ފުރަތަމަ ސަފްޙާ / ޚަބަރު / މުޅި ދުނިޔެ ހައިރާންކޮށްފި، ފްރާންސް ރަށަށް، ސްވިޒަލެންޑް ކުއާޓާ އަށް

މުޅި ދުނިޔެ ހައިރާންކޮށްފި، ފްރާންސް ރަށަށް، ސްވިޒަލެންޑް ކުއާޓާ އަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 28 ޖޫން 2021

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ހަމަވިއިރު 3-3 އިން ދެޓީމު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 5-4 އިން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ސްވިޒަލެންޑް ފުރުސަތު ހޯދައިފި އެވެ.

ސްވިޒަލެންޑުން ފްރާންސް ބަލިކުރީ ދެ ގޯލުގެ ފަހަތުގައި އޮއްވައި މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަކޮށް ޕެނަލްޓީއާ ހަމައަށް ގަދަފަދަ ފްރާންސުން އިތުރު ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިގެންނެވެ. ހުނަރުވެރި އެތައް ކުޅުންތެރިންނެއް ނިސްބަތްވާ ފްރާންސަކީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ޓީމުގެ އިތުރުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމެވެ.

މެޗަށް ނުކުތްއިރު ފްރާންސްގެ ވާތް ފަޅިން ފަހަތަށް ކުޅޭ ލޫކަސް ހެނާންޑޭޒް އާއި ލޫކް ޑީން އަނިޔާގައި ހުރުމުން އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނީ ބާސެލޯނާގެ ޑިފެންޑަރު ކްލަމެންޓް ލެންގްލޭ އެވެ. އާއްމުކޮށް ކުޅޭ ފޯމޭޝަނަށް ބަދަލު ގެނެސްގެން ކުޅުނު މެޗުގެ ކުރީކޮޅު ފްރާންސަށް މާ އެދެވޭ ކުޅެމެއް ނުދެއްކި އުޅެނިކޮށް ސްވިޒަލެންޑުން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ 15 ވަނަ މިނެޓުގައި ބޮލުން މި ލަނޑު ޖަހައިދިނީ ފޯވާޑް ހާރިސް ސެފެރޮވިޗް އެވެ.

Image

ފުރަތަމަ ހާފު ލީޑުގައި އޮވެގެން ނިންމާލުމަށް ފަހު މެޗުގެ 55 ވަނަ މިނެޓުގައި ސްވިޒަލެންޑަށް ޕެނަލްޓީއެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެޓީމުގެ ޑިފެންޑަރު ރިކާޑޯ ރޮޑްރީގޭޒް ފޮނުވާލި މި ޕެނަލްޓީ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ސްވިޒަލެންޑަށް ލިބުނު ރަނުގެ ފުރުސަތު ބޭކާރުވުމުން ފްރާންސުން ވަނީ އިތުބާރާ އެކު ކުޅެ ފަހަތުން އަރައި ތިން ލަނޑު ޖަހައިފަ އެވެ. ގާތްގާތުގައި ކަރީމް ބެންޒެމާ ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ ޕައުލް ޕޮގްބާ އެވެ. ފްރާންސް ދެ ގޯލުގެ ލީޑެއްގައި އޮއްވައި ސްވިޒަލެންޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފަހު 10 މިނެޓުގައި ޖެހި ދެ ލަނޑުންނެވެ. 81 ވަނަ މިނެޓުގައި އެޓީމުގެ ދެ ވަނަ ލަނޑު ވެސް ސެފެރޮވިޗް ޖެހިއިރު ނަތީޖާ އެއްވަރުކުރި ލަނޑު ފަހު މިނެޓުގައި ޖެހީ މާރިއޯ ގަވްރަނޮވިޗް އެވެ.

Image

މެޗު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވަރުބަލިކަން ފެނުނުއިރު ސްވިޒަލެންޑުން ބޮޑަށް ބެލީ ފްރާންސް ގޯލެއް ޖެހިޔަނުދީ މެޗު ނިންމާލުމަށެވެ.

އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ސްވިޒަލެންޑުން ވަނީ ފަސް ޕެނަލްޓީވެސް ވައްދާލާފަ އެވެ. ފްރާންސުން ހަތަރު ޕެނަލްޓީ ވައްދާލިއިރު އެޓީމު ބަލިވީ ކިލިއަން އެމްބާޕޭ ޖެހި ފަހު ޕެނަލްޓީ ސްވިޒަލެންޑުގެ ކީޕަރު މަތަކުރުމުންނެވެ.

ގަދަ 16 ގެ ފަހު ދެ މެޗު ކުޅޭނީ މިރެ އެވެ. ފުރަތަމަ މެޗުގައި 9 ޖަހާއިރު އިންގްލެންޑާއި ޖަރުމަނު ވާދަކުރާއިރު މެންދަމު 12 ޖަހާއިރު ކުޅޭނީ ޔޫކްރޭނާއި ސްވިޑެން އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!