ފުރަތަމަ ސަފްޙާ / ޚަބަރު / ފާޑުކިޔުން އަމާޒުވެ ޗައިނާ ޓީމަށް އިމްޕޯޓްކުރި ކުޅުންތެރިންނަށް ބޮޑު ޕްރެޝަރެއް

ފާޑުކިޔުން އަމާޒުވެ ޗައިނާ ޓީމަށް އިމްޕޯޓްކުރި ކުޅުންތެރިންނަށް ބޮޑު ޕްރެޝަރެއް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 11 ޖޫން 2021

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ވާދަކުރާ ޗައިނާ ޓީމުގައި ހިމެނޭ އެހެން ގައުމުތަކަށް އުފަން ކުޅުންތެރިންނަށް އެންމެ ފަހުން އެ ޓީމުން ފިލިޕީންސް އާ ދެކޮޅަށް ކުޅުނު މެޗްގައި އެންމެ އެކަށީގެންވާ ކުޅުން ދެއްކިފައި ނުވުމުގެ ސަބަބުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ގްރޫޕް އޭގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ޗައިނާ އިން ފިލިޕީންސް އާ ދެކޮޅަށް ކުޅުނު މެޗް 0-2 އިން ކާމިޔާބުކުރި އިރު އޭގެ ތެރެއިން ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި މެޗުން ޗައިނާ މޮޅުވި ނަމަވެސް އެ ޓީމަށް މިހާރު ވަނީ ގްރޫޕް އޭގެ އެއްވަނަ ނުލިބޭނެ ކަން ކަށަވަރުވެފަ އެވެ. ކޮލިފިކޭޝަނަށް އެންމެ ބޮޑަށް ތައްޔާރުވި ޗައިނާއަށް ގްރޫޕްގެ އެއްވަނަ ގެއްލުނުކަން ޔަގީންވީ ގްރޫޕްގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވާ ސީރިއާ އިން އެންމެ ފަހުން ގުއާމާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރުމުންނެވެ. ހަތް މެޗުން 21 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އޭޝިއަން ކަޕްގެ ޖާގައެއް ކަށަވަރުކޮށް ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ތިން ވަނަ ބުރުން ސީރިއާ ޖާގަ ހޯދައިފައި ވާއިރު ޗައިނާއަށް ކޮލިފިކޭޝަންގެ ތިންވަނަ ބުރުން މިހާރު ޖާގަ ލިބެން އޮތީ ގްރޫޕްގައި ރާއްޖެ އާ ދެކޮޅަށް ކުޅޭ މެޗްގެ އިތުރުން ސީރިއާ އާ ދެކޮޅަށް ކުޅޭ މެޗ ކާމިޔާބުކޮށް ކޮންމެ ގްރޫޕަކުންވެސް ދެވަނަ ހޯދާ ޓީމްތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމްގެ ތެރޭގައި ހިމެނިގެންނެވެ.

ޗައިނާގެ ރަށްވެހިކަން ދީގެން ގައުމީ ޓީމަށް ކުޅުވަމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އެއް ކުޅުންތެރިއަކީ ބްރެޒިލްއަށް އުފަން ފޯވާޑް އައި ކެސެން އެވެ. އެންމެ ފަހުން ޗައިނާ އިން ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗްގައި އައި ކެސެންގެ ހުނަރުވެރިކަން ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް ގޯލް ޖެހުމުގައި އޭނާގެ ފަރާތުން ތޫނުފިލިކަމެއް ނުފެނުނެވެ.

ޗައިނާ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑަށް އުފަން ޑިފެންޑަރު ޖިއަން ގްއަންގްޓާއި ގެ ފަރާތުން އެ ޓީމުން އެންމެ ފަހުން ގުއާމް އާއި ފިލިޕީންސް އާ ދެކޮޅަށް ކުޅުނު މެޗްގައި ކޮންމެވެސް ވަރެއްގެ ކޮންސިސްޓެންސީއެއް ހިފެހެއްޓިތަން ފެނުނު ނަމަވެސް ސީރިއާ ފަދަ ވަރުގަދަ ޓީމްތަކާއެކު ކުޅޭއިރު އެކަން ފެނިދާނެ ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޗައިނާގެ ޓީމަށް އެންމެ ފަހުން އިތުރުކުރި ބްރެޒިލަށް އުފަން ކުޅުންތެރިޔާ އެލަން މިހާތަނަށް އެ ޓީމަށް ކުޅުނު ދެ މެޗްގައިވެސް ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތަނެވެ. އެންމެ ފަހުން ފިލިޕީންސް އާ ދެކޮޅަށް ކުޅުނު މެޗަށް އޭނާ ކުޅެން އެރީ މެޗް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ.

ޗައިނާގެ ޓީމްގައި ތިބި ބޭރު ގައުމުތަކަށް އުފަން ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނޭ އިންގްލެންޑްގެ ލި ކޭ އަށް އަދި އެއްވެސް މެޗެއްގައި ކުޅުމުގެ ފުރުސަތެއް ކޯޗް ލީ ޓާއި ދީފައެއް ނުވެ އެވެ.

“ޗައިނާގެ ޓީމަށް ކުރީގެ ކޯޗް މާޗެލޯ ލިއްޕީ އިރުޝާދު ދިން ހިސާބުން ފެށިގެން މިއަދާއި ހަމައަށް އައިއިރުވެސް ޓީމްގައި ހިމެނޭ ބޭރު ގައުމުތަކަށް އުފަން ކުޅުންތެރިންގެ ބޭނުން ހިފުނު ތަނެއް އަހަރެންނަކަށް ނުފެނުނު.” ޗައިނާގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ލީ ވީފެންގް ޗައިނާ ޑެއިލީ އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވެ އެވެ.

“ބަލިކަށި ޓީމްތަކާ ދެކޮޅަށް ކުޅޭއިރު ގޯލް ޖެހުމަކީ ވަރަށް އާދައިގެ ކަމެއް. ގައުމުން ބޭރުން ގެނައި ކުޅުންތެރިންގެ ކުރިމަތީގައި އޮތް ހަގީގީ އިމްތިހާނަކީ ވާދަވެރި ވަރުގަދަ ޓީމްތަކާ ދެކޮޅަށް އެ ކުޅުންތެރިންނަށް ނަތީޖާ ނެރެވޭކަން ދެއްކުން.” ވީފެންގް ބުނެފައިވެ އެވެ.

ޗައިނާއިން ފިލިޕީންސްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗް ކާމިޔާބުކުރި ނަމަވެސް އެ ޓީމަށް އެންމެ އެކަށީގެންވާ ގޮތެއްގައި މެޗް ޑޮމިނޭޓްކުރެވިފައެއް ނުވެ އެވެ. މެޗުގައި ޗައިނާ އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ޗައިނާއަށް އުފަން ދެ ކުޅުންތެރިންނެވެ. ގްރޫޕްގައި މިރޭ ރާއްޖެއާ ދެކޮޅަށް ޗައިނާ އިން ކުޅޭ މެޗުން މޮޅުވި ނަމަވެސް ގްރޫޕްގެ ފަހު މެޗްގައި ސީރިއާ އަތުން ބަލިވެއްޖެ ނަމަ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗައިނާއަށް އިތުރަށް ކުރިއަށްދިއުމުގެ ފުރުސަތު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!