މެންޗެސްޓަ ސިޓީގައި 10 އަހަރު ހޭދަކޮށް އަދި އެ ޓީމްގެ ތާރީހްގައި މިހާތަނަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ސޮއިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. މިކަން ބާސެލޯނާއިން ވެސް ވަނީ މިހާރު ކަށަވަރުކޮށްދީފަ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މެޑިކަލްވެސް މިއަދު ވަނީ އަގުއޭރޯ ފުރިހަމަކޮށްފަ އެވެ.
މި ސީޒަންގެ އިންގްލިޝް ޕްރިމިއަ ލީގުގެ ތަށި ހޯދި ސިޓީއާއެކު އުމުރުން 32 އަހަރުގެ އަގުއޭރޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާ ގޮތަށް އޮތުމާއެކު އަގުއޭރޯ ބާސެލޯނާ އަށް ބަދަލުވަނީ ހިލޭ ޓްރޭންސްފާ އެއްގަ އެވެ. އެކަމަކު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާއިން އަގުއޭރޯ އާއެކު ހަދާ އެއްބަސްވުމުގައި ރިލީޒް ކްލޯސްގެ ގޮތުގައި 100 މިލިއަން ޔޫރޯ ވަނީ ކަނޑައަޅައިފަ އެވެ.
ސިޓީގައި އަގުއޭރޯ ހޭދަކުރި ދިހަ އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް 390 މެޗް ކުޅެ 260 ގޯލް ކާމިޔާބުކޮށްދީފަ އެވެ. އަދި އޭނާ ވަނީ ސިޓީއާއެކު ބޮޑު 15 މުބާރާތެއްގެ ތަށި އުފުލާލައިފަ އެވެ. އެންމެ ފަހުން ސިޓީގެ ޖޯޒީގައި އަގުއޭރޯ ކުޅުނު މެޗަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށޤ ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލް މެޗެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި މެޗުން އަގުއޭރޯ ފެނުނު އިރު އެ މެޗުން 0-1 އިން ސިޓީ ބަލިވެ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދަން ސިޓީ އާއި އަގުއޭރޯ ކުރި އުއްމީދު ވަނީ ފެނަށް ވެފަ އެވެ.
އަގުއޭރޯ ދިގު މުއްދަތަކަށް ފަހު އިންގްލިޝް ޕްރިމިއާ ލީގާއި ވަކިވާ އިރު އޭނާ ހިމެނިފައިވަނީ ލީގުގެ ތާރީހުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. 184 ގޯލް އަގުއޭރޯ ލީގުގައި ކާމިޔާބުކޮށްފައިވާ އިރު އޭނާއަކީ ލީގުގައި އެންމެ ގިނަ ގޯލްޖެހި ބިދޭސީ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން ލީގުގެ ތާރީހުގައިވެސް މިނިޓް ޕަ ގޯލް ރޭޝިއޯ އަށް ބަލާއިރު އެންމެ ކުރީގައި އަގުއޭޭރޯ އުޅޭ އިރު ލީގުގައި އެންމެ ގިނަ ހެޓްރިކްވެސް ހަދައިފައިވަނީ އަގުއޭރޯ އެވެ .