ފުރަތަމަ ސަފްޙާ / ޚަބަރު / ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެރިކްސަންގެ މެސެޖެއް އިންޓަގެ ގްރޫޕް ޗެޓަށް

ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެރިކްސަންގެ މެސެޖެއް އިންޓަގެ ގްރޫޕް ޗެޓަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 13 ޖޫން 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗްގައި ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން ފަރުވާދެމުން އަންނަ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ފަރުވާ އަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން އިންޓަ މިލާންގެ ކުޅުންތެރިން ހިމެނޭ ގްރޫޕް ޗެޓަށް މެސެޖެއް ފޮނުވައިފި އެވެ.

އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނަށް ކުޅެމުން އަންނަ އެރިކްސަން ކުޅެން ހުއްޓައި ކުއްލި ގޮތަކަށް ދަނޑުމައްޗަށް ވެއްޓުނީ ރޭ ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗްގެ ފުރަތަމަ ހާފް ނިމެން ގާތްވެފައި ވަނިކޮށެވެ. ހާދިސާ އާ ގުޅިގެން އެރިކްސަން އަށް ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓް ވަންދެން ދަނޑު މަތީގައި ކުއްލި ފަރުވާ ދިނުމަށްފަހު ދެން ގެންދިޔައީ ހޮސްޕިޓަލަށެވެ. އެރިކްސަން ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއް ފަހުން ޑެންމާކްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެރިކްސަންގެ ހާލު ރަގަޅުކަމަށް އިއުލާންކޮށްފަ އެވެ. ހާދިސާ އާ ގުޅިގެން ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗް އެވަގުތަށް މެދުކަނޑާލި ނަމަވެސް އެރިކްސަންގެ ހާލު ރަގަޅުވެ ދެ ޓީމްގެ ކުޅުންތެރިންގެ ވެސް އެއްބަސްވުމާއެކު ހާދިސާ ހިނގިތާ ދެ ގަޑިއެއްހާއިރު ފަހުން މެޗް ވަނީ ފަށައިފަ އެވެ. މި މެޗް 0-1 އިން ކާމިޔާބުކުރީ ފިންލެންޑުންނެވެ.

އެރިކްސަންގެ މެސެޖެއް އިންޓަ މިލާންގެ ކުޅުންތެރިން ހިމެނޭ ގްރޫޕް ޗެޓަށް ލިބުނުކަން ހާމަކުރަމުން އެ ކްލަބްގެ ސީއީއޯ ގޫސެޕް  މަރޯޓާ ބުނެފައިވަނީ ޓީމްގެ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ހާދިސާގެ މަންޒަރުތައް ފެނުމާއެކު އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ އެކަމާ ގުޅޭގޮތުން ވާހަކަދެއްކި ކަމަށެވެ.

“ގްރޫޕް ޗެޓްގައި އަހަރެމެން އެކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ދިޔަ ނަމަވެސް އެކަމާ ގުޅޭގޮތުން  އެރިކްސަންގެ ފަރާތުން މައުލޫމާތު  ލިބޭތޯ މަސައްކަތްކުރާކަށް ބޭނުމެއް ނުވި. އަހަރެމެންނަށް އެރިކްސަންގެ ހާލު ރަގަޅުކަން އެގުނު ހިސާބުންވެސް އޭނާ އޮތް ހާލަތަށް އިހްތިރާމްކޮށްގެން އަހަރެމެން އެންމެން ތިބީ މަޑުން.” އިޓަލީގެ ރާއީ ޓީވީ އަށް ދިން އިންޓަވިއު އެއްގައި ސީއީއޯ މަރޯޓާ ބުނެފައިވެ އެވެ.

“އަހަރެންނަށް ހަމައެކަނި ބުނެވެން އޮތީ މީގެ ދިހަވަރަކަށް މިނެޓްކުރިން އެރިކްސަން ގެ މެސެޖެއް އިންޓަގެ ގްރޫޕް ޗެޓަށް ލިބުނު ވާހަކަ. މިއިން ދޭހަކޮށްދެނީ އެރިކްސަން އާ ކުޅުންތެރިންނާ އޮތް ގާތް ގުޅުން. ” މެސެޖްގައި އޮތް އެއްޗެއް ހާމަކުރަން އުޒުރުވެރިވަމުން މަރޯޓާ ރޭ ބުނުފައިވެ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!