ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ މޮޅު ފޯވާޑް ނުލައި ސީރިއާ އިން ރެކޯޑް ދަމަހައްޓަން ނުކުންނަނީ

އެންމެ މޮޅު ފޯވާޑް ނުލައި ސީރިއާ އިން ރެކޯޑް ދަމަހައްޓަން ނުކުންނަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 4 ޖޫން 2021

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ރާއްޖެއާ ދެކޮޅަށް ނުކުންނައިރު އަނިޔާގެ ސަބަބުން ސީރިއާގެ އެންމެ މޮޅު ފޯވާޑް އޮމާރް އަލް ސޯމާ އަށް ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

ކޮލިފައިންގެ ގްރޫޕް އޭގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ސަތޭކަ ޕަސެންޓް ރެކޯޑާ އެކު ސީރިއާ އޮތީ އެއް ވަނައިގަ އެވެ. މިރޭ ރާއްޖެ ބަލިކުރަން ނުކުންނައިރު ކެޕްޓަން އަލް ސޯމާ ނެތުމަކީ އެޓީމަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. ކޮލިފައިންގައި އަލް ސޯމާ މިހާތަނަށް ހަތް ލަނޑު ޖަހާފައިވާއިރު 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސިރިއާ އިން 2-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިކުރިއިރު ދެ ލަނޑު ވެސް ޖެހީ އަލް ސޯމާ އެވެ. އަނިޔާގެ ސަބަބުން މިދިޔަ ތިން މަހެއްހާ ދުވަހު އަލް ސޯމާ ހުރީ ކުޅުމާ ދުރުގަ އެވެ. އުމުރުން 32 އަހަރުގެ އަލް ސޯމާ ވަނީ މިހާތަނަށް ސީރިއާ ޓީމަށް ކުޅުނު 26 މެޗުގައި 15 ލަނޑު ޖަހައިފަ އެވެ. އޭނާ ކުޅެމުން އަންނަނީ ސައުދީ އަރަބިއާގެ އަލް އަހްލީ އަށެވެ. އަލް ސޯމާގެ އިތުރުން ޓީމުގެ މުހިއްމު އިތުރު ތިން ކުޅުންތެރިއަކަށް އަނިޔާވެ ރާއްޖެއާ ދެކޮޅަށް ނުކުޅެވޭނެ އެވެ.

ލަނޑު ޖެހުމަށް ފަހު ސީރިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ. މި ގްރޫޕްގައި ސައްތައިން ސައްތަ ރެކޯޑް ހަމައެކަނި އޮތް ގައުމަކީ ސީރިއާ

ރާއްޖެ ބަލިކޮށްފި ނަމަ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަށް ދަތުރު ކުރުމަށް ބާކީ ދެ މެޗުން ސީރިއާ އަށް ބޭނުންވާނީ ދެ ޕޮއިންޓެވެ. ސީރިއާ ވަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމާ ވަރަށް ގާތަށް ޖެހިލާފަ އެވެ. އެޓީމަށް ވޯލްޑް ކަޕް ފުރުސަތު ގެއްލުނީ ޕްލޭ އޮފުން ބަލިވުމުންނެވެ.

ކޮލިފައިންގެ ފުރަތަމަ ފަސް މެޗު ކާމިޔާބު ކުރިއިރު ސީރިއާގެ ކޯޗަކަށް ހުރީ ފަޖުރު އިބްރާހީމް އެވެ. އޭނާ މަގާމުން ވަކިވުމުން ސީރިއާގެ ކޯޗުކަމާ މިދިޔަ އަހަރުގެ މާޗް މަހު ހަވާލުވީ މާލޫލް އެވެ. ޓިއުނީޝިއާ އަށް އުފަން މާލޫލް ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ސީރިއާ ކޮލިފައިކޮށްދިނުން ކަމަށެވެ. ވޯލްޑް ކަޕަށް ދިއުމަށް ކުރާ ދަތުރުގައި މިރޭ ރާއްޖެ ބަލިކުރުން މަޖުބޫރުކަމަށާއި، މެޗު ފަސޭހަ ނުވާނެކަމަށް ކޯޗު ވަނީ ބުނެފަ އެވެ.

“ރޭންކިންގައި އަހަރެމެން ކުރީގައި އޮތުމަކީ ރާއްޖެ މެޗު ފަސޭހަވާނެ ސަބަބެއް ކަމަށް ނުދެކެން. ޓީމުގައި އަނިޔާގައި މައްސަލަތައް ގިނައިރު މެޗުގެ ކުރިން އަހަރެން އެވާހަކަތައް ދައްކާކަށް ބޭނުމެއް ނޫން. ޓީމުގައި ތިބި ކުޅުންތެރިންނަށް ނަތީޖާ ނެރެވޭވަރަށް ރަނގަޅު ކުޅުމެއް ދެއްކޭނެ” ފުރަތަމަ މެޗުގައި ރާއްޖެ އަތުން ލިބުނު އުނދަގޫ މޮޅާ އެކު މިރޭގެ މެޗު ފަސޭހަ ނުވާނެކަން ހާމަކުރަމުން މާލޫލް ބުންޏެވެ.

ގައުމީ ޓީމާ އެކު ދަގަނޑޭ ދުބާއީގައި ޕްރެކްޓިސް ކުރަނީ. ކޮވިޑަށް ޕޮޒިޓިވްވުމުން މިރޭގެ މެޗުގައި ނުފެންނާނެ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ސީރިއާގެ މުހިއްމު ފޯވާޑް އަނިޔާގައި ހުރިއިރު މި ދެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ލަނޑު ޖެހި ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑަށް ޕޮޒިޓިވްވުމުން މި މެޗުގައި ނުފެންނާނެ އެވެ. އުމުރުން 35 އަހަރުގެ ދަގަނޑޭ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ.

މި ގްރޫޕްގައި ރާއްޖެ އަށް ބާކީ ތިން މެޗު އޮތްއިރު ހަ ޕޮއިންޓާ އެކު ރާއްޖެ އޮތީ ހަތަރު ވަނައިގަ އެވެ. 15 ޕޮއިންޓުގައި އޮތް ސީރިއާ ބަލިކުރެވިއްޖެ ނަމަ ތިން ވަނައިގައި އޮތް ފިލިޕީންސް ރާއްޖެއަށް ފަހަތަށް ޖައްސާލެވޭނެ އެވެ. އެޓީމު ތިން ވަނައިގައި އޮތީ ލިބުނު ހަތް ޕޮއިންޓާ އެކު އެވެ. އަނެއްކޮޅުން ރާއްޖޭން މިރޭ ސީރިއާ ހިފަހައްޓައިފި ނަމަ ގްރޫޕްގެ އެއް ވަނަ އަށް އަރަން ޗައިނާ ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ އެވެ. ޗައިނާ މިވަގުތު އޮތީ 10 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. މި ގްރޫޕްގެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މި ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އެންމެ ފުރަތަމަ ނިންމީ ޗައިނާގަ އެވެ. އެކަމަކު ރާއްޖެ ހިމެނޭގޮތަށް ފިލިޕީންސާ ސީރިއާ އަށް ޗައިނާ އަށް ނުދެވުމުން ފަހު ވަގުތު މެޗުތައް ދުބާއީ އަށް ބަދަލުކުރީ އެވެ. ދުބާއީގެ ޝަރްޖާހް ސްޓޭޑިއަމްފައި ރާއްޖެއާ ސީރިއާ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީ އިން ވަގުތުން ދައްކާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!