ފުރަތަމަ ސަފްޙާ / ޚަބަރު / ސައްތައިން ސައްތަ ރެކޯޑަކާ އެކު އިޓަލީން ގްރޫޕް ސްޓޭޖް ނިންމާލައިފި

ސައްތައިން ސައްތަ ރެކޯޑަކާ އެކު އިޓަލީން ގްރޫޕް ސްޓޭޖް ނިންމާލައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 20 ޖޫން 2021

ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވަދެ، ސައްތައިން ސައްތަ ރެކޯޑަކާ އެކު އިޓަލީން ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖް ނިންމާލައިފި އެވެ. އިޓަލީގެ ރޯމްގައި ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިޓަލީން މިރޭ ވަނީ 0-1 އިން ވޭލްސް ބަލިކޮށްފަ އެވެ.

އިޓަލީ އަތުން ބަލިވިޔަސް ވޭލްސް ވަނީ ގަދަ 16 އިން ޖާގަ ހޯދާފަ އެވެ. މި ގްރޫޕުގައި މިރޭ ކުޅުނު އަނެއް މެޗުގައި ސްވިޒަލެންޑް ވަނީ 1-3 އިން ތުރުކީ ބަލިކޮށްފަ އެވެ. ގްރޫޕް އޭގެ ކުޅުނު ނިމުނުއިރު އިޓަލީ އެއް ވަނަ ހޯދީ 9 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވޭލްސް އާއި ތިން ވަނަ ލިބުނު ސްވިޒަލެންޑަށް ހަތަރު ޕޮއިންޓް ލިބުނުއިރު ފުލަށް ދިޔަ ތުރުކީ ތިން މެޗުން ވެސް ވީ ބައްޔެވެ. ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ލިބޭ ޓީމުތަކުގެ ލިސްޓުގައި ހިމެނި މުބާރާތުގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު ސްވިޒަލެންޑަށް އަދި އެބައޮތެވެ.

ފުރަތަމަ ދެ މެޗުން މޮޅުވެފައި އޮތުމާއެކު އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ވަނީ މިރޭގެ ފުރަތަމަ އެގާރައަށް 8 ބަދަލު ގެނެސްފަ އެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ބެންޗުގައި ބައިތިއްބައިގެން ވެސް އިޓަލީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަޓެއޮ ޕެސީނާ އެވެ. މިއީ އަނިޔާއަށް ފަހު މިރޭގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު މާކޯ ވެރާޓީ ނަގައިދިން ޖެހުމަކުން ޕެސީނާ ޖެހި ލަނޑެކެވެ.

ވޭލްސް އަށް މެޗުގައި އުނދަގޫވީ 55 ވަނަ މިނެޓުގައި އީތަން އަމްޕަޑޫ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އިޓަލީގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކަށް ދެއްކި މި ރަތްކާޑާ އެކު 20 އަހަރުގެ އަމްޕަޑޫ ވެފައިވަނީ ޔޫރޯގެ ތާރީހުގައި ސީދާ ރަތް ކާޑެއް ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ނުލިބުމާ އެކު މަންޗީނީ އިޓަލީގެ ކޯޗުކަމާ ހަވާލުވެ އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެޓީމުން އެންމެ ފަހުން ކުޅުނު 30 މެޗުން ބަލިވެފައިނުވާއިރު މިރޭގެ މެޗަކީ ބައިކޮޅަށް ގޯލެއް ނުވަދެ އެޓީމުން ނިންމާލި 11 ވަނަ މެޗެވެ. މި 11 މެޗުން މޮޅުވިއިރު އެޓީމުން ވަނީ 32 ލަނޑު ޖަހައިފަ އެވެ.

Image

ސްވިޒަލެންޑާއި ތުރުކީ ވާދަކުރި މެޗުގައި މިރޭ ވިދާލީ ގައުމީ ޓީމުގައި އަބަދުވެސް ތަފާތު ދައްކަމުން އަންދަ ޒެރްދަން ޝަގީރީ އެވެ. ޝަގީރީ މެޗުގައި ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހާރިސް ސެފެރޮވިޗެވެ. މިރޭގެ ދެ ގޯލާ އެކު ޝަގީރީ ވެފައިވަނީ ބައިނަލްއަގްވާމީ ހަތަރު މުބާރާތެއްގައި ޖެހިޖެހިގެން ލަނޑު ޖެހި ސްވިޒަލެންޑުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭނާ މީގެ ކުރިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލަނޑު ޖަހައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!