ބާސެލޯނާގެ ފިރިހެން ފުޓްބޯޅަ ޓީމް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރާ ހަމައިން ކަޓައި، ސްޕެނިޝް ލީގުގެ ތަށި ވެސް ގެއްލިފައިވަނިކޮށް އެ ކްލަބްގެ އަންހެން ޓީމު ޔޫއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިފި އެވެ. ބާސެލޯނާއިން ޔޫއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިފައި މިވަނީ ރޭ ސްވިޑަންގެ ގޮތެމްބާގް ގައި ކުޅުނު މުބާރާތުގެ ފައިނަލްގައި ޗެލްސީ އާ ވާދަކޮށް 0-4 އިން މޮޅުވެގެންނެވެ.
ރޭގެ މެޗުގައި ޗެލްސީ ކޮޅަށް ބާސެލޯނާ އިން ވައްދާލި ހަތަރު ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ފުރަތަމަ މިނެޓްގައި ޗެލްސީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތްއިރު ދެވަނަ ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި ބާސެލޯނާއިން ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ބާސެލޯނާގެ ތިންވަނަ ލަނޑު މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބުކުރި އިރު ފަހު ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 36 ވަނަ މިނެޓްގަ އެވެ.
މިއީ ބާސެލޯނާ އިން ޔޫއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. މިއާއެކު ބާސެލޯނާ ހިމެނިފައިވަނީ ޗެމްޕިއަންސް ލީގުގެ ފިރިހެން އަދި އަންހެން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ކްލަބް ކަމުގަ އެވެ. ރޭ ބާސެލޯނާ އިން ހޯދި މޮޅަކީ ޔޫއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެއްގައި ޓީމަކުން މިހާތަނަށް ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. މިއީ ބާސެލޯނާ އިން ވާދަކުރި ދެވަނަ ފައިނަލެވެ. އެ ޓީމުން ވާދަކުރި ފުރަތަމަ ފައިނަލުން މީގެ ދެ އަހަރު ކުރިން ލިއޯން އަތުން ބަލިވީ 1-4 އިންނެވެ.
އަނެއްކޮޅުން މިއީ މި މުބާރާތުގެ ތަށި 2007 ވަނަ އަހަރު އާސެނަލުން ކާމިޔާބުކުރި ފަހުން އިނގިރޭސި ކުލަބެއް މުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. މި ސީޒަނުގެ އިންގްލިޝް ވިމެންސް ސުޕަ ލީގާއި، ލީގު ކަޕް ކާމިޔާބުކުރި ޗެލްސީ ކޮޅަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ހަތަރު ގޯލު ބާސެލޯނާއިން ޖެހި އިރު މެޗުގެ ފަހު ހާފުގައި ޗެލްސީން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު މި ހާފުގައިވެސް ޗެލްސީއަކަށް ބާސެލޯނާއާ ދެކޮޅަށް ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތެއް ނުވި އެވެ.