ފުރަތަމަ ސަފްޙާ / ޚަބަރު / ސަންޗޯއަށް ޔުނައިޓެޑުން ހުށަހެޅި ބިޑް ޑޯޓްމަންޑުން ބޭރުކޮށްލައިފި

ސަންޗޯއަށް ޔުނައިޓެޑުން ހުށަހެޅި ބިޑް ޑޯޓްމަންޑުން ބޭރުކޮށްލައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 11 ޖޫން 2021

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ޖޭޑަން ސަންޗޯ ގަތުމަށް މެންޗެސްޓަ ޔުނައިޓެޑުން  ހުށަހެޅި 67 މިލިއަން ޕައުންޑްގެ ބިޑް ޑޯޓްމަންޑުން އަނބުރާ ރައްދުކޮށްފި އެވެ.

އުމުރުން 21 އަހަރުގެ ސަންޗޯ ވިއްކަން ޑޯޓްމަންޑުން ބޭނުންވާ އަގަކީ އެނގިފައިވާ ގޮތުގައި 77.5 މިލިއަން ޕައުންޑެވެ. އަދި ބޯނަސް ފައިސާގެ ގޮތުގައި 4.25 މިލިއަން ޕައުންޑް އެ ކްލަބުން އިތުރަށް ބޭނުންވެ އެވެ. ސަންޗޯގެ ޓްރާންސްފާ އާ ގުޅޭގޮތުން ބީބީސީ ސްޕޯޓްސްގައި ލިޔެފައިވާ ހަބަރެއްގައިވާ ގޮތުން ޔުނައިޓެޑުން ހުށަހެޅި ބިޑް ޑޯޓްމަންޑުން ގަބޫލުނުކޮށް އަނބުރާ ރައްދުކުރި އަނެއް ސަބަބަކީ  ސަންޗޯގެ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ފަސް އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ޔުނައިޓެޑުން ހުށަހަޅައިފައި އޮތުމެވެ. ޑޯޓްމަންޑުން ބޭނުންވަނީ އެ ފައިސާ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ ކްލަބަށް ލިބޭގޮތް ވުމަށެވެ. އެ ހަބަރުގައި ބުނެފައިވާ ގޮތުން ޔުނައިޓެޑުން މިހާރު އަންނަނީ އެ ބިޑް އަލުން މުރާޖައާ ކުރުމާ މެދު ވިސްނަމުންނެވެ.

ސަންޗޯ ހޯދުމަށްޓަކައި މީގެ އެއް އަހަރު ކުރިންވެސް ޔުނައިޓެޑުން ވަނީ މަސައްކަތްކޮށްފަ އެވެ. އެފަހަރުވެސް ޔުނައިޓެޑުން މަސައްކަތްކުރީ ޑޯޓްމަންޑުން ކަނޑައެޅި އަގަށްވުރެ ކުޑަ އަގެއް ދީގެން އެ ކްލަބް ރުއްސޭތޯ އެވެ. އެފަހަރުގެ ތަޖްރިބާއާއެކު މިފަހަރު ސަންޗޯ ހޯދުމަށް އެ ޓީމުން ކުރާ މަސައްކަތް ނާކާމިޔާބުވާން ބޭނުންވާނެ ކަމަކަށް ނުބެލެވެ އެވެ.

ސަންޗޯ އާއެކު ޑޯޓްމަންޑުން ހަދާފައިވާ އެގްރީމެންޓްގައިވާ ގޮތުން ހޫނު މޫސުމުގެ ވަކި ހިސާބަކަށް ދިއުމުގެ ކުރިން އެއްވެސް ބަޔަކު އޭނާ ގަންނަން ހުށަހަޅައި އަދި އެ ހުށަހެޅި އަގަކީ ސަންޗޯ ވިއްކަން އެކަށީގެންވާ އަގެއްކަމަށް ޑޯޓްމަންޑަށް ފެނިއްޖެ ހިނދެއްގައި ސަންޗޯ އަށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ލިބެ އެވެ. ބެލެވޭ ގޮތުގައިސަންޗޯ ގެންދަން ޔުނައިޓެޑުން އެދޭ ނަމަ އޭނާ ގެންދިއުމާ މެދު ޑޯޓްމަންޑާއެކު އެންމެ ލަސްވެގެންވެސް އަންނަ މަހުގެ ކުރީ ކޮޅު އެއްބަސްވުމަކަށް އަންނަންޖެހޭނެ އެވެ.

ސަންޗޯ އަކީ ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ ހޯދަން ބޭނުންވާ ކުޅުންތެރިންގެ ތެރެއިން ލިސްޓްގެ އެންމެ ކުރީގައި އޮތް އެކަކެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!