ފުރަތަމަ ސަފްޙާ / ޚަބަރު / އެނބުރި ގައުމަށް ދާނީ އިރާދަކުރެއްވިއްޔާ މިރޭގެ މެޗު ކާމިޔާބުކޮށްގެން: އަކޫ

އެނބުރި ގައުމަށް ދާނީ އިރާދަކުރެއްވިއްޔާ މިރޭގެ މެޗު ކާމިޔާބުކޮށްގެން: އަކޫ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 15 ޖޫން 2021

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގެ ދެވަނަ ބުރުގެ ގްރޫޕް އޭގައި ރާއްޖެއިން ވާދަކުރާ ފަހު މެޗްގައި މިރޭ ފިލިޕީންސް އާ ދެކޮޅަށް ނުކުންނައިރު މޮޅު ނޫން އެހެން ނަތީޖާއަކަށް އުއްމީދުނުކުރާ ކަމަށާއި، އެނބުރި ގައުމަށް ދާން ބޭނުންވަނީ މިރޭގެ މެޗުން މޮޅުވެގެން ކަމަށް ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް ޢަބްދުލްގަނީ (އަކޫ) ބުނެފި އެވެ.

މިރޭ ރާއްޖެ ހިމެނޭ ގްރޫޕްގެ ތިންވަނައިގައި އޮތް ފިލިޕީންސް އާ ދެކޮޅަށް ދިވެހި ޓީމުން ނުކުންނައިރު މިއީ ދުބާއީ ގައި ކުރިއަށްދާ ކޮލިފިކޭޝަން މެޗްތަކުގެ ތެރެއިން ރާޢްޖެ ވާދަކުރާ ތިން ވަނަ މެޗެވެ. ފުރަތަމަ މެޗްގައި މި މަހުގެ 4 ވަނަ ދުވަހު ގްރޫޕްގެ އެއް ވަނައިގައި އޮތް ސީރިއާ އާ ވާދަކޮށް 0-4 އިން ރާއްޖެ ބަލިވި އިރު ދެވަނަ މެޗްގައި ގްރޫޕްގެ ދެ ވަނައިގައި އޮތް ޗައިނާއާ ބައްދަލުކޮށް ރާއްޖެ ބަލިވީ 0-5 އިންނެވެ.

May be an image of 4 people, people standing, people playing football and ball

ފިލިޕީންސް މެޗަށް ދިވެހި ޓީމުން ތައްޔާރުވަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ގްރޫޕް އޭ ގެ އެންމެ ފުލުގައި އޮތް ގުއާމްއާ ދެކޮޅަށް ރާއްޖެއިން ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނައިގައި ރާއްޖެ އޮތް އިރު މިރޭގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައިވިޔަސް ރާއްޖެ ގްރޫޕްގައި އޮތް މަގާމަކަށް ބަދަލެއް ނާންނާނެ އެވެ. އެކަމަކު މިރޭގެ މެޗް ރާއްޖެއިން ކާމިޔާބުކޮށްފި ނަމަ ޕްލޭ އޮފް މެޗެއް ނުކުޅެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ތިން ވަނަ ބުރަށް ރާއްޖެ ކޮލިފައިވާނެ އެވެ. މިރޭ ފިލިޕީންސް އަތުން ރާއްޖެއަށް މޮޅު ނުވެވިއްޖެ ނަމަ ޕްލޭ އޮފް ކުޅެން ޖެހޭކަން ޔަގީންވާނީ ދެން ހުރި ގްރޫޕްތަކުން ހަތަރު ވަނައަށް އަންނަ ޓީމްތަކުން ނެރެފައިވާ ނަތީޖާތަކަށް ބެލުމަށް ފަހު އެވެ. ޕްލޭ އޮފް ނުކުޅެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ތިން ވަނަ ބުރުން ޖާގަ ލިބޭ އެންމެ ފަހު ހަތަރު ޓީމަށް ވާނީ އަށް ގްރޫޕުން ހަތަރު ވަނައަށް އަންނަ ޓީމްތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެވެ.

May be an image of 3 people, people standing, people playing sports and grass

ރާއްޖޭގެ ޓީމުން ކުރިއަށް ގެންދިޔަ ޕްރެކްޓިހުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

“ސަޕޯޓަރުންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ މިކަހަލަ އުނދަގޫ ވަގުތެއްގަވެސް އަޅުގަނޑުމެން މުޅި ޓީމް އެއްކޮށް މި މަސައްކަތްކުރަނީ ދިވެހި ގައުމަށް ރީތި ނަމެއް ހޯދައިދޭށޭ. އެހެންވީމަ މާދަމާގެ މެޗަށް ހުރިހާ ކުޅުންތެރިންނާ ހުރިހާ އޮފިޝަލުން މި ނިކުންނަނީ ރަގަޅު ނަތީޖާއެއް ނެރެން ތައްޔާރުވެގެން. އިރާދަކުރެއްވިއްޔާ މާދަމާގެ މެޗް ކާމިޔާބުކޮށްގެން އަޅުގަނޑުމެން އެނބުރި ގައުމަށްދާނީ.” މިރޭގެ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ ވާހަކަދައްކަމުން ކެޕްޓަން އަކްރަމް ބުނެފައިވެ އެވެ.

މިރޭގެ މެޗާ މެދު ގައުމީ ޓީމްގެ ކޯޗް މާޓިން ކޫޕްމަންވެސް ހުރީ ބޮޑު އުއްމީދެއްގަ އެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ގައުމީ ޓީމާ ހަވާލުވި ނެދަލޭންޑްސްގެ މާޓިން ކޫޕްމަން ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރޭ ބުނެފައިވަނީ ދިވެހި ޓީމްގެ ސަޕޯޓަރުންނަށްޓަކައި މިރޭގެ މެޗުން މޮޅުވާން ބޭނުންވާ ކަމަށެވެ.

ރާއްޖެ އާ ފިލިޕީންސް ބައްދަލުކުރާ މެޗް ފަށާނީ މިރޭ ރާޢްޖޭގެ ގަޑިން 8 ޖަހާއިރު އެވެ. މި މެޗް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދުރަށް ދައްކާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!