ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫރޯ މިރޭ ފަށަނީ، މިހިރީ އެނގެން ބޭނުންވާ މުހިއްމު ކަންކަން

ޔޫރޯ މިރޭ ފަށަނީ، މިހިރީ އެނގެން ބޭނުންވާ މުހިއްމު ކަންކަން

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 11 ޖޫން 2021

ކޮވިޑް-19 ގެ ޕެންޑަމިކާ ގުޅިގެން މިދިޔަ އަހަރު ކުޅެން އޮތް ޔޫއެފާ ޔޫރޯ ޗެމްޕިއަންޝިޕް ފަސްކުރުން ވެގެންދިޔައީ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބުނު ބޮޑު މާޔޫސްކަމަކަށެވެ. ދެން ކުރެވުނީ އެއަށްވުރެ ހިތްދަތި ތަޖުރިބާއެކެވެ. މުޅި ދުނިޔެއަށް ކޮވިޑްގެ ރާޅުތައް ފުލުފުލުން ބިންދާލައި ފުޓްބޯޅަ މެޗުތައް ކުޅެވޭނެތޯ ސުވާލު އުފެދުނެވެ. އެކަމަކު ކޮވިޑާއެކު ދިރިއުޅުން ކުރިއަށްގެންދަން ނިންމައި ސަޕޯޓަރުންނަށް ނުވަދެވޭގޮތަށް ޔޫރަޕްގެ ވަރުގަދަ ލީގުތައް ފެށި އެވެ. އެއަށްފަހު ފުޓްބޯޅަ ކުރިއަށް ގެންދިއުމުގެ ފުރުސަތުތައް ފަހިވެ މިދިޔަ އަހަރު ކެންސަލްކުރި ޔޫރޯ ފުޓްބޯޅަ މުބާރާތް މިއަހަރަށް ފަސްކުރީ އެވެ. މުބާރާތް ބާއްވަން ޝެޑިއުލްކުރިތާ އަހަރެއް ފަހުން މިއަދަކީ ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ފަށާ ދުވަހެވެ.

24 ޓީމު ވާދަކުރާ މިފަހަރުގެ މުބާރާތް ކުރިއަށްދާނީ ޔޫރަޕްގެ ތަފާތު 11 ގައުމެއްގަ އެވެ. މިރެއިން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށްދާއިރު މިއީ އެކި ގައުމުތަކަށް ތަފާތު ސަބަބުތަކާ ހެދި ހާއްސަ މުބާރާތެކެވެ. ސްކޮޓްލެންޑުގައި 1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މުބާރާތުގެ މެޗުތައް ކުޅޭއިރު އިނގިރޭސީންގެ ހުރިހާ މެޗެއްހެން ކުޅެން ޝެޑިއުލްކުރެވިފައި އޮތީ އަމިއްލަ ގައުމުގަ އެވެ. މިގޮތުން އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑް ނިސްބަތްވާ ގްރޫޕްގެ މެޗުތައް ކުޅޭއިރު އެޓީމު ގަދަ 16 އަށް ދަތުރުކޮށްފި ނަމަ ކުޅެންޖެހޭ މެޗާއި މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. ގްރޫޕްގެ އެއް ވަނަ ހޯދަ ގަދަ 16 އިން ކުރި ހޯދައިފި ނަމަ އިނގިރޭސިން ކުޅޭ ކުއާޓާ ފައިނަލް މެޗު އޮންނާނީ އިޓަލީގެ ރޯމްގަ އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި މިރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު ވާދަކުރާނީ ތުރުކީ އާއި އިޓަލީ އެވެ. އިޓަލީގެ ރޯމް އާއި ލަންޑަންގެ އިތުރުން މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސްކޮޓްލެންޑްގެ ގްލާސްގޯ، ނެދަލެންޑްސްގެ އަމްސްޓެޑަމް، އަޒަރުބައިޖާންގެ ބާކޫ، ރޫމޭނިއާގެ ބުކަރެސްޓް، ހަންގޭރީގެ ބުޑަޕެސްޓް، ރަޝިއާގެ އެސްޓީ ޕީޓަސްބާގް، ޑެންމާކްގެ ކޯޕެންހޭގަން، ޖަރުމަނުގެ މިއުނިކް، އަދި ސްޕެއިންގެ ސެވިއްޔާ އެވެ. މި 11 ސްޓޭޑިއަމްގައި ޖުމްލަ ކުޅުމަށް ހަމަޖެހިފައިވަނީ 51 މެޗެވެ.

ސަޕޯޓަރުންނަށް ވަދެވޭނެތަ؟

ވޯލްޑް ކަޕަށް ފަހު ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ގައުމުތަކުން ތައްޔާރުވާއިރު އެންމެ މުހިއްމު ބަޔަކީ ސަޕޯޓަރުންނެވެ. ސަޕޯޓަރުންނަކީ ޗެމްޕިއަންކަން ކަށަވަރުކުރުމުގައި ކޮންމެ ޓީމެއްގެވެސް މައި އާރުކާޓީ އެވެ. ކޮވިޑާ އެކު ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިފަހަރުގެ ޔޫރޯގައި ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ޖަވާބަކީ މިފަހަރުގެ ހުރިހާ މެޗަކަށް ވެސް ކޮންމެވެސް އަދަދަކަށް ސަޕޯޓަރުން ވައްދަން ޔޫއެފާއިން ނިންމާފައިވާކަމެވެ.

ކޮވިޑާ ގުޅިގެން މެޗުތަކަށް ސަޕޯޓަރުން ނުވެއްދޭނެކަމުގެ ބިރުވެރިކަން އުފެދުމުން ބައެއް މެޗުތައް ކުޅެން ހަމަޖެހުނު ސްޓޭޑިއަމްތައް ވަނީ ބަދަލުކޮށްފަ އެވެ. މިގޮތުން އަޔަލެންޑްގެ ޑަބްލިންގެ މެޗުތަކާއި ސްޕެއިންގެ ބިލްބާއޯގެ ސްޓޭޑިއަމްގައި ކުޅެން އޮތް މެޗުތައް ބަދަލުކުރަން ޖެހުނީ ސަޕޯޓަރުން ވައްދައިގެން ކުޅެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނުލިބުމުންނެވެ. ޑަބްލިންގައި ކުޅެން އޮތް މެޗުތައް ރަޝިއާ އާއި ލަންޑަނަށް ބަދަލުކުރިއިރު ބިލްބާއޯގައި ކުޅުމަށް ޝެޑިއުލްކުރި މެޗުތައް ބަދަލުކުރީ ސްޕެއިންގެ ސެވިއްޔާ އަށެވެ.

Puskás Arena Budapest - Dynamic Tours DMC Budapest

ހަންގޭރީގައި މުބާރާތް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމް. އެންމެ ގިނަ ސަޕޯޓަރުން ވެއްދުމަށް ހަމަޖެހިފައިވަނީ މި ދަނޑަށް

މިފަހަރުގެ މުބާރާތުގެ އެންމެ ގިނަ ސަޕޯޓަރުން ފެންނާނީ ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅޭ މެޗުތަކުގަ އެވެ. 68 ހާސް މީހުންގެ ޖާގައިގެ ޕުސްކަސް އެރީނާ ސްޓޭޑިއަމަށް 100 ޕަސެންޓް ކެޕޭސިޓީގައި ސަޕޯޓަރުން ވައްދަން އެގައުމުން އަންނަނީ ތައްޔާރުވަމުންނެވެ. ސްކޮޓްލެންޑުގައި ގްލާސްގޯގައި ހުންނަ ހަމްޕްޑެން ޕާކާއި ވެމްބްލީ ސްޓޭޑިއަމަށް 25 ޕަސެންޓަށް ވާވަރަށް ސަޕޯޓަރުން ވައްދަން ވަނީ ނިންމައިފަ އެވެ. މި ނިންމުމާއެކު ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ މެޗުތަކަށް 22500 ސަޕޯޓަރުން އަދި ހަމްޕްޑެން ޕާކަށް 12000 ސަޕޯޓަރުން ވަންނާނެ އެވެ. ކޮވިޑާ ގުޅިގެން އިނގިރޭސި ވިލާތުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ޖޫން 21 ވަނަ ދުވަހު އުވާލައިފި ނަމަ ޔޫރޯގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗަށް 90 ހާސް ސަޕޯޓަރުން ވެމްބްލީ ސްޓޭޑިއަމަށް ވަންނާނެކަމަށް ބެލެވެ އެވެ. އެހެން ދަނޑުތަކަށް ބަލާއިރު ރަޝިއާގައި ކުޅޭ މެޗުތަކާއި އަޒަރުބައިޖާންގައި ކުޅޭ މެޗުތަކަށް 50 ޕަސެންޓް ސަޕޯޓަރުންނަށް ވަދެވޭނެ އެވެ. ދެން ހުރި ދަނޑުތަކަށް ސަޕޯޓަރުން ވެއްދުމަށް ނިންމާފައިވަނީ 22 ޕަސެންޓާއި 45 ޕަސެންޓާ ދެމެދުގެ އަދަދަކަށެވެ. ދަނޑުތަކަށް ސަޕޯޓަރުން ވައްދާ އަދަދު ކަނޑައަޅާފައިވަނީ އެގައުމުތަކުންނާއި ސްޓޭޑިއަމްތައް ނިސްބަތްވާ ސަރަހައްދުތަކުންނެވެ.

ސަޕޯޓަރުންނަށް އެކި ގައުމުތަކުގައި އެކި އުސޫލު

ބައިނަލްއަގްވާމީ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކަށް ޓިކެޓް ގަތުން އަބަދުވެސް އޮންނަނީ ވާދަވެރިކޮށެވެ. ކޮވިޑްގެ ކުރިން ބޭއްވި ވޯލްޑް ކަޕާއި ޔޫރޯގައި މެޗުތަކުގެ ޓިކެޓް ހުސްވުމުން ދެން ފެނުނީ ބްލެކް މާކެޓްގައި ޓިކެޓް ވިއްކިތަނެވެ. މިދިޔަ އަހަރު ބާއްވަން އޮތް ޔޫރޯގެ ކުރިން މުބާރާތުގެ ޓިކެޓްތައް އެތައް ހާސް ސަޕޯޓަރުންނެއް 2019 ވަނަ އަހަރު ގަތެވެ. ޓިކެޓް ނެގި ފަރާތްތަކަށް މާޔޫސްކަން ލިބުނީ މުބާރާތް ކެންސަލްކޮށް ޓިކެޓަށް ދެން ވާނެގޮތެއް ނޭނގުމުންނެވެ. އެއްބަޔަކު ޓިކެޓްތައް ކެންސަލްކޮށް ރީފަންޑް ކުރިއިރު އަނެއްބަޔަކު ތިބީ ކޮންމެ ދުވަހަކުން މުބާރާތް ބޭއްވިޔަސް އެ ޓިކެޓްތަކުގައި މެޗުތައް ބެލުމަށް ތައްޔާރަށެވެ.

A fun getaway or a death sentence? England fans heading to the World Cup...

އިނގިރޭސި ސަޕޯޓަރުންތަކެއް ޓީމަށް ތަރުހީބު ދެނީ. ބައެއް ސްޓޭޑިއަމްތަކަށް ވަދެވޭނީ ކޮވިޑަށް ޓެސްޓް ކުރުމަށްފަހު

މިފަހަރުގެ މުބާރާތުގައި ސަޕޯޓަރުން ވެއްދުމަށް އެކި ސްޓޭޑިއަމްތަކުގައި ކަނޑައަޅާފައިވަނީ އެކި އުސޫލުތަކެވެ. އެކަމަކު ކޮންމެ ސްޓޭޑިއަމަކަށް ވެސް ވަދެވޭނީ މާސްކް އަޅައިގެންނެވެ. މާސްކް ނާޅާ ދަނޑަށް ވަދެވޭނެ ހަމައެކަނި ހާލަތަކީ ޑޮކްޓަރުގެ ސެޓްފިކެޓަކާ އެކު ސަބަބު ބަޔާންކޮށްފައި އޮތުމެވެ.

ދަނޑަށް ވަނުމުގެ ކުރިން ސަޕޯޓަރުން ކޮވިޑަށް ޓެސްޓް ކުރުމާ މެދު ސްކޮޓްލެންޑާއި އަޒަރުބައިޖާން އާއި ޖަރުމަނުން އަދި ގޮތެއް ނުނިންމަ އެވެ. ލަންޑަނާއި ރޫމޭނިއާގެ އިތުރުން ހަންގޭރީ، ޑެންމާކް އަދި އިޓަލީގައި ކުޅޭ މެޗުތަކަށް ވަނުމުގެ ކުރިން ކޮވިޑްގެ ނެގަޓިވް ސާމްޕަލަކުން ދަނޑަށް ވަދެވޭނެ އެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާނަމަ ކޮވިޑަށް ޓެސްޓް ނުކޮށް ވެސް އެ ދަނޑުތަކަށް ވަދެވޭނެ އެވެ. ނެދަލެންޑްސް، ސްޕެއިން އަދި ރަޝިއާގައި ކުޅޭ މެޗުތަކަށް ވަނުމަށް ސަޕޯޓަރުން ކޮވިޑަށް ޓެސްޓްކުރުން މަޖުބޫރުއިރު ރަޝިއާގައި ކުޅޭ މެޗުތަކަށް ވަނުމުގެ ކުރިން ސަޕޯޓަރުންގެ ޓެމްޕަރޭޗާ ބެލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ކޮވިޑާ އެކު ދެން އައީ ކޮން ބަދަލުތަކެއް؟

މީގެ ކުރިން މުބާރާތްތައް ކުރިއަށްގެންދިޔައީ އެތައް އަހަރެއް ކުރިން ރޭވިގެންނެވެ. އެއްވެސް ކަމެއް ބަދަލުނުވާ ގޮތަށް ހުރިހާ ކަމެއް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން ފައިނަލް ކުރެ އެވެ. އެކަމަކު ކޮވިޑްގެ އާލަމީ ވަދާބައި ދުނިޔެ ކުރާ ތަޖުރިބާގައި މިފަހަރުގެ ޔޫރޯ އިން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މިރޭ މުބާރާތް ފަށާއިރު އަދިވެސް ބައެއް ކަންކަމުގައި ކުދިކުދި ބަދަލުތައް ދަނީ އަންނަމުންނެވެ. އިންގްލެންޑާއި ސްކޮޓްލެންޑް ނިސްބަތްވާ ގްރޫޕްގައި ހިމެނޭ ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކުން އެންމެ ފުރަތަމަ ނިންމީ ސްކޮޓްލެންޑްގައި ކޭމްޕް ކުރުމަށެވެ. އެކަމަކު ކޮވިޑްގެ އުސޫލުތަކާއި ގުޅިގެން މި ދެޓީމުން ވެސް މިހާރު ނިންމާފައިވަނީ ކޮންމެ މެޗެއް ކުޅުމަށް އިނގިރޭސި ވިލާތައް ދިއުމަށެވެ. ސްކޮޓްލެންޑްގައި ހަދާފައިވާ އުސޫލުގެ ދަށުން ޓީމެއްގެ ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ މުޅި ޓީމު ކަރަންޓީނުވާން ޖެހޭނެ އެވެ.

ޔޫރޯގައި ވާދަކުރާ މުހިއްމު ބައެއް ކުޅުންތެރިން. ކޮންމެ މެޗެއްގެ ކުރިން ޓީމުގެ ހުރިހާ މެމްބަރުން ކޮވިޑަށް ޓެސްޓް ކުރާނެ

ކޮވިޑާ ގުޅިގެން ގެންނަން ޖެހުނު އަނެއް ބަދަލަކީ 23 ކުޅުންތެރިން އާއްމުކޮށް ހިމަނާ ސްކޮޑްގައި މިފަހަރު 26 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ދިނުމެވެ. މުބާރާތުގައި ވާދަކުރާ ސްޕެއިންގެ ޓީމުގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެގައުމުން ވަނީ 26 ކުޅުންތެރިންގެ ލިސްޓުން ބައެއް ޖާގަތައް ދީފަ އެވެ. މީގެ އިތުރުން މިފަހަރުގެ ޔޫރޯގައި ފަސް ބަދަލު ކުރުމަށް ނިންމާފައި ވުމަކީވެސް ކޮވިޑާ އެކު މުބާރާތަށް ގެންނަން ޖެހުނު ބޮޑު ބަދަލެކެވެ. ހުރިހާ ކުޅުންތެރިން ވެކްސިން ފުރިހަމަކުރުން މަޖުބޫރު ނޫންނަމަވެސް ކޮންމެ މެޗެއްގެ ކުރިން މުޅި ޓީމު އެއްކޮށް ކޮވިޑަށް ޓެސްޓުކުރަން ޖެހޭނެ އެވެ.

ކޮންމެއަކަސް ބައިނަލްއަގްވާމީ ފުޓްބޯޅައަށް އައި ދިގު ބްރޭކަށް ފަހު މިއީ އެތައް ބަޔަކަށް ހިތްހަމަޖެހުން ގެނެސްދޭނެ ދުވަހެކެވެ. ފުޓްބޯޅައިގެ އީދެއް ފަށަން ތައްޔާރުވާއިރު މިއީ މުޅި ދުނިޔެ އިންތިޒާމުކުރަމުން އައި ބޮޑު ދުވަހެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!