ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި އިންގްލެންޑުން އަލަށް މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ. ވެމްބްލީ ސްޓޭޑިއަމްގައި މިއަދު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 0-1 އިންނެވެ.
މީގެ ކުރިން ޔޫރޯގައި ކުޅުނު ނުވަ ފަހަރު ވެސް އިންގްލެންޑަށް މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރެވިފައެއްނުވެ އެވެ. ފުރަތަމަ މެޗުގައި ފަސް ފަހަރު ބަލިވިއިރު އެއްވަރުކުރެވުނީ ހަތަރު މެޗެވެ. އެހެންވެ މިއީ ޔޫރޯގައި އިންގްލެންޑުން ލިޔުނު އާ ސަފްހާއެކެވެ.
މެޗަށް ނުކުތްއިރު އެންމެ ފާހަގަކޮށްލެވުނީ މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއެއް އިންގްލެންޑުގެ ފުރަތަމަ އެގާރައިގައި ނުހިމެނުމެވެ. މިއީ 1992 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުން މި ދެ ކްލަބަށް ނިސްބަތްވާ ކުޅުންތެރިއަކު ނުލައި އިންގްލެންޑުން ޔޫރޯ މުބާރާތުގެ މެޗެއް ފެށި ފުރަތަމަ ފަހަރެވެ.
މެޗުން މޮޅުވިއިރު އިންގްލެންޑުން ވަނީ މޮޅަށް ކުޅެފަ އެވެ. އެކަމަކު މާގިނަ ހަމަލާތަކެއް ކްރޮއޭޝިއާގެ ގޯލާ އަމާޒުކޮށް އެޓީމަށް ފޮނުވައެއްނުލެވުނެވެ. މެޗު ފަށައިގެން އިންގްލެންޑުން އުފެއްދި ފުރަތަމަ ހަމަލާގައި ފިލް ފޯޑެން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
އިންގެލެންޑުގެ ހަމައެކަނި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ޖެހީ ރަހީމް ސްޓާލިން އެވެ. މެދުތެރެއިން ކެލްވިން ފިލިޕްސް ބޯޅަ ހޯދުމަށް ފަހު ވަރަށް ރީތިކޮށް ސްޓާލިން އަށް ދިން ބޯޅަ އޭނާ ވައްދާލީ ގޯލުގެ މެދަށެވެ. ސްޓާލިން ވަނީ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު 17 މެޗުގައި 13 ލަނޑު ޖަހައި 6 ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ.
މުހިއްމު މޮޅާ އެކު އިންގްލެންޑަށް ވަނީ އިތުބާރާ އެކު މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑުވެފަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޗެކްރި ޕަބްލިކާއި ސްކޮޓްލެންޑެވެ.
ޔޫރޯގައި މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ސީގައި ހިމެނޭ އޮސްޓްރިއާ އާއި ނޯތު މެސެޑޯނިއާ އެވެ. މިރޭ 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސީ ގްރޫޕުގެ ނެދަލެންޑްސް އާއި ޔޫކްރޭން އެވެ. މިއީ ނޯތު މެސެޑޯނިއާ ޔޫރޯގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.