އިނގިރޭސި ޕްރިމިއަ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވެސްޓް ބްރޮމް އާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗު އެއްވަރުވެގެން ނިމެންދަނިކޮށް ގޯލްކީޕަރު އެލިސަން ބެކަ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޖެހި ގޯލާއެކު ގަދަ ހަތަރެއް ކަށަވަރުކުރަން ލިވަޕޫލަށް ލިބުނު ބޮޑު ހިތްވަރުން ރޭ ބާންލީ ބަލިކޮށް ޓޭބަލްގެ ހަތަރުވަނައަށް އެ ޓީމް އަރައިފި އެވެ. ރަށުން ބޭރުގައި ރޭ ލިވަޕޫލުން ބާންލީ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 0-3 އިންނެވެ.
ރޭގެ ނަތީޖާ އާއެކު ލިވަޕޫލުން ވަނީ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ލެސްޓަ ސިޓީއަށްވުރެ ކުރިއަށް ޖެހިލައިފަ އެވެ. ލިވަޕޫލާއި ލެސްޓަ އަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް މަގާމުގެ ގޮތުން ލިވަޕޫލަށް ކުރި ލިބެނީ ލެސްޓަ އަށްވުރެ އިތުރަށް ލިވަޕޫލްގެ އަތުގައި ފައިދާ ހަތަރު ގޯލު އޮތުމުންނެވެ.
އިނގިރޭސި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން މިދިޔަ ހަފްތާގެ ތެރޭގައި މެންޗެސްޓަ ސިޓީން ކަށަވަރުކުރި އިރު ދެވަނަ މަގާމު އަވަށްޓެރި މެންޗެސްޓަ ޔުނައިޓެޑަށް ވަނީ ޔަގީންވެފަ އެވެ. ކޮންމެ ޓީމަކަށްވެސް ލީގުގައި ބާކީ އެއް މެޗު އޮތް އިރު މިހާރު ޔަގީން ނުވެ އޮތް އެންމެ މުހިއްމު އެއް ކަމަކީ ގަދަ ހަތަރެއްގައި ނިންމާނެ އަނެއް ދެ ޓީމަކީ ކޮބައިކަމެވެ. މިވަގުތު އެ ފުރުސަތު އެންމެ ބޮޑަށް އޮތީ 67 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ޗެލްސީ އަށެވެ. ލީގުގެ އެންމެ ފަހު ދުވަހު ޗެލްސީން ރަށުން ބޭރުގައި އެސްޓަން ވިލާ އާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ ލިވަޕޫލާއި، ލެސްޓަ ސިޓީން ކުޅޭ މެޗްތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް ޗެލްސީއަށް ގަދަ ހަތަރެއް ޔަގީންވާނެ އެވެ. މޮޅު ނޫން އެހެން ނަތީޖާއެއް ނުކުމެއްޖެ ނަމަ ދެން ޖެހޭނީ ލިވަޕޫލާއި، ލެސްޓައިން ނެރޭ ނަތީޖާތަކަށް ބަލާށެވެ.
މިވަގުތު ޓޭބަލްގެ ހަތަރު ވަނަ އާއި ފަސްވަނައިގައި އޮތް ލިވަޕޫލާއި ޓޮޓެންހަމްގެ ތެރެއިން މިހާރު އެންމެ ފުރުސަތު ބޮޑީ ލިވަޕޫލަށެވެ. ލީގުގެ އެންމެ ފަހު މެޗުގައި ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެ ޓީމުން ކުޅޭ މެޗު އެއް ލަނޑުގެ ތަފާތަކުން ކާމިޔާބުކުރިއަސް ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމުގެ ބޮޑު ފުރުސަތެއް އެބަ އޮތެވެ. އެ ހާލަތުގައި ލިވަޕޫލަށް އެ ފުރުސަތު ގެއްލޭނެ ހަމައެކަނި ގޮތަކީ ފަސް ގޯލްގެ ތަފާތުން ފަހު މެޗުގައި ލެސްޓައިން އަމިއްލަ ދަނޑުގައި ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދުމެވެ.
ބާންލީ އާ ދެކޮޅަށް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ރޮބާޓޯ ފިރްމީނޯ އެވެ. ދެވަނަ ގޯލް މެޗުގެ 52 ވަނަ މިނެޓްގައި އިނގިރޭސި ޑިފެންޑަރު ނަތަނިއަލް ފިލިޕްސް ކާމިޔާބުކުރި އިރު ތިންވަނަ ގޯލް މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ކުރިން އާސެނަލަށް ކުޅުނު އެލެކްސް އޮކްސްލޭ ޗެމްބަލޭން އެވެ. މި ދެ ކުޅުންތެރިން ރޭ ކާމިޔާބު އެ ކުރީ ލިވަޕޫލްގެ ޖޯޒީގައި އެ ދެ ކުޅުންތެރިންވެސް ޖެހި ފުރަތަމަ ލަނޑެވެ. ރޭގެ މެޗު ތިން ލަނޑުގެ ތަފާތަކުން ލިވަޕޫލުން ކާމިޔާބުކުރި ނަމަވެސް 3,000 އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ބާންލީ ވަނީ މެޗުގައި ވަރަށް ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.