ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި މިރޭ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް ޑެންމާކުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ. މިރޭ ނެދަލޭންޑްސްގެ އެމްސްޓެޑަމްގައި ކުޅުނު މި މެޗްގައި ވޭލްސް އާ ބައްދަލުކޮށްަ ޑެންމާކް ކުރި ހޯދައިފައިވަނީ 0-4 އިންނެވެ.
މުޅިންހެން ޑެންމާކުން ޑޮމިނޭޓްކޮށްގެން ކުޅުނު މި މެޗްގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ފްރެންޗް ލީގުގެ ކްލަބެއް ކަމަށްވާ ނީސްއަށް ކުޅެމުން އަންނަ ފޯވާޑް ކެސްޕާ ޑޯލްބާގް އެވެ. އުމުރުން 23 އަހަރުގެ ޑޯލްބާގް ޑެންމާކަށް ލީޑް ނަގައިދިނީ މެޗްގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓްގަ އެވެ. ޑެންމާކަށް ލީޑް ފުޅާކޮށްދިން ލަނޑު ޑޯލްބާގް ކާމިޔާބުކުރީ ފަހު ހާފު ފަށައިގެން ތިންވަނަ މިނެޓްގަ އެވެ. މެޗްގައި ޑެންމާކުން ޖެހި ތިންވަނަ ލަނޑު މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އިޓަލީގެ އެޓަލާންޓާއަށް ކުޅެމުން އަންނަ ޖޯކިމް މޭލާ އެވެ. މެޗްގެ ނަތީޖާ 0-4 އަށް ބަދަލުކޮށްލި ލަނޑު އިތުރު ވަގުތުގެ ފަހުމިނެޓްގައި ކާމިޔާބުކުރީ މާޓިން ބްރެއިތުވެއިޓެވެ.
ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި ފިންލެންޑާ ދެކޮޅަށް ކުޅެނިކޮށް ޓީމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަން ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓުމާއެކު ލިބުނު ބޮޑު ޝޮކުން އަރައިގަނެ ފަހު މެޗްގައި ރަޝިޔާ ކޮޅަށް ހަތަރު ލަނޑު ޖަހައިގެން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދި ޑެންމާކާ ދެކޮޅަށް ވޭލްސް އަށް މިރޭ މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ވޭލްސްގެ އެން،މެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ގެރެތު ބޭލްއާއި އާރޮން ރަމްސޭ ގުޅިގެން ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް ޑެންމާކްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ވޭލްސް އަށް ފޮނުވާލެވުނު ތަނެއް ނުފެނުނެވެ.
ޔޫރޯ މުބާރާތުގެ ތަށި 1992 ވަނަ އަހަރު ހޯދި ޑެންމާކް ކުއާޓާ ފައިނަލްގައި ވާދަކުރަންޖެހޭނީ ގަދަ 16 ގައި ނެދަލޭންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.