ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ ފަހުގެ ފަރިތަކުރުންތަކަށް ގައުމީ ޓީމް ދުބާއީ އަށް

އެންމެ ފަހުގެ ފަރިތަކުރުންތަކަށް ގައުމީ ޓީމް ދުބާއީ އަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 22 މެއި 2021

ޗައިނާގައި މި މަހުގެ 30 އިން އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގެ މެޗުތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ދުބާއީގައި ކޭމްޕްކޮށްފި އެވެ.

ކުރު މުއްދަތެއްގެ ކޭމްޕް ފުރިހަމަ ކުރުމަށް ފަހު، ސެންޓްރައިލްޒްކޮށް ކުޅޭ މެޗުތަކަށް ގައުމީ ޓީމު ޗައިނާ އަށް ދާނީ އަންނަ ހަފްތާގަ އެވެ. 23 ކުޅުންތެރިންނާއެކު ގައުމީ ޓީމް ދުބާއީ އަށް ފުރީ މިއަދު ހެނދުނުގެ ފްލައިޓްގަ އެވެ.

ގައުމީ ސްކޮޑް އެކުލަވާލައި 25 ކުޅުންތެރިންނާއެކު މި މަހުގެ 13 ވަނަ ދުވަހު މާލޭގެ ޖެން ހޮޓެލްގައި ވަނީ ކޭމްޕްކޮށްފަ އެވެ. މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭ ކުޅުންތެރިންގެ ފިޒިކަލް ފިޓްނެސް ހިފެހެއްޓުމަށް ޖެން ހޮޓެލްގައި ޕްރޮގްރާމްތަކެއް ކުޅުންތެރިން ވަނީ ފުރިހަމަކޮށްފަ އެވެ. އަދި ކޮވިޑްގެ ހާލަތާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޕްރެކްޓިސް ކުރަން ގައުމީ ޓީމަށް ދަނޑު ދޫނުކުރުމުން މިދިޔަ ދެތިން ދުވަހު ކުޅުންތެރިން ވަނީ ޖެން ހޮޓެލްގެ ބޯލް ރޫމްގައި ލުއި ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ދުބާއީ އަށް ފުރި ޓީމުގައި ކޮވިޑާއި އެހެނިހެން ސަބަބުތަކާ ގުޅިގެން މުހިއްމު ކުޅުންތެރިންތަކެއް ނުހިމެނެ އެވެ. ކޮވިޑަށް ޕޮޒިޓިވްވުމުން ޓީމުން ބާކީވީ ޔުނައިޓެޑް ވިކްޓްރީގެ ހުނަރުވެރި މިޑްފީލްޑަރު އިސްމާއީލް އީސާ (މެސީ) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) ގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅޭ ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާން) އަދި ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މީގެ އިތުރުން އާއިލީ ޒިންމާ އަދާކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓްރީގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މިޑްފީލްޑަރު އަހުމަދު ރިލްވާން (ބެން) ޓީމާ އެކު ދުބާއީ އަށް ގޮސްފައެއްނުވެ އެވެ. އަދި ދެ ކުޅުންތެރިއެއްގެ ބައެއް ކަންކަން ހަމަނުޖެހުމުން ކޭމްޕްގައި ބައިވެރިވެފައެއް ނުވެ އެވެ.

Team prepares to depart to Dubai for the final preparation before the World Cup/ Asian Cup qualifiers.

Wishing them a safe flight and all the best for the preparations ???????????????? pic.twitter.com/wp1jZ4GRLK

— Bassam Adeel Jaleel (@bassam_jaleeI) May 22, 2021

މަޝްހޫރު އެހެން ކުޅުންތެރިންނަށް ބަލާއިރު މާޒިޔާގެ ހަސަން ނާއިޒް (ދާދު) އާއި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ވަނީ ލީގުގައި ރަނގަޅު ކުޅުމެއް ނުދެއްކޭނަމަ ގައުމީ ޓީމާއެކު ދިއުން ރަނގަޅު ނޫންކަމަށް ބުނެ ޓީމުން ވަކިވެފަ އެވެ. އެ ދެކުޅުންތެރިން ބުނީ، ގައުމީ ޓީމުގައި ހިމެނުން މުހިއްމީ ލީގުގައި މޮޅު ކުޅުން ދައްކާ ކުޅުންތެރިން ކަމަށެވެ. އެހެންނަމަވެސް ދާދު އާއި އިއްބެ ވަހީދު އަކީ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެކެވެ.

މިފަހަރުގެ ސްކޮޑުން އަލަށް ފުރުސަތު ދީފައިވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް އާއި ޔުނައިޓެޑް ވިކްޓްރީގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު ނާޖިހު އަލީ (ނާޖީ) އާއި އެޓީމުގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު) އެވެ.

އެޝިއާ ސަރަހައްދުން ކޮލިފައިންގައި ރާއްޖެ ނިސްބަތްވާ ގްރޫޕްގައި ހިމެނެނީ ޗައިނާ އާއި ސީރިއާގެ އިތުރުން ގުއާމް އަދި ފިލިޕީންސެވެ. މި ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު ސީރިއާ އޮތްއިރު ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓް ލިބިފައިޗާ ޗައިނާ އެވެ. ފިލިޕީންސަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން އެޓީމު އޮތީ ތިން ވަނައިގަ އެވެ. ރާއްޖެ ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ފުލުގައި އޮތް ގުމާއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮލިފައިންގައި ރާއްޖެ އަށް ބާކީ އޮތީ ތިން މެޗެވެ. އެއީ ޖޫން ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ޖޫން ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޖޫން 15 ވަނަ ދުވަހު ފިލިޕީންސާ ވާދަކުރާ މެޗެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!