ފުރަތަމަ ސަފްޙާ / ޚަބަރު / ފައިނަލް މެޗަށްދާ ސިޓީގެ ސަޕޯޓަރުންނަށް ދަތުރު ހަރަދު ހިލޭ

ފައިނަލް މެޗަށްދާ ސިޓީގެ ސަޕޯޓަރުންނަށް ދަތުރު ހަރަދު ހިލޭ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 18 މެއި 2021

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބަލަން ޕޯޗުގަލްގެ ޕޯޓޯ އަށް ދަތުރުކުރާ މެންޗެސްޓަ ސިޓީގެ ސަޕޯޓަރުންނަށް ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭން ސިޓީގެ ވެރިޔާ ޝޭހް މަންސޫރް ނިންމައިފި އެވެ. ޗެލްސީ އާ ދެކޮޅަށް ސިޓީން ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

މިއީ މެންޗެސްޓަ ސިޓީން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ޕޯޓޯގެ އެސްޓާޑިއޯ ޑޮ ޑްރަގާއޯ ސްޓޭޑިއަމްގައި މީގެ ދިހަވަރަކަށް ދުވަސް ފަހުން ކުޅެން ހަމަޖެހިފައިވާ މި މެޗް ކުރިން ކުޅެން ހަމަޖައްސާފައި އޮތީ ތުރުކީގެ އިސްތަންބޫލްގަ އެވެ. ޕޯޓޯ އަށް ފައިނަލް މެޗް ބަދަލުކުރީ ކޮވިޑް 19 އާ ގުޅިގެން އިނގިރޭސި ވިލާތުގެ ރައްޔިތުން ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓްގައި ތުރުކީ ހިމެނުމުންނެވެ. ފައިނަލް މެޗް ޕޯޓޯއަށް ބަދަލުކުރުމުން ޕޯޗްގަލަށް ދާ އިނގިރޭސި ސަޕޯޓަރުންނަށް އެނބުރި ގައުމަށް އައިސް ކަރަންޓީނު ނުވެ ސަލާމަތްވެވޭނެ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ބަލަން ޕޯޗްގަލަށް ދާ ސިޓީގެ ހުރިހާ ސަޕޯޓަރުންނަށް އެ ކްލަބްގެ ވެރިޔާ ޝޭހް މަންސޫރް ދަތުރު ހަރަދު ހަމަޖައްސައިދޭން ނިންމިކަން ހާމަކޮށްފައިވަނީ  ސިޓީގެ ފަރާތުން މިއަދު ނެރުނު ރަސްމީ ބަޔާނެއްގަ އެވެ.

“މިކަމުގެ ސަބަބުން ސިޓީގެ އެތައް ހާސް ސަޕޯޓަރުންނަކަށް ފައިދާކުރާނެ. މިއީ ކޮވިޑް 19 ގެ ސަބަބުން ކްލަބްގެ  ސަޕޯޓަރުންނަށް ކުރިމަތިވި އަދި މިހާރުވެސް ކުރިމަތިވަމުން އަންނަ މާލީ ގޮންޖެހުންތަކާ ހުރެ ފައިނަލް މެޗް ބަލަން ދިއުމަށްޓަކައި އުފަލަންޖެހޭނެ ބުރަޔަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސިޓީގެ ވެރިޔާ ނިންމި ނިންމުމެއް.” މެންޗެސްޓަ ސިޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފަ އެވެ.

ޝޭހް މަންސޫރާ ހަވާލާދީ ސިޓީން ބުނެފައިވަނީ ޕެޕް ގާޑިއޯލާ އާއި މުޅި ޓީމު މި އުނދަގޫ ސީޒަންގައި ސިޓީން މިހާތަނަށް ހޯދާފައިވަނީ އާދަޔާ ހިލާފު ކާމިޔާބީއެއް ކަމަށާއި، މިކަހަލަ ސީޒަނެއްގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރަން ފުރުސަތު ލިބުމަކީ ތާރީހީ ކަމެއް ކަމަށެވެ. އެހެންވުމާއެކު މި ތާރީހީ މެޗު ބެލުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް މެންޗެސްޓަ ސިޓީން ދަތުރުކުރީ ކުއާޓަ ފައިނަލްގައި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް އަދި ސެމީ ފައިނަލްގައި އެންމެ ފަހުގެ ފައިނަލްގައި ކުޅުނު ޕީއެސްޖީ ބަލިކުރުމަށްފަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!