އަންނަ ހުކުރު ދުވަހުގެ ރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޯރި އިތުރުކުރުމަށާއި، މި ނޫހުގެ ކިޔުންތެރިންނާއި ގާތް ގުޅުމެއް ބޭއްވުމުގެ މަގްސަދުގައި “ފަހުމިނެޓް ފޭންސް ޔޫރޯ 2020” ގެ ނަމުގައި މުބާރާތެއް ތައާރަފްކޮށް އެ މުބާރާތުގެ ކޮލިފިކޭޝަންގައި ވާދަކުރުމުގެ ފުރުސަތު ނޫހުގެ ފަރާތުން ރޭ ހުޅުވާލައިފި އެވެ.
ޖުމްލަ 24 ބައިވެރިންނާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ކޮލިފިކޭޝަންގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު 3 ޖެހުމާ ހަމައަށް ހުޅުވާލެވިފައިވާ އިރު މުބާރާތުން ފުރުސަތު ހޯދުމަށްޓަކައި ބައިވެރިވާން އެދޭ ފަރާތްތަކުން ހަމައެކަނި ކުރަން ޖެހޭ ކަމަކީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލިކަން އިއުލާންކުރުމުގެ ގޮތުން މި ނޫހުގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ޕޯސްޓަށް ކޮމެންޓް ކުރުމަށްފަހު ކޮމެންޓަށް ރިއެކްޝަން ހޯދުމެވެ. ކޮމެންޓްގައި ހަމައެކަނި ލިޔާނީ މުބާރާތަށް ހާއްސަކުރެވިފައިވާ ހޭޝްޓެގެވެ. މުބާރާތަށް ކޮލިފައިވާނީ އެންމެ ގިނަ ރިއެކްޝަން ހޯދާ 24 ބައިވެރިއެކެވެ.
“ފަހުމިނެޓް ފޭންސް ޔޫރޯ 2020” ގައި ވާދަކުރާ ބައިވެރިން ކަށަވަރުވުމާއެކު އެއިން ކޮންމެ ބައިވެރިޔަކަށްވެސް 12 ގައުމެއްގައި މިފަހަރު ކުރިއަށްގެންދާ ޔޫރޯ ޗެމްޕިއަންޝިޕްގައި ވާދަކުރާ ކޮންމެވެސް އެއް ޓީމަކާ މެޗް ކުރެވޭނެ އެވެ. ފޭންސް ޔޫރޯއިން ފުރުސަތު ލިބޭ 24 ބައިވެރިންގެ ތެރެއިން ކޮންމެ ބައިވެރިޔަކަށް ލިބޭ ޓީމް ކަނޑައަޅާނީ އެ ފަރާތަކުން ކުރި ކޮމެންޓަށް ލިބުނު ރިއެކްޝަންގެ އަދަދަށް ބަލައިގެން ތަރުތީބުންނެވެ. މިގޮތުން އެންމެ ގިނަ ރިއެކްޝަން ލިބޭ ފަރާތެއް މެޗް ކުރެވޭނީ މިފަހަރުގެ ޔޫރޯ ގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި އެންމެ ކުރީގައި އޮތް ޓީމާ އެވެ. މި ފަހަރުގެ ޔޫރޯގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ފުޓްބޯޅަ ރޭންކިން ގައި އެންމެ ކުރީގައި އޮތީ ބެލްޖިއަމް ކަމަށްވުމާއެކު އެންމެ ގިނަ ރިއެކްޝަން ހޯދާ ފަރާތަކަށް ލިބޭނީ ބެލްޖިއަމް އެވެ. ދެން ތިބި ބައިވެރިންނަށް ލިބޭ ޓީމްވެސް ކަނޑައަޅާނީ މ އުސޫލުންނެވެ.
ފޭންސް ޔޫރޯގައި ވާދަކުރާ 24 ބައިވެރިން ޔޫރޯ ޗެމްޕިއަންޝިޕެކޭ އެއްގޮތަށް ފުރަތަމަ ވާދަކުރާނީ ގްރޫޕް ސްޓޭޖްގަ އެވެ. މުބާރާތުގައި އެ ބައިވެރިންނަށް އިތުރަށް ކުރިއަށް ދެވޭނީ އެ ބައިވެރިއަކަށް ލިބިފައިވާ ޓީމް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި ނަމަ އެވެ. ޓީމް ކަޓާ ހިސާބުން އެ ޓީމެއް ލިބުނު ބައިވެރިޔާވެސް ކަޓާނެ އެވެ. ފައިނަލަށް ހޮވޭ ފަރާތްތަކާއި، ޗެމްޕިއަންކަން ލިބޭ ފަރާތް ކަނޑައަޅާނީ މި އުސޫލުގެ މަތިންނެވެ.
މުބާރާތުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނަ ލިބޭ ފަރާތަކަށް ހާއްސަ އިނާމެއް ދޭން މި ނޫހުގެ ފަރާތުން ވަނީ ނިންމައިފަ އެވެ. އަދި ވަރަށް އަވަހަށް މި ނޫހުގެ ފަރާތުން އިނާމުތައް އިއުލާންކުރާނެއެވެ..
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް ފަށާނީ އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ.