މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ރަޝިޔާ ކޮޅަށް ދެ ގޯލް ޖަހައި ބެލްޖިއަމް މޮޅުކޮށްދިނުމަށް އެހީވުމަށްފަހު ފޯވާޑް ރޮމެލޫ ލުކާކޫ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހަނދާން އާކޮށްފި އެވެ.
މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ އެއް ޓީމްކަމަށްވާ ބެލްޖިއަމުން ރޭ 0-3 އިން ރަޝިޔާގެ މައްޗަށް ކުރި ހޯދި މެޗްގެ ކުރިން އެ ގްރޫޕްގައި ހިމެނޭ ޑެންމާކާއި ފިންލެންޑް ވާދަކުރި މެޗްގެ ފުރަތަމަ ހާފް ނިމެން ގާތްވެފައި ވަނިކޮށް ޑެންމާކްގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެރިކްސަން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުމާއެކު ގިނަ އިރުތަކެއް ވަންދެން ދަނޑުމަތީގައި ކުއްލި ފަރުވާ ދިނުމަށްފަހު އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ޑެންމާކްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން، އެރިކްސަން ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެރިކްސަން ހޭ އަރައިފި ކަމަށާއި ކުޅުންތެރިޔާގެ ހާލު ރަގަޅުކަމަށެވެ.
ރޭގެ އެ ހާދިސާ އާ ގުޅިގެން ބެލްޖިއަމް އާއި ރަޝިޔާ ވާދަކުރި މެޗް ފަސްވެދާނެ ކަމުގެ ޝައްކުތަކެއް ފުރަތަމަ ކޮޅު އުފެދުނު ނަމަވެސް އެރިކްސަންގެ ހާލު ރަގަޅު ކަމަށް އިއުލާންކުރުމާއެކު ކުރިން ހަމަޖެހިފައި އޮތް ގަޑީގައި މެޗް ފަށައިގެން ވަނީ ކުރިއަށްގެންގޮސްފަ އެވެ. ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗް އެ ހާދިސާ އާ ގުޅިގެން މެދުކަނޑާލުމަށްފަހު އޭގެ ދެ ގަޑިއިރެއްހާ އިރު ފަހުން މެޗް މެދުކަމނޑާލި ހިސާބުން ފަށައިގެން ވަނީ ކުރިއަށްގެންގޮސްފަ އެވެ.
ރޭ ބެލްޖިއަމުން ރަޝިޔާ އާ ވާދަކުރި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ރަޝިޔާގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އިންޓަ މިލާންގެ ފޯވާޑް ލުކާކޫ ކާމިޔާބުކުރި އިރު އޭނާ ވަނީ އެ ގޯލް ޖެހުމަށް ފަހު ޓީވީ ކެމެރާ އެއްގެ ކުރިމައްޗަށް ވާގޮތަށް ހުރެ އިޓާލިއަން ލީގުގައި އޭނާ އާއެކު އެއް ޓީމަކަށް ކުޅޭ އެރިކްސަން އާ މުހާތަބްކޮށް ލޯބިވާ ވާހަކަ ބުނެފަ އެވެ. މެޗަށް ފަހު ވާހަކަދައްކަމުން ކުރިން ޗެލްސީ އަށާއި މެންޗެސްޓަ ޔުނައިޓެޑަށްވެސް ކުޅެފައިވާ ފޯވާޑް ބުނީ އެރިކްސަން އަށް ދިމާވި ހާދިސާ އާ ގުޅިގެން އޭނާ އަށް ވަރަށް ގިނައިން ރޮވުނު ކަމަށެވެ.
“އަހަރެން ވަރަށް ބިރުގަތް. އަހަރެންނާ އެރިކްސަން އާ އެކު ވަރަށް ގިނަ ވަގުތު ވަނީ ހޭދަކުރެވިފަ. އާއިލާ އާ އެކު ހޭދަކުރާ ވަގުތަށްވުރެ ގިނަ ވާނީ އޭނަ އާއެކު ހޭދަކުރާ ވަގުތު. ” މެޗަށް ފަހު އައިޓީވީ އަށް ދިން އިންޓަވިއުއެއްގައި ލުކާކޫ ބުނެފައިވެ އެވެ.
“އެ ހާދިސާގެ ސަބަބުން މި މެޗް ކުޅެންވެސް އުނދަގޫވި. އަހަރެން އުއްމީދު ކުރަން އޭނަގެ ހާލު ރަގަޅު ކަމަށް. އަހަރެންގެ ފަރާތުން މިރޭ މި ފެނުނު ކުޅުން ހާއްސަ މިކުރަނީ އެރިކްސަން އަށް.”ލުކާކޫ އިތުރަށް ބުންޏެވެ.
ރޭގެ މެޗްގައި ބެލްޖިއަމުން ކާމިޔާބުކުރި ދެވަނަ ލަމޑު މެޗްގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ތޯމަސް މުނިއޭ އެވެ. މެޗްގައި ބެލްޖިއަމުން ޖެހި ފަހު ލަނޑު ލުކާކޫ ކާމިޔާބުކުރީ މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ.
\