މިހާރު ކުރިއަށްދާ ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަމިއްލަ ދަނޑުގައި އެތައް ހާސް ސަޕޯޓަރުންނެއް ކުރިމަތީ ހަންގޭރީ އިން މިއަދު ފްރާންސް ހިފަހައްޓައިފި އެވެ. ގްރޫޕް އެފްގައި ހިމެނޭ މި ދެޓީމުގެ ކުރިމަތިލުން މިއަދު އެއްވަރުވީ 1-1 އިންނެވެ.
އެއްވަރުވުމުން މުބާރާތުގެ ގަދަ 16 އަށް ދިއުމަށް ފްރާންސަށް މިވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި 1-0 އިން ޖަރުމަނު އަތުން ހޯދި މޮޅާއެކު، މިއަދު ހަންގޭރީ ބަލިކޮށްގެން ފްރާންސަށް ގަދަ 16 އަށް ދެވުނީހެވެ. އަނެއްކޮޅުން ހަންގޭރީން މިއަދު ޕޮއިންޓެއް ހޯދުމުން މި ގްރޫޕްގެ ފޯރި މިވަނީ އިތުރަށް ގަދަވެފަ އެވެ. އެގައުމަށް ވެސް އަދި މުބާރާތުގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު ބަންދެއް ނުވެ އެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ފްރާންސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތް ޕޯޗުގަލް މިރޭ ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.
މުޅި މެޗުގައި ހަންގޭރީން ވަނީ ފްރާންސާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންދިޔަ ހަންގޭރީގެ ގޯލާ އަމާޒުކޮށް ފުރަތަމަ ހާފުގައި ފްރާންސަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއްނުލެވުނެވެ. އެކަމަކު އެޓީމުގެ ކަރީމް ބެންޒެމާ އަށް މި ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭރިޔާ ތެރެއިން ބެންޒެމާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އެންމެން ސިއްސުވާލުމަށް ފަހު ހަންގޭރީން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރުވަގުތުގަ އެވެ. އެޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ އަޓީލާ ފިއޯލާ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ފްރާންސްގެ މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅުނުއިރު ހަންގޭރީން ދިޔައީ ލީޑު ހިފެހެއްޓޭތޯ މަސައްކަތްކުރަމުންނެވެ. އެކަމަކު ލިބުނު ފަޅި ފުރުސަތުގައި ފްރާންސްގެ އޮންޓުއަން ގްރީޒްމަން ވަނީ 66 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގްރީޒްމަން ޖެހި 7 ވަނަ ލަނޑެވެ. އެނާ އަށް ވުރެ ގިނައިން މި މުބާރާތުގެ ތާރީހުގައި ގޯލު ޖަހާފައިވަނީ 9 ގޯލު ޖަހާފައިވާ މިޝެލް ޕްލަޓީނީ އާއި 11 ގޯލު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މެޗު އެއްވަރުކުރުމަށް ފަހު ފްރާންސުން އިތުރަށް ކުރިއަށްޖެހި ކިލިއަން އެމްބާޕޭ ފޮނުވާލި ބާރު ބޯޅައެއް ހަންގޭރީގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. ދުނިޔޭގެ ޗެމްޕިއަން އަތުން ހޯދި މުހިއްމު ޕޮއިންޓާ އެކު ހަންގޭރީ ޓީމުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އަދި އެގައުމުގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ޓީމު ކުރި މަސައްކަތަށް ތަރުހީބުދީފަ އެވެ.
މި ގްރޫޕުގައި ހިމެނޭ ޕޯޗުގަލް އާއި ޖަރުމަނު ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މިރޭގެ ފަހު މެޗުގައި މެންދަމު 12 ޖަހާއިރު ސްޕެއިން ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.