ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް އޭގެ ފުރަތަމަ މެޗުގައި މިރޭ އާޖެންޓީނާ އާއި ޗިލީ ވާދަކުރާނެ އެވެ.
ކޮޕާ އެމެރިކާގެ ތާރީހުގައިވެސް އެންމެ ގިނަ މުބާރާތް ކާމިޔާބުކޮށްފައިވާ އުރުގުއޭއަށް ވުރެ އެއް ފަހަރު މަދުން، މުބާރާތުގެ ތަށި މިހާތަނަށް އުފުލާލައިފައިވާ އާޖެންޓީނާއިން މިފަހަރު ވެސް ނުކުންނަނީ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގަ އެވެ. އެގައުމުން އެންމެ ފަހުން މުބާރާތް ކާމިޔާބު ކުރީ 1993 ވަނަ އަހަރު ފައިނަލުގައި މެކްސިކޯ ބަލިކޮށްފަ އެވެ.
އެއަށް ފަހު ބޭއްވި ދިހަ މުބާރާތުގައި ވެސް އާޖެންޓީނާއަށް ކާމިޔާބެއް ހޯދިފައި ނުވާއިރު ހަތަރު އަހަރު ވަނީ ފައިނަލުގައި ވާދަކޮށް ބަލިވެފަ އެވެ. 2004 އަދި 2007 ވަނަ އަހަރުގެ ފައިނަލުގައި ބްރެޒިލް އަތުން ބަލިވިއިރު 2015 އަދި 2016 ވަނަ އަހަރުގެ ފައިނަލުގައި ބަލިވީ މިރޭ އެގައުމު ވާދަކުރާ ޗިލީ އަތުންނެވެ. އެކަމަކު އެންމެ ފަހުން 2019 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި އާޖެންޓީނާއިން ވަނީ ޗިލީގެ މައްޗަށް ކުރި ހޯދާފަ އެވެ.
އާޖެންޓީނާ އިން ކޮޕާ އެމެރިކާ މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފައި އޮތް ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފައިވާ މެސީ އެ ޖޯޒީ ލާންފެށި ފަހުން ތަށީގައި އަތްނުލެވި އޮތުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަންނަނީ އަމާޒުވަމުންނެވެ. މުބާރާތުގެ ތަށީގައި އަތްލުމާއި އެންމެ ގާތަށް މެސީއަށް އާދެވުނު ދެފަހަރުވެސް ޗިލީ އިން ހުރަސްއަޅައި މެސީގެ އުއްމީދުތައް ފުނޑުފުނޑުކޮށްލިއިރު ޓީމްގެ ކެޕްޓަނަކަށް ހުރީވެސް މެސީ އެވެ. އޭގެ ކުރިން 2007 ވަނަ އަހަރުވެސް މުބާރާތުގެ ފައިނަލްގައި އާޖެންޓީނާއިން ކުޅުނުއިރު މެސީ އެ މެޗްގެ 90 މިނެޓް ފުރުހަމަކުރި އެވެ. އެފަހަރު އާޖެންޓީނާ ބަލިވީ ބްރެޒިލް އަތުންނެވެ.
ކޮޕާ އެމެރިކާގެ ފައިނަލްގައި 2015 އަދި 2016 ވަނަ އަހަރު ޗިލީން އާޖެންޓީނާގެ މައްޗަށް ކުރި ހޯދި އިރު ޗިލީން މުބާރާތުގެ ތަށި އުފުލާލި ހަމައެކަނި ދެ ފަހަރަކީ ވެސް އެއީ އެވެ. 2016 ވަނަ އަހަރުގެ ފައިނަލުން ޗިލީ އަތުން އާޖެންޓީނާ ބަލިވުމާއެކު މެސީ ގައުމީ ޓީމުން ރިޓަޔަރ ވެސް ކުރި އެވެ.
މިރޭ އާޖެންޓީނާ އިން ޗިލީ އާ ދެކޮޅަށް ނުކުންނައިރު މިފަހަރުގެ މުބާރާތް ފުރަތަމަ ހޯސްޓްކުރަން ހަމަޖެހިފައި އޮތް އެއް ގައުމަކީ އާޖެންޓީނާ އެވެ. އެކަމަކު އާޖެންޓީނާގެ ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މުބާރާތް ބާއްވަން އެގައުމުން އުޒުރުވެރިވީ އެވެ.
ގްރޫޕް އޭގެ ފުރަތަމަ މެޗްގައި މިރޭ އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރާއިރު ދެވަނަ މެޗްގައި ކުޅެން ހަމަޖެހިފައި ވަނީ ޕެރަގުއޭ އާއި ބޮލީވިއާ އެވެ. އާޖެންޓީނާ އާއި ޗިލީ ވާދަކުރާ މެޗް ފަށާނީ ރާއްޖޭގެ ގަޑިން މިރޭ މެންދަމު 2 ޖަހާއިރު އެވެ. އާޖެންޓީނާ ހިމެނޭ މި ގްރޫޕްގައި ދެން ހިމެނެނީ މުބާރާތުގެ ތަށި 15 ފަހަރު އުފުލާލައިފައިވާ އުރުގުއޭ އެވެ.
ކޮޕާ އެމެރިކާ މުބާރާތް ރޭ ބްރެޒިލްގައި ފަށާފައިވާއިރު މުބާރާތް ހުޅުވި މެޗްގައި ބްރެޒިލުން ވަނީ ވެނެޒުއޭލާ އާ ވާދަކޮށް 0-3 އިން މޮޅުވެފަ އެވެ. ރޭ ކުޅުނު ދެވަނަ މެޗުގައި ކޮލަމްބިއާ އިން ވަނީ އެކުއެޑޯގެ މައްޗަށް 0-1 އިން ކުރި ހޯދައިފަ އެވެ.