ފުރަތަމަ ސަފްޙާ / ޚަބަރު / ކޮޕާ އެމެރިކާ ބާއްވަން ނިންމުމުން ބްރެޒިލްގެ ރައީސް ހޫނު ފެނަށް!

ކޮޕާ އެމެރިކާ ބާއްވަން ނިންމުމުން ބްރެޒިލްގެ ރައީސް ހޫނު ފެނަށް!

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 2 ޖޫން 2021

ކޮވިޑް 19 ގެ ހާލަތުން އަރައި ނުގަނެވި ގިނަ ބަޔަކު އަދިވެސް ބައްޔަށް ޕޮޒިޓިވް ވަމުން އަންނަނިކޮށް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ބްރެޒިލްގައި ބާއްވަން ނިންމުމުން އެގައުމުގެ ރައީސް ޖެއާ ބޮލްސޮނާރޯ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މި މަހުގެ 14 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އާޖެންޓީނާ އާއި ކޮލަމްބިޔާގައި ބާއްވަން ކުރިން ނިންމާފައި އޮތް ނަމަވެސް އެންމެ ފަހު ވަގުތު ބްރެޒިލްގައި މުބާރާތް ބާއްވަން ނިންމި ކޮވިޑްގެ ހާލަތާއި ގުޅިގެން އާޖެންޓީނާ އާއި ކޮލަމްބިޔާގައި މުބާރާތް ކުރިއަށްގެންދެވެން ނެތްކަމަށް އެ ދެ ގައުމުން ބުނުމާ ގުޅިގެންނެވެ. ގައުމީ ޓީމްތައް ބައިވެރިވެގެން ދުބިޔޭގައި ބާއްވަން ފެށި އެންމެ ދުވަސްވީ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ބްރެޒިލްގައި ބާއްވަން ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓްބޯޅައިގެ މައި އިދާރާ ކޮމްބޯލް އިން މިދިޔަ ހޯމަ ދުވަހު ނިންމި އިރު ބްރެޒިލް އަކީ މުޅި ދުނިޔެއިންވެސް ތިން ވަނަ އަށް އެންމެ ގިނަ އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެ އަދި ދެވަނައަށް އެންމެ ގިނަ މީހުން އެ ބަލީގައި މަރުވެފައިވާ ގައުމެވެ. މިހާތަނަށް ބްރެޒިލްގެ 16 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި ހަތަރު ލައްކައަށްވުރެ ގިނަ މީހުން އެ ގައުމުން މަރުވެފައިވާ އިރު އިއްޔެ އެކަނިވެސް 77 ހާހަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ ދެ ހާހަށްވުރެ ގިނަ މީހުން އެ ބަލީގައި މަރުވި އެވެ.

އެންމެ ފަހުން ބޭއްވުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް ހޯސްޓްކުރި ބްރެޒިލުން އަނެއްކާވެސް މި ދަނޑިވަޅުގައި މުބާރާތް ބާއްވަން ނިންމުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކުންނާއި، އާންމުންގެ ގިނަ ބައެއްގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ރައީސް ބޮލްސޮނާރާ އަށް އަމާޒުވެފައިވާ އިރު އެ ގައުމުގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރަކު ވަނީ މުބާރާތް ބްރެޒިލްގައި ބާއްވަން ރައީސް ނިންމި ނިންމުމާ ގުޅޭގޮތުން އިތުރު ތަފްސީލް ހިއްސާކުރުމަށް އަމުރުކޮށްފަ އެވެ.

ކަންމިހެން އޮތް ނަމަވެސް ރައީސް ބޮލްސޮނާރޯ ބުނެފައިވަނީ މުބާރާތް ބޭއްވުމާ ގުޅޭ ގޮތުން އިތުރަށް ކުރަންޖެހޭ މަޝަވަރާއެއް ނެތްކަމަށާއި، އަދި މުބާރާތުގެ ސަބަބުން ސިއްހީ އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށެވެ. މީގެ އިތުރުން ބޮލްސޮނާރޯ ބުނެފައިވަނީ މުބާރާތް ބާއްވަން އޭނާ ނިންމީ އެ ގައުމުގެ ހެލްތު މިނިސްޓަރާ މަޝްވަރާކުރުމަށްފަހު އެ މިނިސްޓްރީން މުބާރާތް ބާއްވަން އެއްބަސްވުމުން ކަމަށެވެ.

“މި ނިންމުމަކީ އަހަރެން ނިންމަންޖެހޭ ނިންމުމަކަށް ވާތީ ހެލްތު މިނިސްޓަރުވެސް ހިމެނޭ ގޮތުން ހުރިހާ މިނިސްޓަރުންނާ އަހަރެން މަޝްވަރާކުރިން. މިއީ އެންމެންނާ ވާހަކަދެކެވިގެން ނިންމި ނިންމުމެއް.” ބޮލްސޮނާރޯއަށް ތާއީދުކުރާ ފަރާތްތަކާ މުހާތަބްކޮށް އިއްޔެ ދެއްކި ވާހަކައެއްގައި ބުނެފައިވެ އެވެ.

“މި ޕެންޑަމިކް ފެށުނީއްސުރެ އަހަރެން ބުނަމުން އަންނަ ވާހަކައެއް މިއީ. އަހަރެން ހިތާމަ ކުރަމޭ. މި ބަލީގައި މަރުވެދިޔަ މީހުންނަށް ޓަކައި. އެކަމަކު އަހަރެމެން އެބަ ޖެހެ އޭ ދިރިއުޅެން.” ބޮލްސޮނާރޯ ބުނެފައިވެ އެވެ.

ބްރެޒިލްގެ ރައީސްގެ ވާހަކަ މިގޮތަށް ހުރި ނަމަވެސް އޭނާގެ ނިންމުމަށް ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުންވެސް އަންނަނީ ފާޑުކިޔަމުންނެވެ.   އަދި ސެނެޓްގައި ހިމެނޭ މެންބަރެއް ކަމަށްވާ އޮޓޯ އަލެންސާ ވަނީ  އެ ނިންމުމާ ދެކޮޅު ހެދުމަށް ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާގެ ކިބައިންވެސް އެދިފަ އެވެ.

“ނޭމާ. އަހަރެން ބޭނުން ނޭމާ ގާތު ވާހަކައެއް ބުނަން. ނޭމާ އެއްބަސްވެގެން ނުވާނެ ބްރެޒިލްގައި ކޮޕާ އެމެރިކާ މުބާރާތް ބާއްވާކަށް. އެކަމާ ދެކޮޅު ހަދާ. މި މުބާރާތުގައެއް ނޫން އަހަރެމެން މި ދަނޑިވަޅުގަ ވާދަކުރަންވީ. އަހަރެމެން ވާދަކުރަންވީ ވެކްސިން ޖެހުމުން ޗެމްޕިއަންކަން ހޯދުމުގަ. ” އޮޓޯ ބުނެފައިވެ އެވެ.

މުބާރާތް ބާއްވަން ނިންމި ނިންމުމާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތު ހުށަހަޅަން ސްޕުރީމް ކޯޓުން ބްރެޒިލްގެ ރައީސަށް ދީފައިވަނީ ފަސް ދުވަހުގެ މުހުލަތެކެވެ.

10 ގައުމަކުން ވާދަކުރާ ކޮޕާ އެމެރިކާ މުބާރާތް ބްރެޒިލްގެ ހަތަރު ސްޓޭޓެއްގައި  ކުރިއަށްގެންދަން ރައީސް ބޮލްސޮނާރީ ނިންމި ނަމަވެސް މެޗްތައް ކުޅޭ ގޮތަށް ހަމަޖައްސައިފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދަ އެވެ.

105 އަހަރުގެ ދިގު ތާރީހެއް އޮތް ކޮޕާ އެމެރިކާ މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ ބްރެޒިލުންނެވެ. އެކަމަކު މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މި މުބާރާތް މިހާތަނަށް 15 ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭ އެވެ. އެހެން ސަރަހައްދެއްގެ ދެ ގައުމަކަށް ފުރުސަތު ދީގެން އާންމުގޮތެއްގައި ކުރިއަށްގެންދާ މި މުބާރާތުގައި ކޮވިޑްގެ ހާލަތާއި ގުޅިގެން ހުރި ދަތިތަކާއެކު މިފަހަރު ބައިވެރިވަނީ ހަމައެކަނި ސަރަހައްދުގެ ގައުމުތަކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!