ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫރޯ 2020: ވޭލްސް އިން ސްވިޒަލެންޑާ އެއްވަރުކޮށްފި

ޔޫރޯ 2020: ވޭލްސް އިން ސްވިޒަލެންޑާ އެއްވަރުކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 12 ޖޫން 2021

ޔޫއެފާ ޔޫރޯ ޗެމްޕިއަންޝިޕްގައި މިރޭ ގްރޫޕް ބީގައި ހިމެނޭ ވޭލްސް އާއި ސްވިޒަލެންޑް ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ގްރޫޕުގެ ފުރަތަމަ މެޗުގައި ރޭ އިޓަލީން ވަނީ 3-0 އިން ތުރުކީ ބަލިކޮށްފަ އެވެ. މިއަދުގެ މެޗާ އެކު އިޓަލީ ތިން ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ވޭލްސް އާއި ސްވިޒަލެންޑަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ފުލުގައި އޮތީ އިޓަލީ އަތުން ބަލިވި ތުރުކީ އެވެ.

އަޒަރުބައިޖާންގެ ބާކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ސްވިޒަލެންޑުން މޮޅަށް ކުޅެ ވޭލްސްގެ ގޯލަށް ވަނީ ނުރައްކާކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އެކަމަކު މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ކޯނަރަކުން ބޮލުން ސްވިޒަލެންޑުގެ ބްރީލް އެމްބޯލޯ ގޯލު ޖަހައި އެޓީމަށް ލީޑު ނަގައިދިނެވެ. މެޗުގައި އެމްބޯލޯ ވަނީ މޮޅު ކުޅުމެއް ދައްކައި ވޭލްސްގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ.

ސްވިޒަލެންޑް މޮޅުވާން ދަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 74 ވަނަ މިނެޓުގައި ޖެހީ ކިއެފާ މޫ އެވެ. ކާޑިފް ސިޓީގެ ފޯވާޑް މޫ މި ލަނޑު ޖެހީ ބޮލުންނެވެ. މިއީ ވަގުތީގޮތުން ވޭލްސްގެ ކޯޗުކަމުގައި ހުރި ރޮބާޓް ޕޭޖްގެ އިރުޝާދުގެ ދަށުން މޫ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ތިން ވަނަ މެޗެވެ. ދެ ވަނަ ހާފުގައި ލަނޑު ޖެހުމުގެ އިތުރުން ފުރަތަމަ ހާފުގެ ކުރީކޮޅު މޫ ފޮނުވާލި ނުރައްކާތެރި ބޯޅައެއް ސްވިޒަލެންޑުގެ ގޯލްކީޕަރު ޔަން ސޮމާ ވަނީ މަތަކޮށްފަ އެވެ.

މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ސްވިޒަލެންޑުގެ މާރިއޯ ގްރަވަނޮވިޗް ގޯލަށް ވައްދާލި ބޯޅައެއް އެވަގުތު އޭނާ އޮފްސައިޑްގައި ހުރުމުން ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ނިންމުން ބަދަލުކޮށްފަ އެވެ. އެވެ. އޭނާ ގޯލު ޖެހުމުން ދަނޑުގައި ތިބި ސްވިޒަލެންޑުގެ މަދު އަދަދެއްގެ ސަޕޯޓަރުން ވަރަށް ފޯރި ނެގި އެވެ. މިއީ ޔޫރޯގެ ތާރީހުގައި ވީއޭއާރުގެ އެހީގައި ރެފްރީގެ ނިންމުން ބަދަލުކުރި ފުރަތަމަ ފަހަރެވެ.

މި ގްރޫޕުގައި އަންނަ ބުދަ ދުވަހު ވޭލްސް އިން ތުރުކީއާ ދެކޮޅަށް ނުކުންނައިރު ސްވިޒަލެންޑް ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!