ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ގައި ރާއްޖެ ހިމެނޭ ގްރޫޕްގެ ބާކީ ހުރި މެޗުތައް ދެން ކުޅޭނީ ދުބާއީ ގައި ކަމަށް ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފި އެވެ. މި މަހުގެ 30 އިން އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުޅެން ހަމަޖެހިފައި އޮތް މެޗްތަކުގެ ކުޅުން އިއްޔެ ޗައިނާގައި ފެށި ނަމަވެސް މުބާރާތުގެ މެޗްތައް ދުބާއީ އަށް ބަދަލުކުރަންޖެހުނީ ރާއްޖޭގެ އިތުރުން ގްރޫޕްގައި ހިމެނޭ ފިލިޕީންސްސް އާއި ސީރިއާ ގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ޓީމްތަކަށް ޗައިނާ އަށް ދަތުރު ނުކުރެވުމުންނެވެ.
ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޗަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓީމްތައް ގެނެސްގެން މެޗްތައް ޗައިނާގައި ބާއްވަން އެ ގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރުމުން އެކަމަށް ހުއްދަ ލިބިފައި ނުވާ ކަމަށާއި، އެހެން ކަމަށްވުމާއެކު އެހެން ގައުމެއްގައި މެޗްތައް ކުޅެން ނިންމީ ކަމަށެވެ. ،
ގްރޫޕް އޭ ގެ ކޮލިފައިން މެޗްތައް ކުޅުމަށްޓަކައި އިއްޔެ ހެދުނު ޗައިނާ އަށް ފުރުމަށްޓަކައި ރާއްޖޭގެ ގައުމީ ޓީމުގެ އިތުރުން ސީރިއާ އާއި ފިލިޕީންސްގެ ގައުމީ ޓީމް ދުބާއީ އަށް ގޮސް ތިބި އިރު އެ ތިން ޓިމުންވެސް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން މިހާރު ތިބީ އެ ގައުމުގައި މަޑުކޮށްގެންނެވެ.
ގްރޫޕް އޭ ގެ ކޮލިފިކޭޝަން ބުރުގައި ބާކީ އޮތް ހަތްަ މެޗް ދުބާއީ ގައި ކުޅެން ހަމަޖެހުނު އިރު އިއްޔެ އޮތް އެފްއޭއެމްގެ އަހަރީ ކޮންގްރެސް ގައި ވާހަކަދައްކަމުން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ މެޗްތައް ދުބާއީ އަށް ބަދަލުކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެއީ ރާއްޖެ އިން އެންމެ ބޮޑަށް އެދޭ ގޮތް ކަމަށެވެ.
ކޮލިފިކޭޝަންގައި ރާއްޖެއަށް ބާކީ އޮތީ ތިން މެޗެވެ. އެއީ ޗައިނާ، ސީރިއާ އަދި ފިލިޕީންސް އާ ދެކޮޅަށް ކުޅެންޖެހޭ މެޗްތަކެވެ. ފަސް ޓީމް ހިމެނޭ މި ގްރޫޕްގައި ދެން ހިމެނޭ ގުއާމް އާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ ދެ މެޗްވެސް ވަނީ ނިމިފަ އެވެ. އެ ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު ރާއްޖެ އޮތީ ގްރޫޕްގެ ހަތަރު ވަނައިގަ އެވެ.