ބާސެލޯނާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށާއި، ހަޔާތުގެ އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ހުންނާނީ ބާސެލޯނާގައި ކަމަށް ސްޕެއިންގެ ތަޖްރިބާކާރު ޑިފެންޑަރު ޖޯޑީ އަލްބާ ބުނެފި އެވެ. މިވަގުތު ސްޕެއިންގެ ގައުމީ ޓީމާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ އަލްބާ މިހެން ބުނެފައި މިވަނީ އޭނާ ބާސެލޯނާ ދޫކޮށްލަފާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.
“އަހަރެންގެ ކޮންޓްރެކްޓްގައި އަދި ބާކީ ތިން އަހަރު އެބައޮތް. އަހަރެން ގަބޫލުކުރަނީ އަހަރެނަނަށް އެ މުއްދަތު ފުރިހަމަ ކުރެވޭނެ ކަމަށް. ކްލަބްގެ ނިންމުން ކޮންމެ ގޮތަކަށް އަޔަސް އަހަރެން ބޭނުންވަނީ އަހަރެންގެ މުޅި ހަޔާތް ބާސެލޯނާގައި ހޭދަކުރަން.” އަލްބާގާގެ ޓްރާންސްފާ އާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އަޭނާ ބުނެފައިވެ އެވެ.
2012 ވަނަ އަހަރު ވެލެންސިއާ އިން ބާސެލޯނާއަށް ބަދަލުވުމަށްފަހު މިހާތަނަށް ކްލަބްގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި 388 މެޗް އަލްބާ ކުޅެފައިވާ އިރު އޭނާ ވަނީ ބާސެލޯނާ އާއެކު ފަސް ފަހަރު ލީގު ކާމިޔާބުކޮށް، އެއް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމުގެ ޝަރަފް ހޯދައިފަ އެވެ.
ބާސެލޯނާ އަށް މިދިޔަ ސީޒަނުން ފެށިގެން ދިމާވަމުން އައި މައްސަލަތަކާއެކު ޓީމުން ގެއްލިދާނެ ކަމަށް އަޑު ފެތުރިފައިވާ ކުޅުންތެރިންގެ ތެރޭގައި އަލްބާގެ އިތުރުން ދެން ހިމެނޭ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ކެޕްޓަން ލިއޮނަލް މެސީ އެވެ. ބާސެލޯނާ އާއެކު މެސީ ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު މި ހޫނު މޫސުމުގައި ހަމަވާ އިރު އަދިވެސް އިތުރު އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ބާސެލޯނާގެ ކޯޗްކަމުގެ މަގާމާ ހަވާލުވި ނެދަލޭންޑްސްގެ ރޮނަލްޑް ކޫމަންގެ މުސްތަގްބަލާ ދޭތެރޭވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އަލްބާގެ އުއްމީދަކީ މި ދެ މީހުންވެސް ބާސެލޯނާގައި މަޑުކުރުމެވެ.
“އަހަރެން އުއްމީދުކުރަނީ މެސީގެ ކުރިމަގާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިމޭނެ ކަމަށް. ކޯޗާއެކު އެއްބަސްވުމެއް އަދި އެބަ އޮތް. މިދިޔަ ސީޒަންވެސް ދިޔައީ ރަގަޅަށް. ގޮތް ނިންމާނީ ކްލަބްގެ ރައީސް. އަހަރެމެން ނިންމާ ގޮތަކާ ރުހޭނަން.” އަލްބާ ބުންޏެވެ.