް މެޗަށް ފަހު ބުނީ ފަހު ޕެނަލްޓީ ޖަހަން އެމްބާޕޭ ދިޔަ ވަގުތު އެމްބާޕޭ އަށް ޕެނަލްޓީ ކާމިޔާބު ކުރެވިދާނެތޯ ސުވާލު އުފެދުނު ކަމަށެވެ. ސަބަބަކީ އިތުރު ވަގުތުގެ ދެ ހާފުގައި އެމްބާޕޭ އަށް ލިބުނު ދެ ފުރުސަތެއްގެ ބޭނުން ނުހިފުން ކަމުގައި ގެރީ ނެވިލް ބުންޏެވެ.

“އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އެމްބާޕޭ ހުރީ ވަރަށް ދެރަވެފަ. ފަހު ޕެނަލްޓީ ޖަހަން އެމްބާޕޭ ޒިންމާ ނެގުމަކުން އެއްވެސް ކުޅުންތެރިއަކު އެކަމާ ދެރައެއް ނުވޭ” މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުންޏެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 މިހާތަނަށް ޖާގަ ހޯދާފައިވަނީ ޑެންމާކާއި އިޓަލީގެ އިތުރުން ޗެކްރި ޕަބްލިކާއި ބެލްޖިއަމް، ސްޕެއިން އަދި ސްވިޒަލެންޑެވެ. ބާކީ ދެ ޖާގަ ކަށަވަރުވާނީ މިރެ އެވެ. މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ޖަރުމަނާއި އިންގްލެންޑް ކުޅޭއިރު ދަންވަރު 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔޫކްރޭނާއި ސްވިޑެން އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!