ފުރަތަމަ ސަފްޙާ / ޚަބަރު / ކަޓާފައި އޮތް ބޮލީވިއާ އާ ދެކޮޅަށް މެސީ މޮޅު ކުޅުމެއް ދައްކައިފި

ކަޓާފައި އޮތް ބޮލީވިއާ އާ ދެކޮޅަށް މެސީ މޮޅު ކުޅުމެއް ދައްކައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 29 ޖޫން 2021

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުުގެ ގްރޫޕް އޭގައި މިއަދު ފަތިހު ބޮލީވިއާ އާ ދެކޮޅަށް ކުޅުނު މެޗްގައި ކެޕްޓަން ލިއޮނަލް މެސީ ދެ ގޯލާޖަހައި އިތުރު ގޯލެއް ޖަހަން އެހީތެރިވެދީގެން އާޖެންޓީނާ މޮޅުކޮށްދީފި އެވެ. ބްރެޒިލްގައި ކުޅުނު މި މެޗް އާޖެންޓީނާ އިން ކާމިޔާބުކުރީ 1-4 އިންނެވެ.

މި ނަތީޖާ އާއެކު  އާޖެންޓީނާ މިހާރު އޮތީ ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗް ކުޅެގެން ލިބުނު ހަތް ޕޮއިންޓާއެކު އުރުގުއޭ ގްރޫޕްގެ ދެވަްނައިގައި އޮތްއިރު ތިން ވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ޕެރަގުއޭ އެވެ. ފަސް ޓީމް ހިމެނޭ ގްރޫޕް އޭގެ ހުރިހާ މެޗެއް މިއަދު ފަތިހު ކުޅުނު މެޗްތަކާއެކު ނިމިފައިވާ އިރު މުބާރާތުގެ ކުއާޓާ ފައިނަލަށް އާޖެންޓީނާ އާއި އުރުގުއޭ އަދި ޕެރަގުއޭގެ އިތުރުން ދެން ގޮސްފައިވަނީ ހަތަރު ވަނަ ހޯދި ޗިލީ އެވެ. މުބާރާތުން ކެޓި ބޮލީވިއާ އަށް އެންމެ ޕޮއިންޓެއްވެސް ލިބިފައެއް ނުވެ އެވެ.

އާޖެންޓީނާ އާއި ބޮލީވިއާ ވާދަކުރި ގްރޫޕްގެ ފަހު މެޗްގައި އާޖެންޓީނާ އިން ޖެހި ހަތަރު ގޯލްގެ ތެރެއިން ފުރަތަމަ ގޯލް މެސީ ދިން ބޯޅައަކުން ކާމިޔާބުކުރީ ސްޕެއިންގެ ސެވިއްޔާއަށް ކުޅެމުން އަންނަ ފޯވާޑް އަލެޖަންޑްރޯ ގޯމޭޒް އެވެ.  އޭގެ ފަހުން މެޗްގައި އާޖެންޓީނާ އިން މެޗްގައި ޖެހި ދެ ލަނޑު މެސީ ކާމިޔާބުކުރި އިރު އެއް ލަނޑަކީ އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗްގައި އާޖެންޓީނާއިން ޖެހި ފަހު ލަނޑު ކާމިޔާބުކުރީ އިންޓަ މިލާންގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ.

މިއަދު ފަތިހު ކުޅުނު މެޗަކީ އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ކުޅެދިން 148 ވަނަ މެޗެވެ. މިއާއެކު މެސީއަށް ވަނީ އާޖެންޓީނާއަށް އެންމެ ގިނަ މެޗް ކުޅުނު ކުޅުންތެރިޔާގެ ޝަރަފް ލިބިފަ އެވެ.

ކްއާޓާ ފައިނަލްގައި އާޖެންޓީނާ ވާދަކުރާނީ އެކުއެޑޯ އާ އެވެ. މި މެޗް ކުޅެން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ފަތިހު ރާއްޖޭގެ ގަޑިން 6 ޖަހާއިރު އެވެ.

މިއަދު ފަތިހު ކުޅުނު ދެވަނަ މެޗްގައި އުރުގުއޭ އާ ޕެރަގުއޭ ވާދަކުރި މެޗް 0-1 އިން ކާމިޔާބުކުރީ އުރުގުއޭ އެވެ. މެޗްގައި އުރުގުއޭ އިން ޖެހި ހަމައެކަނި ލަނޑު  އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ތަޖުރިބާކާރު ފޯވާޑް އެޑިންސަން ކަވާނީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!