ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ އަށް ލީގު ގެއްލުނު އިރު ރެއާލް އަދިވެސް އުއްމީދުގައި

ބާސެލޯނާ އަށް ލީގު ގެއްލުނު އިރު ރެއާލް އަދިވެސް އުއްމީދުގައި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 16 މެއި 2021

ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުތަކަށްފަހު މަޝްހޫރު ބާސެލޯނާ އަށް މި ސީޒަންގައި ލީގު ހޯދުމުގެ އެއްވެސް ފުރުސަތެއް ދެން ނެތްކަން ކަށަވަރުވި އިރު ލީގު ކާމިޔާބުކުރަން ރެއާލް އަށް އޮތް އުއްމީދު ދަމަހައްޓައިފި އެވެ.

ބާސެލޯނާއަށް ލީގު ހޯދުމުގެ ހުރިހާ ފުރުސަތެއް ބަންދުވީ މިރޭ ލީގުގައި އެ ޓީމް ސެލްޓަ ވީގޯ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބާސެލޯނާ ބަލިވީ މެޗްގެ ކުރީކޮޅު ކެޕްޓަން ލިއޮނަލް މެސީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑުވެސް ހޯދައިދީފައިވަނިކޮށެވެ. ސެލްޓަ ވީގޯ އަތުން ބާސެލޯނާ މި މެޗުން ބަލިވީ 1-2 އިންނެވެ.

މިރޭ ރެއާލް މެޑްރިޑް ވާދަކުރީ ނުވަ ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އާއެވެ.  ރަށުން ބޭރުގައި ރެއާލް އިން ކުޅުނު މެޗު އެ ޓީމުން 0-1 އިން ކާމިޔާބުކުރުމާއެކު ލީގު ދިފާއުކުރުމަށް ރެއާލުން ކުރަމުން އަންނަ އުއްމީދު އެންމެ ފަހު މެޗާ ހަމައަށް ދެމި އޮންނާނެ އެވެ. މިރޭ ރެއާލުން ބިލްބާއޯގެ މައްޗަށް ކުރި ހޯދި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކުރީ ސްޕެއިންގެ ޑިފެންޑަރު ނަޗޯ އެވެ.

ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން މިރޭ ވާދަކުރީ 11 ވަނައިގައި އޮތް އޮސަސޫނާ އާ އެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ އޮސަސޫނާ އިން ލަނޑެއް ޖަހައި ކުރި ހޯދާފައި ވަނިކޮށެވެ. އެތުލެޓިކޯ އިން ޖެހި ދެ ލަނޑުވެސް ޖަހައިފައިވަނީ މެޗުގެ ފަހު 10 މިނެޓަްގެ ތެރޭގަ އެވެ. ލީގު ހޯދުމުގެ އަމިއްލަ ބާރު އެތުލެޓިކޯ އަށް ދަމަހައްޓައިދިން ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ލުއިސް ސުއަރޭޒް އެވެ.

ލީގުގެ އެންމެ ފަހު މެޗުތައް އަންނަ އާދީއްތަ ދުވަހު ކުޅެން ހަމަޖެހިފައިވާއިރު އެތުލެޓިކޯ އާއި ރެއާލް އާއި ދެމެދު އޮތީ ދެ ޕޮއިންޓްގެ ތަފާތެވެ. އެތުލެޓިކޯ އިން އެންމެ ފަހު މެޗުގައި ވާދަކުރާނީ ރެލިގޭޝަން ޒޯނުގައި އޮތް ރެއާލް ވަލަޑޮލިޑާ އެވެ. ރެއާލް ވާދަކުރާނީ ވިޔަރެއާލް އާ އެވެ. ޕޮއިންޓްގެ ގޮތުން ރެއާލް އާއި އެތުލެޓިކޯ ހަމަހަމަވެއްޖެ ނަމަ ތަށި ލިބޭނީ ރެއާލް އަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!