ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެން އިންތިޒާރުކުރާ މަރުގެ ގްރޫޕްގެ މެޗުތައް މިރޭ

އެންމެން އިންތިޒާރުކުރާ މަރުގެ ގްރޫޕްގެ މެޗުތައް މިރޭ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 15 ޖޫން 2021

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މަރުގެ ގްރޫޕްގައި ހިމެނޭ ޗެމްޕިއަން ޕޯޗުގަލް އާއި ހަންގޭރީގެ އިތުރުން ފްރާންސާއި ޖަރުމަނު މިރޭ ފުރަތަމަ މެޗުތަކަށް ނުކުންނާނެ އެވެ.

މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ހަންގޭރީ އާއި ޕޯޗުގަލެވެ. މި މެޗު ކުޅޭނީ ހަންގޭރީގެ ބުދަޕެސްޓުގަ އޮންނަ ޕުސްކަސް އެރީނާގަ އެވެ. ޖަރުމަނާއި ފްރާންސް ވާދަކުރާ މެޗު ކުޅޭނީ މަޝްހޫރު ބަޔާން މިއުނިކްގެ ސްޓޭޑިއަމްގަ އެވެ. މި ދެޓީމުގެ ކުރިމަތިލުން ފަށާނީ މެންދަމު 12 ޖަހާއިރު އެވެ.

ހަންގޭރީ – ޕޯޗުގަލް

ހަންގޭރީ އާއި ޕޯޗުގަލް ބައިނަލްއަގްވާމީ މުބާރާތްތަކުގައި މީގެ ކުރިން ދެ ފަހަރު ވަނީ ވާދަކޮށްފަ އެވެ. 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެޓީމުގެ ކުރިމަތިލުން 3-1 އިން ޕޯޗުގަލް ކާމިޔާބު ކުރިއިރު 2016 ވަނަ އަހަރުގެ ޔޫރޯގައި މިދެޓީމު ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ތާރީހުގައި މި ދެޓީމު ކުޅުނު މެޗުތަކުގެ ތެރެއިން ނުވަ މެޗުން ޕޯޗުގަލް މޮޅުވިއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

2016 ވަނަ އަހަރުގެ ޔޫރޯގައި ޕޯޗުގަލާ އެއް ގްރޫޕެއްގައި ހިމެނި ހަންގޭރީ ވަނީ ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. އެކަމަކު މިފަހަރު ޕޯޗުގަލްގެ އިތުރުން ފްރާންސާއި ޖަރުމަނު އެ ގްރޫޕްގައި ހިމެނޭތީ ހަންގޭރީ އަށް އޮތް ފުރުސަތު ކުޑަކަމަށް ތަކުރިބާކާރުން ބުނެ އެވެ.

Watch Cristiano Ronaldo live in Hungary vs Portugal on September 3 |  Cristiano Ronaldo Daily

މިރޭގެ މެޗަށް ނުކުންނައިރު ޕޯޗުގަލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުހިއްމު ޑިފެންޑަރު ޔާއޯ ކަންސޭލޯ ކޮވިޑަށް ޕޮޒިޓިވްވެ ޓީމުން ބާކީކުރަން ޖެހުމެވެ. އޭނާގެ ބަދަލުގައި ޓީމުގައި ހިމެނީ މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރު ޑިއޯގޯ ޑާލޯ އެވެ.

ހަންގޭރީ ހަތަރު ވަނަ ފަހަރަށް ޔޫރޯގައި ކުޅޭއިރު އެ ޓީމަކީ 1964 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދި ގައުމެކެވެ. އޭގެފަހުން ޔޫރަޕްގައި ވިދުން ފަނޑުވުމަށް ފަހު އެންމެ އެޓީމަށް އެންމެ ކުރިއަށް ދެވުނީ 2016 ވަނަ އަހަރުގެ ޔޫރޯގަ އެވެ. އެކަމަކު ގަދަ 16 އިން އެފަހަރު އެޓީމު ކެޓީ އެވެ.

ޖަރުމަނު – ފްރާންސް

މިއީ ވާދަވެރި މި ދެ ގައުމުން ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުގައި މީގެ ކުރިން ކުޅުނު ފަސް މެޗުގައި ނަތީޖާތައް ނުކުތީ ވަރަށް އެއްވަރަށެވެ. ދެ ފަހަރު ކޮންމެ ޓީމެއް މޮޅުވިއިރު އެއް ފަހަރު ނިމުނީ އެއްވަރުވެގެންނެވެ. 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ފްރާންސުން ވަނީ 2-0 އިން ޖަރުމަނު ބަލިކޮށްފަ އެވެ.

Germany vs. France - Football Match Report - September 7, 2018 - ESPN

މެޗަށް ނުކުންނައިރު ޖަރުމަނުގެ މުހިއްމު މިޑްފީލްޑަރު ލިއޮން ގޮރެޓްޒްކާ ހުރީ އަނިޔާގަ އެވެ. އެކަމަކު މުހިއްމު ކުޅުންތެރިން ކަމަށްވާ އިލްކާއީ ގުންޑޮގާން އާއި ޓޮނީ ކްރޫސް މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅޭނެކަމަށް ބެލެވެ އެވެ.

ފްރާންސްގެ ޓީމަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ ގާތްގަނޑަކަށް 6 އަހަރުފަހުން ސްކޮޑުން ކަރީމް ބެންޒެމާ އަށް ފުރުސަތު ލިބުމެވެ. މުބާރާތުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބެންޒެމާ އަށް އަނިޔާވި ނަމަވެސް މިރޭގެ މެޗަށް އޭނާ ހުރީ ފިޓްކޮށެވެ. އަދި އޮންޓުއަން ގްރީޒްމަން ވެސް ހުރީ ފިޓްކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއީ ފްރާންސްގެ އެޓޭކުގައި މުހިއްމު ދެ ކުޅުންތެރިންނެވެ.

ފްރާންސާއި ޖަރުމަނު އެންމެ ފަހުން ވާދަކުރީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ ފްރާންސެވެ.

މި ގްރޫޕަށް ބަލާއިރު ޕޯޗުގަލް އަކީ އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަނުންނެވެ. ފްރާންސަކީ ދުނިޔޭގެ ޗެމްޕިއަނުންނެވެ. ޖަރުމަނަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ގައުމެވެ. މި ޓީމުތަކާ ދެކޮޅަށް މި ގްރޫޕްގައި ހިމެނޭ ހަންގޭރީ ނުކުންނާނީ އަމިއްލަ ދަނޑުގަ އެވެ. އެގައުމުގެ ޕުސްކަސް ސްޓޭޑިއަމަކީ 60 ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. އަދި ކޮވިޑާ ގުޅިގެން މުބާރާތުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅިނަމަވެސް، އެ ސްޓޭޑިއަމަކީ އެންމެ ގިނަ ސަޕޯޓަރުން މިފަހަރު ވެއްދުމަށް ހުއްދަ ދީފައިވާ ސްޓޭޑިއަމެވެ. މި ހުރިހާ ކަމަކަށް ބަލައި މި ގްރޫޕުގެ ހުރިހާ މެޗެއް ވެސް ވަރަށް ފޯރިގަދަވާނެކަމަށް ބެލެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!