ފުރަތަމަ ސަފްޙާ / ޚަބަރު / ކާމިޔާބީގެ ހަނދާންތަކާއެކު އޮންރީ އަލުން ބެލްޖިއަމް ޓީމްގެ ބެންޗަށް

ކާމިޔާބީގެ ހަނދާންތަކާއެކު އޮންރީ އަލުން ބެލްޖިއަމް ޓީމްގެ ބެންޗަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 31 މެއި 2021

2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައި މުބާރާތުގެ ތިންވަނަ މަގާމް ހޯދި ބެލްޖިއަމް ޓީމްގެ ކޯޗިންގ ސްޓާފުންގެ ތެރޭގައި މަސައްކަތްކުރި ފްރާންސްގެ ކުރީގެ ތަރި ތިއެރީ އޮންރީ އަލުން އެ ޓީމާ ގުޅިއްޖެ އެވެ.

ކުރިން ފްރާންސްގެ އިތުރުން އާސެނަލަށްވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދިން އުމުރުން 43 އަހަރުގެ އޮންރީ އެންމެ ފުރަތަމަ ބެލްޖިއަމްގެ މިހާރުގެ ކޯޗް ރޮބާޓޯ މާޓިނޭޒް އާއެކު މަސައްކަތްކުރަން ފެށީ 2016 ވަނަ އަހަރު އެވެ. އެކަމަކު އޭގެ ދެ އަހަރު ފަހުން ބެލްޖިއަމްގެ ގައުމީ ޓީމް އޭނާ ދޫކޮށްލީ ފްރާންސްގެ މޮނާކޯގެ ހެޑް ކޯޗްގެ ގޮތުގައި މަސައްކަތްކުރުމަށެވެ.

މޮނާކޯގެ ކޯޗްކަމުގެ މަގާމްގައި އޮންރީ އަށް ހުރެވޭ ވަރުވީ އެންމެ ތިން މަސް ދުވަހު އެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާ ލީގުގެ ކްލަބަކާ ހަވާލުވުމަށްފަހު މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަގާމް ދޫކޮށްލީ އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ އޮންރީގެ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް ބުނެފައި ވެއެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯ ޗެމްޕިއަންޝިޕްގައި ވާދަކުރާ ބެލްޖިއަމްގެ ގައުމީ ޓީމާ ކުއްލި ގޮތަކަށް އޮންރީ ގުޅުނު އިރު ޔޫރޯ މުބާރާތުގެ ތެރޭގައި ކުރިން އޭނާ މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައި އޮތީ އެނަލިސްޓެއްގެ ގޮތުގަ އެވެ. އޮންރީ ޓީމާ ގުޅުނުކަން ކަށަވަރުކޮށްދެމުން ބެލްޖިއަމްގެ ގައުމީ ޓީމްގެ ފަރާތުންޓްވިޓާގައި އާންމުކުރި ކުރު ބަޔާނެއްގައި ބުނެފައި ވަނީ އޮންރީ އަށް ޓީމްގެ ފަރާތުން މަރުހަބާ ކިޔާކަމަށާއި، އޮންރީގެ މަސައްކަތް އަދި ބެލްޖިއަމް ޓީމްގައި ނުނިމޭ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމުން ހޯދި ކާމިޔާބީ އަކީ ފުޓްބޯޅައިގެ ތާރީހުގައި އެ ގައުމުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އެ ފަހަރު ސެމީ ފައިނަލްގައި ވާދަކޮށް ބެލްޖިއަމް ބަލިވީ އޮންރީގެ އަމިއްލަ ގައުމާ ވާދަކޮށެވެ. މުބާރާތުގެ ތިންވަނަ ބެލްޖިއަމުން ކަށަވަރުކުރީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އިންގްލެންޑް ބަލިކުރުމަށްފަހު އެވެ. އޭރު އޮންރީ ހުރީ ބެލްޖިއަމްގެ ކޯޗް މާޓިނޭޒްގެ ދެވަނަ އެހީތެރިޔާގެ ގޮތުގަ އެވެ. މުބާރާތް ނިމުމުން މާޓިނޭޒްގެ އެހީތެރިޔަކަށް ހުރި ގްރޭމީ ޖޯންސް  ވަކިވުމާއެކު އޮންރީއަށް އެސިސްޓެންޓް ކޯޗްކަމުގެ މަގާމް ދިނެވެ. އެކަމަކު ތިން މަސް ނުވަނީސް މޮނާކޯ އާ ހަވާލުވުމަށްޓަކައި އެ ފަހަރު ބެލްޖިއަމް ޓީމުން އޭނާ ވަކިވީ އެވެ.

ބެލްޖިއަމް އަކީ މިފަހަރުގެ ޔޫރޯ ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމްތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. އަދި މިހާރު އެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ބެލްޖިއަމްގެ ފުޓްބޯޅައިގެ ތާރީހް ދުށް އެންމެ މޮޅު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ތިން ކުޅުންތެރިންނަކީ ރޮމެލޫ ލުކާކޫ، ކެވިން ޑި ބްރޭނާ އަދި އެޑެން ހަޒާޑެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް ވާދަކުރާނީ ރަޝިޔާ، ފިންލެންޑް އަދި ޑެންމާކާ އެކު ގްރޫޕް ބީ ގައެވެ. އެ ޓީމުގެ ފުރަތަމަ މެޗްގައި ޖޫން 12 ވަނަ ދުވަހު ނުކުންނާނީ ރަޝިޔާއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!