ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ސްޕެއިން އިން އަމިއްލަ ދަނޑުގައި ސްވިޑެންއާ ދެކޮޅަށް ނުކުންނާނެ އެވެ.
ފުރަތަމަ މެޗަށް ނުކުންނައިރު ސްޕެއިން އަކީ މިފަހަރުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. މިދިޔަ 12 ވަރަކަށް އަހަރަށް ބަލާއިރު ސްޕެއިން އަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ގައުމެވެ. އެޓީމުން ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެގައުމުގެ ރަން ޖީލުގައި ގިނަ ކާމިޔާބީތަކެއް ހޯދިނަމަވެސް އޭގެފަހުން ވާދަކުރި ބައިނަލްއަގްވާމީ ތިން މުބާރާތުގައި އެގައުމަށް ކާމިޔާބީ ދެމެހެއްޓޭ ގޮތެއްނުވި އެވެ.
ސްވިޑެންއާ ދެކޮޅަށް ނުކުންނައިރު ސްޕެއިނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުހިއްމު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަނުގައި ހުންނަން ޖެހުމެވެ. އެކަމަކު ކޮވިޑުން ރަނގަޅުވެ ލީޑްސް ޔުނައިޓެޑްގެ ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ މިރޭގެ ޓީމުގައި ހިމެނުމުގެ ފުރުސަތު އެބައޮތެވެ.
ކޮވިޑާ ގުޅިގެން ސްވިޑެންގެ މުހިއްމު ކުޅުންތެރިންތަކެއް މިރޭ ނުކުޅޭނެ އެވެ. އެޓީމުން މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައި ތިބީ ޑެޔަން ކުލުސެވްސްކީ އާއި މަތިއަސް ސްވަންބާގް އެވެ. އެޓީމުގެ އެޓޭކުގައި މިރޭ ކުޅޭނެކަމަށް ބެލެވެނީ އަލެކްސަންޑަ އިސާކް އާއި މާކަސް ބާގް އެވެ.
ދެޓީމުގެ ތަފާސް ހިސާބު
ސްޕެއިން އާއި ސްވިޑެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ތިން ފަހަރު ވަނީ ވާދަކޮށްފަ އެވެ. 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން އަތުން ސްވިޑެން މޮޅުވިއިރު އޭގެފަހުން ކުޅުނު ދެ މެޗުގައި ސްޕެއިން ވަނީ ސްވިޑެން ބަލިކޮށްފަ އެވެ. އެއީ 1978 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ ޔޫރޯގަ އެވެ.
ޔޫރޯ އާއި ވޯލްޑް ކަޕް ހިމެނޭގޮތަށް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ސްޕެއިނަށް ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯގައި ޗެކްރި ޕަބްލިކާ ވާދަކޮށެވެ. ފަހުގެ ތާރީހެއްގައި ސްޕެއިނަށް ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ނުދެވުނީ 2004 ވަނަ އަހަރު ޕޯޗުގަލްގައި އޮތް މުބާރާތުގަ އެވެ.
ސްވިޑެން އަށް ޔޫރޯގައި އެންމެ ފަހުން ލިބުނު ކާމިޔާބީއަކީ އަމިއްލަ ގައުމުގައި 1992 ވަނަ އަހަރު ބޭއްވި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރެވުމެވެ. އެހެންނަމަވެސް އޭގެފަހުން ޔޫރޯގައި އެޓީމަށް ކުރިއެރުމެއް ނުލިބުނެވެ. 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު 2016 ވަނަ އަހަރުގެ ޔޫރޯގައި ސްވިޑެން ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ގްރޫޕް ސްޓޭޖް ފަހަނައަޅައި އެޓީމަށް އެންމެ ފަހުން ދެވުނީ 2004 ވަނަ އަހަރު އެވެ. އެފަހަރު ޕެނަލްޓީ ޖަހައިގެން ބަލިވެ އެޓީމު ކެޓީ ނެދަލެންޑްސް އަތުންނެވެ.
ފަހަކަށް އައިސް ސްވިޑެން އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފޯވާޑުންނަށް ލިބޭ ފުރުސަތުތައް ނިންމާ ނުލެވުމެވެ. ސްވިޑެން އިން މިފަހަރުގެ ޔޫރޯ ސްކޮޑްގައި ތަޖުރިބާކާރު ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް ހިމަނަން ނިންމި އެވެ. އެކަމަކު އޭސީ މިލާނަށް ކުޅޭ އިބްރަހިމޮވިޗަށް އަނިޔާވުމުން އޭނާ އަށް މި މުބާރާތް ވަނީ ގެއްލިފަ އެވެ. އެންމެ ފަހުގެ ޔޫރޯގައި އެޓީމު ގްރޫޕް ސްޓޭޖުން ކެޓިއިރު ޖެހުނީ އެންމެ ގޯލެވެ. އެވެސް ރިޕަބްލިކް އޮފް އަޔަލެންޑުގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ސެވިއްޔާގެ ސްޓޭޑިއަމްގައި ސްޕެއިން އާއި ސްވިޑެން ވާދަކުރާ މެޗު ފަށާނީ މިރޭ މެންދަމު 12 ޖަހާއިރު އެވެ. މިއަދު ހަވީރު 6 ޖަހާއިރު ފަށާ ގްރޫޕް ޑީގެ މެޗުގައި ބައްދަލުކުރާނީ ސްކޮޓްލެންޑާއި ޗެކްރި ޕަބްލިކެވެ. މިރޭ 9 ޖަހާއިރު ކުޅޭނީ ސްޕެއިން ގްރޫޕުގައި ހިމެނޭ ޕޮލެންޑާއި ސްލޮވާކިއާ އެވެ.