ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހުޅުން މިދިޔަ ބުދަ ދުވަހުގެ ރޭ ނިމުނީ ނުހަނު ފޯރިއާ އެކު އެވެ. ދެވަނަ ބުރަށް ދަތުރުކުރާ 16 ޓީމު މުޅީން ކަށަވަރު ވީވެސް އެންމެ ފަހުރޭ “ގުރޫޕް އޮފް ޑެތު” ގެ ގޮތުގައި ބެލެވުނު ގުރޫޕް އެފްގެ ކުޅުން ނިމުމުންނެވެ. އެންމެ ފަހުގެ ޔޫރޯ އައި ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލް އާއި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަނުން ފްރާންސް އަދި 2014 ގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއެކު ދެން މިގުރޫޕުގައި ހިމެނުނީ ކޮލިފައިންގައި ޕްލޭއޮފް ކުޅެގެން މުބާރާތަށް ކޮލިފައިވި ހަންގޭރީ އެވެ. އެޓީމުން ވެސް ވަނީ ކުޅުނު ތިން މެޗުގައި ވެސް އެންމެ ފަހު ވަގުތާ ހަމައަށް ހިތްވަރު ކޮށް، ބެލުންތެރިން ހައިރާން ކޮށްލާފަ އެވެ. މަޝްހޫރު ބްރެޒިލް އާއި އާޖެންޓީނާ ފަދަ ޓީމުތަކާ އެކު ކުރިއަށްދާ ދެކުނު އެމެރިކާ ގެ ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ކޮޕާ އެމެރިކާއަށް ވުރެން ޔޫރޯ ގުރޫޕް އޮފް ޑެތު އެކަނިވެސް މާ ފޯރި ގަދަ ކަމަށް ފުޓުބޯޅަ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.
މުބާރާތުގެ ގަދަ 16 ގެ މެޗުތައް މިރޭ ފަށާއިރު، މި ބުރުގައި ބެލުންތެރިން އުންމީދުކުރާނެ ފަސް ކަމަކަށް ބަލައިލާނަމެވެ.
އިޓަލީގެ ރެކޯޑް

މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމް ގައި އިޓަލީ އިން އޮސްޓްރިއާ އާ ދެކޮޅަށް ނުކުންނަ އިރު އެޓީމުން ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީ އިން ބަލި ނުވެ 30 މެޗު ހަމަކޮށް އެގައުމުން 1930ގެ އަހަރުތަކުގެ ފަހުކޮޅު ހެދި ރެކޯޑާ އެއްވަރު ކޮށްފަ އެވެ. މިރޭގެ މެޗުން މޮޅުވެގެން މި ރެކޯޑު މުގުރާލުމުގެ ފުރުސަތު އެޓީމަށް އޮތްއިރު، އޮސްޓްރިއާ އާ މިރޭ ބައްދަލު ކުރަން ޖެހުމަކީ ވެސް އިއްތިފާގަކަށް ވެދާނެ އެވެ. 1935 ވަނަ އަހަރާއި 1939 ވަނަ އަހަރާ ދެމެޗު އިޓަލީ އިން ބަލި ނުވެ 30 މެޗު ހަމަކުރި ނަމަވެސް އެގައުމުން ވަނީ މިދެމެދު 31 މެޗު ކުޅެފަ އެވެ. ސެންޓްރަލް ޔޫރަޕިއަން އިންޓަނޭޝަނަލް ކަޕުގައި އިޓަލީއިން 1937 ވަނަ އަހަރުގެ މާޗު 21 ގައި އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި 2-0 އިން އޮސްޓްރިއާ މޮޅުވާން ދަނިކޮށް މެޗުގެ 74 ވަނަ މިނިޓުގައި މެޗު ހުއްޓާލަން ޖެހުނީ ކުޅިބަލަން ތިބި ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އަދި އެމެޗު ހުއްޓާލުމަށް ފަހު އެއީ މުބާރާތުގައި ނުކުޅޭ މެޗެއް ގޮތުގައި ވެސް ވަނީ ކަނޑައަޅާފަ އެވެ.
ބަލިނުވުމުގެ ރެކޯޑުގެ އިތުރުން ވެސް އިޓަލީއިން މިވަނީ އިތުރު ރެކޯޑަކާ ހަމަކުރުމުގެ ފުރުސަތު ފަހި ކޮށްފަ އެވެ. އެންމެ ފަހުން އިޓަލީއިން ކުޅުނު 11 މެޗުގައި އެޓީމު ކޮޅަށް ގޯލެއް ވަދެފައި ނުވާއިރު، މިރޭ އޮސްޓްރިއާ އަށް ގޯލެއް ނުޖެހިއްޖެ ނަމަ، އެޓީމުން 1972 އާއި 1974 އާ ދެމެދު ބައިކޮޅަށް ގޯލެއް ނުވަދެ ހަމަކުރި 12 މެޗުގެ ރެކޯޑާ އަރާ ހަމަކުރެވޭނެ އެވެ.
2. ރޮނާލްޑޯ ބޮޑު ރެކޯޑެއް މުގުރާލުމުގެ އިންތިޒާރުގައި

ގުރޫޕް އޮފް ޑެތުގެ ތިން ވަނައިގައި ނިންމައިގެން ޕޯޗުގަލް ގޮވައިގެން ކްރިސްޓިއާނޯ ރޮނާލްޑޯ މި ބުރުގައި ނުކުންނާއީ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމްއާ ދެކޮޅަށެވެ. ސްޕެއިން އިން 2012 ވަނަ އަހަރު ޔޫރޯ ތަށި ދިފާއުކުރި ފަހުން، މުބާރާތް ދިފާއުކުރަން މިފަހަރު ނުކުންނަ ޕޯޗުގަލް އަށް ރޮނާލްޑޯ ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗުން ފަސް ގޯލު ކާމިޔާބުކޮށް، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިގެން އީރާނުގެ ކުރީގެ ފޯވަޑް އަލީ ދާއީ ހަދާފައިވާ 109 ގޯލުގެ ރެކޯޑާ އަރާ ހަމަކޮށްފަ އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހާފަ އެވެ. ބެލްޖިއަމް އާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ލަނޑެއް ޖަހައިފި ނަމަ އޭނާ ވެގެންދާނީ ތާރީހުގައި ވެސް ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ.
އެހެން ނަމަވެސް ބެލްޖިއަމްގައި ވެސް ގޯލާ ރައްޓެހި ކުޅުންތެރިން މަދެއް ނޫނެވެ. ރޮމެލޫ ލުކާކޫ އާއި ކެވިން ޑިބްރޭނާ ފަދަ ކުޅުންތެރިންނަކީ ރޮނާލްޑޯގެ ޕޯޗުގަލް އަށް ހީނުކުރާވަރުގެ ލަނޑެއްވެސް ދީފާނެ ކުޅުންތެރިންނެވެ.
3-ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކު ނެތް ސްޕެއިންއާ ދެކޮޅަށް މޮޑްރިޗް

ސްޕެއިންގެ ރެއާލް މެޑްރިޑުގެ އެންމެ ކުޅުންތެރިއެއް ވެސް ނުހިމަނައި، ކޯޗު ލުއިސް އެންރީކޭ މުބާރާތުގެ ސްކޮޑް އިއުލާން ކުރުމުން ސަޕޯޓަރުންނަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ކެޕްޓަން ސާޖިއޯ ރާމޯސް އާއި ޑިފެންޑަރ ނާޗޯ ފެނާންޑޭޒް ފަދަ ކުޅުންތެރިން ނުހިމެނީ ފިޓްނަސް ގޯސްވުމުން ކަމަށް އެންރީކޭ ވަނީ ހާމަ ކޮށްފަ އެވެ. ނަމަވެސް މުބާރާތުގެ ގަދަ 16 ގައި ސްޕެއިން ގޮވައިގެން އެންރީކޭ ނުކުންނާނީ ރެއާލް މެޑްރިޑުގެ މިޑްފީލްޑަރ ލޫކާ މޮޑްރިޗް ލީޑު ކުރާ ކްރޮއޭޝިއާ ޓީމާ ދެކޮޅަށެވެ. ކްރޮއޭޝިއާ ދެވަނަ ބުރަށް ދަތުރު ކުރީ ވެސް ގުރޫޕް ސްޓޭޖު ފަހު މެޗުގައި މޮޑްރިޗް ޖެހި ހިތްގައިމު ލަނޑުން ކްރޮއޭޝިއާ އަށް ތިން ޕޮއިންޓް ކަށަވަރު ވުމުންނެވެ.
2012 ވަނަ އަހަރުން ފެށިހެން ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މޮޑްރިޗަށް ސްޕެއިންގެ ކުޅުމާއި އެންރީކޭގެ ކުޅުވުމުގެ ވައްޓަފާޅިއަށް ބީރައްޓެހި ކުޅުންތެރިއަކަށް ނުވާނެ އެވެ. ހޯމަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ސްޕެއިންއާ ދެކޮޅަށް މޮޑްރިޗްގެ ޖާދޫ ދައްކާލެވިއްޖެ ނަމަ އެންރީކޭގެ ނިންމުމާމެދު ހިތާމަ ކުރަން ވެސް ޖެހިދާނެ އެވެ.
ބެންޒެމާ ދައްކާލަނީ “އޯލްޑް އިޒް ގޯލްޑް” ކަން

2018 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކިލިއަން އެމްބާޕޭގެ ވިދުން މިފަހަރުގެ ޔޫރޯގައި ގަދަވާނެ ކަމަށް ބެލެވުނު ނަމަވެސް 22 އަހަރުގެ ޒުވާން ފޯވަޑަށް މިމުބާރާތުގައި އަދި ގޯލެއް ނުޖެހެ އެވެ. ނަމަވެސް 33 އަހަރުގެ ކަރިމް ބެންޒެމާ މިވަނީ 6 އަހަރަށް ފަހު ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މުބާރާތުގައި ވެސް އޭނާގެ ޖާދޫ ދައްކާލައިފަ އެވެ. އޭނާ ވަނީ ގުރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް ކޮޅަށް ދެ ލަނޑު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ. ނިމިގެން ދިޔަ ސީޒަނުގައި ސްޕެއިންގެ ރިއާލް މެޑްރިޑަށް ކުޅެދިން 46 މެޗުން 30 ގޯލު ޖަހާފައިވާ ބެންޒެމާގެ ފަރާތުން އިތުރު ގޯލުތަކެއް ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި ފެނުމަކީ ފްރާންސްގެ ސަޕޯޓަރުން ނުހަނު ދެކެން ބޭނުންވާނެ މަންޒަރެކެވެ.
ހެރީ ކޭންގެ ނަސީބާއި ޖަރުމަނުގެ ޑިފެންސް ލައިން

މިފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިހާތަނަށް އެންމެ ފާޑުކިޔުންތައް އަމާޒުވާ އެއް ކުޅުންތެރިޔަކަށް އިނގިރޭސި ކެޕްޓަން ހެރީ ކޭން ވާނެއެވެ. ނިމިދިޔަ ސީޒަނުގައި ޓޮޓެންހަމް އަށް ކުޅުނު 49 މެޗުގައި 33 ގޯލު ޖެހި ނަމަވެސް ގައުމީ ޖޯޒީގައި އެ ކުޅުން ކޭން އަށް ތަކުރާރު ކުރެވިފައެއް ނުވެއެވެ. ގުރޫޕް ސްޓޭޖުގެ ތިން މެޗުން އޭނާއަށް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައި ވަނީ ވެސް އެންމެ ޝޮޓެކެވެ. ނަމަވެސް ސަޕޯޓަރުން ތިބީ ގަދަ 16 ގައި ޖަރުމަނާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅޭ މެޗުގައި މިކަން ބަދަލުކޮށްލާނެ ކަމުގެ އުންމީދުގަ އެވެ. ޖަރުމަނުގެ ޑިފެންސް ޖުމްލަކޮށް ބަލިކަށިކޮށް ފެނުނުއިރު، ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރި ޓީމުތަކުގެ ތެރެއިން ބައިކޮޅަށް އެންމެ ގިނަ ގޯލު ވަދެފައި ވަނީ ވެސް ޖަރުމަން ކޮޅަށެވެ. ގުރޫޕް ސްޓޭޖުގެ ތިން މެޗުން އެޓީމު ކޮޅަށް ވަނީ 5 ގޯލު ވަދެފަ އެވެ. އަދި ފަހު މެޗުގައި ހަންގޭރީ އަތުން ބަލިނުވެ އެޓީމު ސަލާމަތް ވީވެސް ހަމަ ކިރިޔާ އެވެ.