ފުރަތަމަ ސަފްޙާ / ޚަބަރު / ސަޕޯޓަރުންގެ އެނބުރި އައުމާއެކު ޕިރްލޯ ފުރަތަމަ ތަށި އުފުލާލައިފި

ސަޕޯޓަރުންގެ އެނބުރި އައުމާއެކު ޕިރްލޯ ފުރަތަމަ ތަށި އުފުލާލައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 20 މެއި 2021

އިޓާލިއަން ލީގު ޖެހިޖެހިގެން ނުވަ އަހަރު ކާމިޔާބުކުރުމަށްފަހު މި ސީޒަނާ ކުރިމަތިލި ޔުވެންޓަސް އިން އާ ކޯޗު އެންޑްރޭ ޕިރްލޯ ގެ އިރުޝާދުގެ ދަށުން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި އެވެ. ކޮވިޑާ ގުޅިގެން ސަޕޯޓަރުން ނުވައްދާ އިޓަލީގައި މެޗުތައް ކުޅެން ފެށިފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވުމަށްފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުން ވައްދައިގެން ކުޅުނު އިޓާލިއަން ކަޕްގެ ފައިނަލް މެޗުގައި ރޭ ޔުވެންޓަސް މޮޅުވީ އެޓަލާންޓާ އާ ވާދަކޮށް 1-2 އިންނެވެ.

ރޭ ޔުވެންޓަސް އިން ހޯދި ތަށްޓަކީ ޕިރްލޯގެ ކޯޗިންގ ކެރިއަރުގެ ފުރަތަމަ ތަށްޓެވެ. މިވަގުތު އިޓާލިއަން ލީގުގެ ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް ރޭ ލިބުނު ތަށްޓާއެކު މިވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ތަށްޓެއް ނުލިބި ހުސް އަތާ ފުރަތަމަ ފަހަރަށް ސީޒަން ނިންމާލަންޖެހިދާނެ ކަމަށް އޮތް ބިރު މިހާރު ނެތުނީ އެވެ. އެކަމަކު މިއީ އަދި ޔުވެންޓަސް ކަހަލަ ބޮޑު ޓީމަކަށް ސީޒަން ސަލާމަތްކުރެވުނީ ކަމަށް ބެލެވޭކަށް ނެތެވެ. އިޓާލިއަން ލީގުގެ އެންމެ ފަހު މެޗުތައް އަންނަ އާދީއްތަ ދުވަހު ކުޅޭއިރު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ އެއް ހޯދަން ޔުވެންޓަސް އަށް ފަހު މެޗު ކާމިޔާބުކުރުން މަޖުބޫރެވެ.

މިއީ ޔުވެންޓަސް އިން އިޓާލިއަން ކަޕް އުފުލާލި 14 ވަނަ ފަހަރެވެ. ރޭގެ މެޗުގައި ޔުވެންޓަސް އިން ފުރަތަމަ ގޯލު ޖަހައި ލީޑު ނެގި އިރު މި ލަނޑު މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިޖާން ކުލުސެވްސްކީ އެވެ. އޭގެ ދިހަ މިނެޓް ފަހުން ދެން ފެނުނީ އެޓަލާންޓާއިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ތަނެވެ. ދެވަނަ ހާފުގެ 73 ވަނަ މިނެޓްގައި އަލުން ޔުވެންޓަސްގެ ކޮޅަށް މެޗުގެ ނަތީޖާ އެނބުރުނީ އިޓަލީގެ ފޯވާޑް ފެޑެރީކޯ ކިއެސާ ވައްދާލި ގޯލުންނެވެ.

މިއީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެޓަލާންޓާއިން މި މުބާރާތުގެ ފައިނަލްގައި ކުޅެ ބަލިވި ދެވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން އިޓާލިއަން ކަޕް ކާމިޔާބުކޮށްފައިވަނީ 1963 ވަނަ އަހަރު އެވެ. އެޓަލާންޓާ އިޓާލިއަން ލީގުގައި މިވަގުތު އޮތީ ދެވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!