ފައިނަލުގައި 1-0 އިން މެންޗެސްޓަރ ސިޓީ ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޗެލްސީ ހޯދައިފި އެވެ.
މިއީ ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތުގެ ޗެމްޕިއަންކަން ޗެލްސީން ހޯދި ދެ ވަނަ ފަހަރެވެ. 2012 ވަނަ އަހަރު އެޓީމު ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ބަޔާން މިއުނިކް ބަލިކޮށްގެންނެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާ ޔޫރޮޕާ ލީގު 2013 ވަނަ އަހަރާއި 2019 ވަނަ އަހަރު ޗެލްސީން ވަނީ ކާމިޔާބުކޮށްފަ އެވެ. ޔޫރަޕްގެ ފުޓްބޯޅައިގައި އެޓީމު މިހާތަނަށް ކުޅުނު ހަތް ފައިނަލުގެ ތެރެއިން ބަލިވީ އެންމެ ފައިނަލަކުންނެވެ. 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެފަހަރު ޗެލްސީ ޕެނަލްޓީ ޖަހައިގެން ބަލިވީ މެންޗެސްޓަރ ޔުނައިޓެޑް އަތުންނެވެ.
މެޗުން ބަލިވުމާ އެކު ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދަން ކުރާ އިންތިޒާރު ސިޓީ އަށް މިވަނީ ދިގުވެފަ އެވެ. މިދިޔަ އަހަރުތަކުގައި ބޮޑު ހަރަދުކޮށް އެޓީމުން އެންމެ ބޮޑަށް ޓާގެޓް ކުރި ތައްޓަކީ ޗެމްޕިއަންސް ލީގެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ސިޓީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
އަވަސް ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ކުރީކޮޅު ގޯލު ޖަހާނެ ހުސް ދެ ފުރުސަތެއް ޗެލްސީގެ ޖަރުމަނު ފޯވާޑް ޓިމޯ ވާނާ އަށް ލިބި ވަނީ ބޭކާރުވެފަ އެވެ. ފުރަތަމަ ބޯޅަ ފައިގައި ލައްވާ ނުލިއިރު އޭރިޔާ ތެރެއިން ފަހުން ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ކީޕަރު އަތަށެވެ. މި ހާފުގައި ސިޓީން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ފިލް ފޯޑެން ފޮނުވާލުމުން ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ވަނީ ބްލޮކްކޮށްފަ އެވެ.

ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ޗެލްސީގެ ތަޖުރިބާކާރު ކެޕްޓަން ތިއާގޯ ސިލްވާ އަށް އަނިޔާވުމުން ބަދަލުގައި އަންދްރައެސް ކްރިސްޓިއެންސަން ވަނީ އަރުވައިފަ އެވެ. ޗެލްސީން މެޗުގައި ލީޑު ނެގީ 42 ވަނަ މިނެޓުގައި ކައި ހަވާޓްޒް ޖަހައިދިން ލަނޑުންނެވެ. މިއީ މޭސަން މައުންޓް ތަނަވަސްކޮށްދިން ހުސް ފުރުސަތެއްގައި ހަވާޓްޒް ޖެހި ލަނޑެކެވެ. އަނެއްކޮޅުން މި ހާއްސަ ލަނޑު ވެފައިވަނީ ބަޔާން ލެވަކޫސަނުން މި ސީޒަނުގައި ޗެލްސީ އަށް ބަދަލުވި ހަވާޓްޒް ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑަށެވެ.
މެޗުގެ ދެ ވަނަ ހާފުގައި ސިޓީން ކުރިއަށް ޖެހިގެން ކުޅުނުއިރު ޗެލްސީން މަސައްކަތްކުރީ ކައުންޓަ އެޓޭކުގައި ހަމަލާ އުފައްދާށެވެ. ދެ ވަނަ ހާފުގައި ސިޓީގެ މައްސަލަތައް އިތުރަށް ގޯސްވީ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން 60 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ބަދަލުކުރަން ޖެހުމުންނެވެ. މި ހާފުގައި ސިޓީން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ޗެލްސީގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފަހުކޮޅު ކައުންޓަ އެޓޭކުގައި ލިބުނު ހުސް ފުރުސަތެއް ޗެލްސީގެ ކްރިސްޓިއަން ޕުލިސިކް އަތުން ވަނީ ބޭކާރުވެފަ އެވެ.
މިއީ ޗެލްސީއާ ހަވާލުވުމަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް ޕެޕް ގާޑިއޯލާގެ ސިޓީއާ ވާދަކޮށް މޮޅުވި ތިން ވަނަ ފަހަރެވެ. މީގެ ކުރިން ޓުކެލް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ ދަނޑުގައި ކުޅުނު މެޗާއި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން މޮޅުވެފަ އެވެ.
ކޯޗު ގާޑިއޯލާ ވަނީ 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު ބާސެލޯނާގައި ހުރެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު އޭގެފަހުން ބަޔާން މިއުނިކާއި ސިޓީގައި ގާޑިއޯލާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭގޮތެއްނުވެ އެވެ.