ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ޗައިނާ އަތުން 5-0 އިން ބަލިވެ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ގްރޫޕުގެ ތިން ވަނަ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.
ރާއްޖެ އަށް ތިން ވަނަ ނުލިބޭނެކަން ޔަގީންވީ މިރޭ ފިލިޕީންސުން 0-3 އިން ގުއާމް ބަލިކުރުމުންނެވެ. ރާއްޖެ އަށް ހަތް މެޗުން 6 ޕޮއިންޓާ އެކު ހަތަރު ވަނަ ލިބުނުއިރު ފިލިޕީންސް ތިން ވަނައިގައި އޮތީ ހަތް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ގުއާމަށް ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕުގެ އެއް ވަނަ ކަށަވަރު ކޮށްފައިވަނީ ހަތް މެޗުން 21 ޕޮއިންޓް ހޯދި ސީރިއާ އެވެ. އެޓީމުން ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ. ގްރޫޕުގެ ދެ ވަނަ ލިބުނީ 16 ޕޮއިންޓް ހޯދާފައިވާ ޗައިނާ އަށެވެ.

މިރޭގެ މެޗަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މިފަހަރުގެ ކޮލިފައިންގައި ރާއްޖޭގެ އަމާޒަކީ 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. ހަތަރު ވަނަ ޖާގަ ލިބުމުން ރާއްޖޭން ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު ބޮޑީ ޕްލޭ އޮފް ބުރުގަ އެވެ. ހަތަރު ވަނަ ލިބޭ 8 ގައުމުގެ ތެރެއިން ކޮލިފައިންގެ ތިން ވަނަ ބުރުން ފުރުސަތު ލިބޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ގައުމަށެވެ. ރާއްޖެ މިވަގުތު އޮތީ އެތަނުން 6 ވަނައިގަ އެވެ. ރާއްޖޭގެ ފަހަތުން އޮތް ސްރީ ލަންކާ އާއި ނޭޕާލަށް ވަނީ ޕްލޭ އޮފް ކުޅެން ޖެހޭކަން ކަށަވަރުވެފަ އެވެ. ރާއްޖެއަށް ޕްލޭ އޮފް ބުރު ނުކުޅެ ކޮލިފައިންގެ ތިން ވަނަ ބުރުގެ ސީދާ ޖާގައެއް ލިބުމުގެ ފުރުސަތެއް އޮތީ ފަހު މެޗުގައި ފިލިޕީންސް ބަލިކޮށްގެންނެވެ. އޭރުން އެ ޖާގަ ލިބޭނީ އަފްގާނިސްތާނުން ފަހު މެޗުގައި ނެރޭ ނަތީޖާއަށް ބެލުމަށްފަހުގަ އެވެ.
މެޗުގައި ޗައިނާގެ ފުރަތަމަ ލަނޑު ފަސް ވަނަ މިނެޓުގައި ޖެހީ ބިންބިން ލިއޫ އެވެ. ދެ ވަނަ ލަނޑު 30 ވަނަ މިނެޓުގައި ލެއި ވޫ ޖެހިއިރު ތިން ވަނަ ލަނޑު 68 މިނެޓުގައި ޖެހީ އަލަން އެވެ. އެޓީމުގެ ހަތަރު ވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖެހީ ޔޫނިން ޒާންގް އެވެ. 79 ވަނަ މިނެޓުގައި ފަހު ލަނޑު ކާމިޔާބުކޮށްދިނީ ލޯންގް ޓެން އެވެ. ޗައިނާ އިން ވަނީ ކޮލިފައިންގައި ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ވެސް 5-0 އިން ރާއްޖެ ބަލިކޮށްފަ އެވެ.

އުމެއިރު އަތުން ބޯޅަ ހޯދަން ޗައިނާގެ ކުޅުންތެރިން މަސައްކަތްކުރަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މިރޭގެ މެޗުގައި ރާއްޖޭގެ ކޯޗު ރޮނާލްޑް ކޫޕްމަން ވަނީ ފަހު 15 މިނެޓަށް އަލީ އަޝްފާގް (ދަގަނޑޭ) ކުޅެން އަރުވައިފަ އެވެ. ދަގަނޑޭ އަށް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗު ގެއްލުނީ ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ޗައިނާއިން މެޗުގައި ގިނަ ގޯލުތަކެއް ޖެހިނަމަވެސް ރާއްޖޭގެ ޓީމުން ވަނީ މެޗުގައި ބޯޅަ ހިފަހައްޓައިގެން ކޮންމެވެސް ވަރަކަށް ކުޅެ ބައެއް ހަމަލާތައް އުފައްދައިފަ އެވެ.
މި ގްރޫޕުގެ ފަހު މެޗުތައް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެދުވަހުގެ ރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު ރާއްޖޭން ފިލިޕީންސާ ދެކޮޅަށް ނުކުންނައިރު އެރޭ 10 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޗައިނާ އާއި ސީރިއާ އެވެ.