ވޯލްޑް ކަޕާއި، އޭޝިއަން ކަޕްގެ ކޮލިފިކޭޝަން މެޗްތުގެ ތެރެއިން ރާއްޖެ ހިމެނޭ ގްރޫޕް އޭ ގައި ބާކީ ހުރި މެޗްތަކުގެ ކުޅުން މިއަދު ޗައިނާގައި ފެށި އިރު ރާއްޖޭގެ އިތުރުން މި ގްރޫޕްގައި ހިމެނޭ ސީރިއާ އާއި ފިލިޕީންސްގެ ގައުމީ ޓީމް ޗައިނާއަށް ނުދެވި ދުބާއީގައި މަޑުކުރަން ޖެހިއްޖެ އެވެ.
ރާއްޖޭގެ ގައުމީ ޓީމާއެކު ސީރިއާ އާއި ފިލިޕީންސްގެ ގައުމީ ޓީމްވެސް މިއަދު ހެނދުނު ދުބާއީ އިން ޗައިނާއަށް ދަތުރު ކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މި ތިން ޓީމަށްވެސް ޗައިނާއަށް ފުރޭ ގޮތް ނުވީ ފުރުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓްތަކުން ބައެއް ކުޅުންތެރިން ކޮންމެ ޓީމަކުންވެސް ޕޮޒިޓިވް ވުމުންނެވެ. ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވީ ޢަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕެ) އެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ޗައިނާގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް މިއަދު ފަށަން ހަމަޖެހިފައި އޮތްއިރު ފުރަތަމަ މެޗްގައި ޗައިނާ އާއި ގުއާމް މިހާރު ވަނީ ކުޅރ ނިމިފަ އެވެ. މި މެޗް 0-7 އިން ކާމިޔާބުކުރީ ޗައިނާ އެވެ. ބާކީ ހުރި މެޗްތަކާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާއިރު މާދަމާގެ ވަގުތެއްގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލްއ ޖަލީލް މިއަދު ވަނީ ވިދާޅުވެފަ އެވެ.