ދެކުނު އެމެރިކާގެ ގައުމުރަކުގެ މެދުގައި ކުޅޭ ޝަރަފްވެރި ކޮޕާ އެމެރިކާ މުބާރާތަކީ ވެސް ކޮވިޑް-19 އާގުޅިގެން މިދިޔަ އަހަރު ނުބޭއްވި، ފަސްކުރަންޖެހުނު ފުޓްބޯޅަ މުބާރާތެކެވެ. އެންމެ ފުރަތަމަ މި މުބާރާތް ކޮލަމްބިއާ އަދި އާޖެންޓީނާ ގުޅިގެން ހޯސްޓު ކުރަން ނިންމި ނަމަވެސް ބްރެޒިލްގައި މުބާރާތް ބާއްވަން އެސަރަހައްދުގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމީ މިދިޔަ މެއި މަހުގެ ފަހު ދުވަހު އެވެ. ކޮލަމްބިއާގައި އެގައުމުގެ ސިޔާސީ މަސްރަހު ގޯސްވެ މުބާރާތް ބާއްވަން ދަތިވި އިރު އާޖެންޓީނާގައި މުބާރާތް ނުބޭއްވުނީ އެގައުމުގައި ކޮވިޑުގެ ނުރައްކާ ބޮޑުވުމުންނެވެ.
1916 ވަނަ އަހަރު ފެށި ކޮޕާ އެމެރިކާ މުބާރާތަކީ ދުނިޔޭގެ އެންމެ ދުވަސްވީ ސަރަހައްދީ ފުޓުބޯޅަ މުބާރާތެވެ. އެންމެ ފުރަތަމަ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ފަނަރަ އަހަރު ކުރިން ފެށި ކޮޕާ އެމެރިކާ މުބާރާތުގައި 1993 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދަނީ އުތުރު އެމެރިކާގެ ގައުމުތަކަށް ދައުވަތު ދީ، ބައިވެރި ކޮށްގެންނެވެ. އުތުރު އެމެރިކާގެ ހަތް ގައުމެއް މިހާތަނަށް ކޮޕާ އެމެރިކާގައި ވާދަ ކޮށްފައި ވާއިރު އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައި ވަނީ މެކްސިކޯ އެވެ. އެގައުމުން ވަނީ ދެފަހަރެއްގެ މަތިން މުބާރާތުގެ ފައިނަލުގައި ވާދަ ކޮށްފައެވެ. 1993 ވަނަ އަހަރު އާޖެންޓީނާގެ ގެބްރިއެލް ބަޓިސްޓޫޓާގެ ދެގޯލާއެކު ފައިނަލުގައި ބަލިވީ 2-1 އިންނެވެ. އަދި 2001 ވަނަ އަހަރު އެގައުމު ބަލިވީ ކޮލަމްބިއާ އަތުން 1-0 އިންނެވެ. އެއީ ކޮލަމްބިއާއިން މިހާތަނަށް ކޮޕާ އެމެރިކާ ކާމިޔާބުކުރި ހަމައެކަނި ފަހަރެވެ. އަމިއްލަ ފަސްގަނޑުގައި އެގައުމަށް މުބާރާތް ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑު ކޮލަމްބިއާ އަށް ޖަހައިދިނީ އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އައި އެގައުމުގެ ކެޕްޓަން އިވާން ކޯޑޯބާ އެވެ. އަދި އެންމެ ފަހުން 2019 ވަނަ އަހަރު އޭޝިއާގެ ދެގައުމެއް ވެސް ވަނީ މުބާރާތުގައި ބައިވެރި ކޮށްފަ އެވެ. އެއީ ގަތަރާއި ޖަޕާނެވެ. މި ދެޓީމު ވެސް ކެޓީ މުބާރާތުގެ ގުރޫޕް ސްޓޭޖުންނެވެ.
މުބާރާތް މިރޭ ބްރެޒިލްގައި ފަށާއިރު މިއީ އެގައުމުގައި މުބާރާތް ބާއްވާ ހަވަނަ ފަހަރެވެ. އަދި އެގައުމުގައި މިހާތަނަށް މުބާރާތް ބޭއްވި ފަސް ފަހަރު (1919، 1922، 1949، 1989، 2019) ވެސް ޗެމްޕިއަންކަން ނެގީ ބްރެޒިލް އެވެ. 2019 ވަނަ އަހަރުގެ ކާމިޔާބީއާއެކު ބްރެޒިލް މުބާރާތުގެ ތަށި ދިފާއުކުރަން ނުކުންނަ އިރު އެގައުމުން ވަނީ މިހާތަނަށް 9 ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ބްރެޒިލް އަށް ވުރެ ކުރީގައި އުޅެނީ 15 ފަހަރު މުބާރާތް ކާމިޔާބުކުރި އުރުގުއޭ އާއި، 14 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އާޖެންޓީނާ އެވެ.
ކޮޕާ އެމެރިކާ މިރޭ ބްރެޒިލްގައި ފަށަން ތައްޔާރުވެފައި އޮތް ނަމަވެސް އެ ގައުމު އޮތީ ކޮވިޑްގެ ބިޔަ ރާޅެއްގެ ތެރޭގައެވެ. ދުނިޔޭގައި މިވަގުތު އެންމެ ބާރަށް ކޮވިޑް ފެތުރޭ ދެ ގައުމުގެ ތެރޭގައި ބްރެޒިލް ހިމެނޭއިރު އެ ގައުމުން އެއްޔެ އެކަނިވެސް 75 ހާހަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ ދެ ހާހަށްވުރެ ގިނަ މީހުން އެ ބަލީގައި މަރުވި އެވެ. މިހާބޮޑަށް ކޮވިޑް ފެތުރިފައިވަނިކޮށް މުބާރާތް ބްރެޒިލްގައި ބާއްވަން ނިންމުމުން އެ ގައުމުގެ ރައީސް ޖައޭ ބޮލްސޮނާރޯ އަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ އެ ގައުމުގެ ސްޕްރީމް ކޯޓުންވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަދެފަ އެވެ. އެކަމަކު ފަހުން ސްޕްރީމް ކޯޓުންވެސް ވަނީ މުބާރާތް ބޭއްވުމުގެ ހުއްދަ ދީފަ އެވެ.
ކޮޕާ އެމެރިކާ ބާއްވަން ނިންމުމުން ބްރެޒިލްގެ ރައީސް ހޫނު ފެނަށް!
މިރޭ ފަށާ ކޮޕާ އެމެރިކާ މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލް ވާދަކުރާނީ ވެނެޒުއޭލާ އާއެވެ. ވެނެޒުއޭލާއަށް މުބާރާތުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 2011 ވަނަ އަހަރުގެ މުބާރާތުގެ ހަތަރުވަނަ ހޯދުމެވެ. އެއަހަރު ވެސް ވެނިޒުއޭލާ ހިމެނުނީ ބްރެޒިލްއާ އެއް ގުރޫޕެއްގަ އެވެ. ގުރޫޕުގެ ފުރަތަމަ މެޗުގައި އެއަހަރު ވެސް މި ދެޓީމް ވާދަކުރިއިރު އެމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ކޮޕާ އެމެރިކާގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މެޗުތައް އޮންނަ ރޭ ރާއްޖެ ގަޑިން މެންދަމު 2 ޖަހާއިރު އަދި ފަތިހު 5 ޖަހާއިރެވެ. ގުރޫޕް ސްޓޭޖުގެ މެޗުތައް އޮންނަ ކޮންމެ ރެޔަކުވެސް ދެ މެޗް ކުޅޭނެއެވެ.
އޮސްޓްރޭލިއާ އާއި ގަތަރު ހިމަނައިގެން ކުޅެން އޮތް މި މުބާތާތުގައި މި ދެޓީމް ވާދަނުކުރަން ނިންމީ ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މިއަހަރުގެ މިދުވަސްވަރަށް ފަސްކުރުމާ ގުޅިގެންނެވެ. މިއާ ގުޅިގެން މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ 10 ޓީމެވެ. މިއީ 1991 ވަނަ އަހަރަށް ފަހު ދިހަ ޓީމާއެކު ކޮޕާ އެމެރިކާ ކުޅޭނެ ފުރަތަމަ ފަހަރެވެ.
ދިހަ ޓީމު ދެ ގުރޫޕަކަށް ބަހާލެވިފައި ވާއިރު، ގުރޫޕް އޭގައި ހިމެނެނީ އާޖެންޓީނާ، ބޮލީވިއާ، އުރުގުއޭ، ޗިލީ އަދި ޕެރަގުއޭ އެވެ. ގުރޫޕް ބީގައި ވެނިޒުއޭލާ އާއި ހޯސްޓް ބްރެޒިލްގެ އިތުރުން ދެން ހިމެނެނީ ކޮލަމްބިއާ އާއި އިކުއެޑޯ އަދި ޕެރޫ އެވެ. ކޮންމެ ގުރޫޕެއްގެ ވެސް ފުލަށް ދާ ޓީމު މުބާރާތުން ކަޓާއިރު ގަދަ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ.
ޗިލީ އިން ވަނީ މިހާތަނަށް ކޮޕާ އެމެރިކާ މުބާރާތް އެއް ފަހަރު ދިފާއު ކޮށްފަ އެވެ. 2015 އަދި 2016 ވަނަ އަހަރުވެސް އެޓީމު މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި އާޖެންޓީނާ ބަލިކޮށްގެންނެވެ. ބްރެޒިލް ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން މުބާރާތުގެ ތަށި ދިފާއު ކޮށްފަ އެވެ. އެއީ 1997 އަދި 1999 ވަނަ އަހަރުގެ މުބާރާތުގެ އިތުރުން 2004 އަދި 2007 ގެ މުބާރާތް ކާމިޔާބު ކޮށްގެންނެވެ. އެންމެ ގިނައިން މުބާރާތް ވިދިވިދިގެން ދެފަހަރު ކާމިޔާބުކުރީ އުރުގުއޭ އާއި އާޖެންޓީނާ އެވެ. ދެ ގައުމުން ވެސް ވަނީ ތިން ފަހަރެއްގެ މަތިން މުބާރާތުގެ ތަށި ދިފާއު ކޮށްފަ އެވެ. މީގެ އިތުރުން އާޖެންޓީނާ އަކީ ވިދިވިދިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކުރި ހަމައެކަނި ގައުމެވެ. އެއީ 1945، 1946 އަދި 1947 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްގެންނެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރާ ދިހަ ޓީމުގެ ތެރެއިން ކޮޕާ އެމެރިކާގެ ތަށި ކާމިޔާބު ނުކުރެވި ވަނީ ދެޓީމަށެވެ. އެއީ، ބްރެޒިލް އާ އެއް ގުރޫޕެއްގައި ހިމެނޭ ވެނިޒުއޭލާ އާއި އިކުއެޑޯ އެވެ. 2011 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ޕެރޫ އަތްދަށުވެ ވެނިޒުއޭލާ އަށް މުބާރާތުގެ ހަތަރުވަނަ ލިބުނުއިރު އިކުއެޑޯ ވަނީ ދެފަހަރެއްގެ މަތިން މުބާރާތުގެ ހަތަރުވަނަ ހޯދާފަ އެވެ. އެއީ 1959 ވަނަ އަހަރު އެގައުމުގައި ބޭއްވި މުބާރާތުގެ އިރުރުން 1993 ވަނަ އަހަރުގެ މުބާރާތުންނެވެ.