ފުރަތަމަ ސަފްޙާ / ޚަބަރު / އެރިކްސެން ދަނޑުމައްޗަށް ވެއްޓުމާއެކު ކުއްލި ފަރުވާ ދެނީ

އެރިކްސެން ދަނޑުމައްޗަށް ވެއްޓުމާއެކު ކުއްލި ފަރުވާ ދެނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 12 ޖޫން 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފިންލެންޑާއި ޑެންމާކް ވާދަކުރަމުން ދިޔަ މެޗުގެ ވަކި ހިސާބަކުން، ޑެންމާންކާގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސެން ދަނޑުމައްޗަށް ވެއްޓި އޭނާ އަށް ކުއްލި ފަރުވާދޭން ފަށައިފި އެވެ.

އެރިކްސަން ވެއްޓުނީ ގާތްގަނޑަކަށް 40 ވަރަކަށް މިނެޓު ކުޅުނުފަހުން ދަނޑުމަތީގައި ހުރެފައި ކުއްލިއަކަށެވެ. އެކަނި ހުރެ ދުވަން ފެށި ވަގުތު އެރިކްސަން ވެއްޓެން ދިޔައިރު އޭނާގެ ގައިގައި ބޯޅައިން ޖެހުނުތައް ފެނުނެވެ.

އެރިކްސަން ދަނޑުމަތީގައި އޮތްއިރު އޭނާ އޮތީ ހޭނެތިފައިކަމަށް ރިޕޯޓުތައް ބުނެ އެވެ. އެރިކްސަނަށް ދިމާވި ހާދިސާއާ ގުޅިގެން ދެޓީމުގެ ސަޕޯޓަރުން ވަރަށް ގަދައަށް ރޯ މަންޒަރު ފެނެ އެވެ. އޭނާއަށް ދަނޑުމަތީގައި ފަރުވާދެމުން އަންނައިރު ޑެންމާކްގެ ކުޅުންތެރިން ތިބީ އޭނާ ވަށާލައިގެންނެވެ. ހުރިހާ ކުޅުންތެރިން ބޮޑު ޝޮކެއްގައި ތިބިއިރު ދަނޑަށް ވަދެ ތިބި ސަޕޯޓަރުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގަ އެވެ.

އެރިކްސަން އަށް ދަނޑުމަތީގައި ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ވަނީ މެޑިކަލް ޓީމުގެ އެހީތެރިކަމާ އެކު ދަނޑުން ބާލާފަ އެވެ. އެރިކްސަން ދަނޑުން ބޭލުވުމަށް ފަހު ދެޓީމުގެ ކުޅުންތެރިން ވެސް މިހާރު ވަނީ ދަނޑުން ފައިބައިފަ އެވެ.

ޔޫއެފާއިން މެޗު ވަކި ވަގުތެއް ނެތްގޮތަށް މިހާރު ވަނީ ފަސްކޮށްފަ އެވެ.

އެރިކްސަންގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ޔޫއެފާއިން ބުނީ، އެރިކްސަންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށާއި ހޮސްޕިޓަލުގައި އިތުރު ޓެސްޓުތައް ހަދަމުންގެންދާ ކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!