ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ފަސްކުރި ޔޫރޯ 2020 ފުޓްބޯޅަ މުބާރާތް މިރޭ އިޓަލީގެ ރޯމްގައި ފަށާނެ އެވެ. 24 ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ގްރޫޕް އޭގައި ހިމެނޭ އިޓަލީ އާއި ތުރުކީ އެވެ.
މުބާރާތުގައި މިފަހަރުގެ 51 މެޗު ކުޅޭނީ ތަފާތު 11 ގައުމެއްގަ އެވެ. މިރޭ މެންދަމު ފަށާ މުބާރާތުގައި އިޓަލީގެ ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯ ދަނޑަށް 16 ހާސް ސަޕޯޓަރުން ވަންނާނެ އެވެ. މެޗަށް ނުކުންނައިރު މި ދެޓީމަކީ ވެސް ފަހަކަށް އައިސް މޮޅު ފުޓްބޯޅައެއް ކުޅެމުން އަންނަ ދެ ޓީމެވެ.
ތުރުކީގެ ޓީމުގައި ފްރާންސް ލީގު ޗެމްޕިއަންކަން ހޯދި ލިލް ޓީމުގެ ތަޖުރިބާކާރު ފޯވާޑް ބޫރަކް ޔިލްމާޒް އާއި މިޑްފީލްޑަރު ޔޫސުފް ޔަޒީކީ އާއި ޒެކީ ސްލިކް ހިމެނެ އެވެ. މެޗަށް ނުކުންނައިރު ތުރުކީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮލިފައިންގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ގެންކް ޓޮސެން އަނިޔާގައި ހުރުމެވެ. އޭޕްރީލް މަހު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޓޮސެން އަށް ވަނީ މިފަހަރުގެ ޔޫރޯގައި ނުކުޅެވޭނެކަން ކަށަވަރުވެފަ އެވެ. ތުރުކީ ޓީމުގެ ކުރި ލީޑް ކުރާނީ 35 އަހަރުގެ ފޯވާޑް ޔިލްމާޒް އެވެ.
އިޓަލީން މިރޭގެ މެޗަށް ނެރޭނެ ކަމަށް ބެލެވެނީ މިދިޔަ ހަފްތާގައި ޗެކްރި ޕަބްލިކާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ނެރުނު ފުރަތަމަ 11 ކަމަށް ބެލެވެ އެވެ. އެޓީމުގެ މުހިއްމު މިޑްފީލްޑަރު މާކޯ ވެރާޓީ އަނިޔާގައި ހުރުމުން ބަދަލުގައި މިރޭ ކުޅޭނެކަމަށް ބެލެވެނީ މަނުއެލް ލޮކާޓެލީ އެވެ. އެޓީމުގައި މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރީ ޑޮމެނިކޯ ބެރާޑީ އެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ގޯލު ޖެހި ބެރާޑީ މިރޭ ފުރަތަމަ އެގާރައި ހިމެނޭނެކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ރޯމާގެ މިޑްފީލްޑަރު ލޮރެންޒޯ ޕެލެގްރީނީ އަށް މިދިޔަ ބުދަ ދުވަހު އަނިޔާވެ މުބާރާތް ގެއްލިދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.
މެޗުގެ ތަފާސް ހިސާބު
ތުރުކީ އަށް މިހާތަނަށް އިޓަލީ ބަލިކުރެވިފައެއްނުވެ އެވެ. މި ދެޓީމުގެ 10 ކުރިމަތިލުމުގެ ތެރެއިން ހަތް މެޗުން އިޓަލީ މޮޅުވިއިރު ތިން މެޗު ވީ އެއްވަރެވެ. އެކަމަކު އެންމެ ފަހުން މި ދެޓީމު ވާދަކުރި ދެ މެޗު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެއީ 2002 ވަނަ އަހަރާއި 2006 ވަނަ އަހަރު ކުޅުނު ރަހްމަތްތެރިކަމުގެ މެޗުތަކެކެވެ.
ޔޫރަޕްގެ މުބާރާތެއްގައި މިދެޓީމުގެ ކުރިމަތިލުން ހަމައެކަނި ފެނުނީ 2000 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. މީގެ 21 އަހަރު ކުރިން މިދުވަހު ކުޅުނު މެޗުން އިޓަލީ ވަނީ 2-1 އިން މޮޅުވެފަ އެވެ. އިޓަލީއާ ދެކޮޅަށް އުއްމީދުގައި ތުރުކީން މިފަހަރު ނެރެނީ ޒުވާން ސްކޮޑެކެވެ. އެޓީމުގައި ހިމެނޭ ކުޅުންތެރިންގެ އެވްރެޖް ސްކޮޑް އުމުރަކީ 24 އަހަރާއި 352 ދުވަހެވެ. މިއާއެކު އެޓީމު ވެފައިވަނީ މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ސްކޮޑް ހިމެނޭ ޓީމަށެވެ.
މިފަހަރުގެ ޔޫރޯ އަށް ކޮލިފައިވި ޓީމުތަކުގެ ތެރެއިން މުބާރާތާ ހަމައަށް އެންމެ ފޯމުގައި އައި ޓީމަކީ އިޓަލީ އެވެ. އެންމެ ފަހުން ކުޅުނު 27 މެޗުން ވެސް އިޓަލީ ބަލިވެފައި ނުވާއިރު ޖެހިޖެހިގެން އަށް މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ. ރޮބާޓޯ މަންޗީނީގެ ކޯޗުކަމުގައި ބޮޑު ކުރިއެރުމެއް ހޯދި އިޓަލީން މި މޮޅުތައް ހޯދީ ބައިކޮޅަށް އެންމެ ގޯލެއްވެސް ނުވަދެ އެވެ. މުބާރާތުގެ ފުރަތަމަ މެޗަށް ނުކުންނައިރު އެޓީމު ކޮޅަށް ގޯލެއް ނުވަންނަތާ މިހާރު ވަނީ 13 ގަޑިއިރުގެ ފުޓްބޯޅަ ހޭދަވެފަ އެވެ. 2018 ވަނަ އަހަރުގެ ފަހުން ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗަކުން ބަލިނުވެ އިޓަލީން މިރޭ ޔޫރޯގެ ދަތުރު ފަށަނީ އަހަރުތަކަކަށް ފަހު ގައުމަށް ތައްޓެއް ގެންދިއުމުގެ އުއްމީދުގަ އެވެ.