ފުރަތަމަ ސަފްޙާ / ޚަބަރު / މަޝްހޫރު އޭދަފުށި ކަޓުވާލައި އަތޮޅު ޗެމްޕިއަންކަން ފެހެންދޫ ހޯދައިފި

މަޝްހޫރު އޭދަފުށި ކަޓުވާލައި އަތޮޅު ޗެމްޕިއަންކަން ފެހެންދޫ ހޯދައިފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 17 އޮކްޓޫބަރު 2018

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ބ.އަތޮޅު ބުރުގައި ފުޓްބޯޅައިގައި ނަން މަޝްހޫރު އޭދަފުށި ކަޓުވާލައި އެ އަތޮޅު ފެހެންދޫ ފުރަތަމަ ފަހަރަށް ޒޯން ބުރަށް ކޮލިފައި ވެއްޖެއެވެ. ފެހެންދުއަށް އަތޮޅު ޗެމްޕިއަންކަން ލިބުނީ ދެމެޗުގެ އެގްރިގޭޓަށް ބަލައި އަވޭ ގޯލުން ކުރި ލިބިގެންނެވެ.

މި ދެޓީމުގެ ދެމެޗުވެސް ކުޅުނީ އޭދަފުށީގައެވެ. ފުރަތަމަ މެޗު އޭދަފުށީގެ ހޯމް މެޗުގެ ގޮތުގައި ކުޅުނު އިރު އެމެޗު 3-1 އިން ކާމިޔާބު ކުރީ ފެހެންދޫ އެވެ. ދެވަނަ މެޗު ފެހެންދޫ ހޯމް މެޗުގެ ގޮތުގައި ކުޅެ 2-0 ގެ ނަތީޖާއަކުން މޮޅުވީ އޭދަފުއްޓެވެ. ފެހެންދޫއަށް ޗެމްޕިއަންކަން ލިބުނީ އޭދަފުށީގެ ހޯމް މެޗުގައި ޖެހި އިތުރު އެއް ގޯލާއި އެކުއެވެ.

ފެހެންދުއާއި އޭދަފުށި މިއަދު ބައްދަލުކުރި މެޗުގައި އޭދަފުށީ ޓީމުންވަނީ މޮޅަ ކުޅެ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އޭދަފުށީ ޓީމުގެ ފުރަތަމަ ލަނޑަކީ މެޗުގެ 44 ވަނަ މިނެޓުގައި ފެހެންދޫގެ ހަސަން ޝަފީއުގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 61 ވަނަ މިނެޓުގައި އޭދަފުށީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޢަލީ ޒުބައިރެވެ.

އޭދަފުއްޓަކީ މިދިޔަ ތިން އަހަރުވެސް އަތޮޅު ޗެމްޕިއަންކަމުގެ އިތުރުން ޒޯން ޗެމްޕިއަންކަންެވެސް ހޯދި ޓީމެވެ. އަދި އެރަށުން ވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ވެސް ކާމިޔާބު ކޮށްފައެވެ. ޒޯން ބުރަށް ބ. އަތޮޅުން ފެހެންދޫ ކޮލިފައިވުމުން އެޓީމު ޒޯންގައި ވާދަކުރަން ޖެހޭނީ ޅ އަދި ރ އަތޮޅުގެ ޗެމްޕިއަން ޓީމާއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!