ޖަރުމަނު ކަޕްގެ ފައިނަލުގައި ޖޭޑޮން ސަންޗޯ އާއި އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުތަކުން 4-1 އިން އާރުބީ ލައިޕްޒިގް ބަލިކޮށް ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ބޮރޫޝިއާ ޑޯޓްމަންޑް ރޭ ހޯދައިފި އެވެ.
މެޗުގައި ސަންޗޯ އާއި ހާލަންޑް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި 21 އަހަރުގެ އިނގިރޭސި ކުޅުންތެރިޔާ ސަންޗޯ ޑޯޓްމަންޑަށް ލީޑު ނަގައިދިންއިރު 28 ވަނަ މިނެޓުގައި 20 އަހަރުގެ ހާލަންޑް ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސަންޗޯ ޖެހި އިތުރު ގޯލަކާ އެކު ޑޯޓްމަންޑުން ތިން ލަނޑުގެ ލީޑެއް ނެގި އެވެ. މެޗުގެ ދެ ވަނަ ހާފުގައި ލައިޕްޒިގަށް އުއްމީދެއް ލިބުނީ 71 މިނެޓުގައި ޑެނީ އޮލްމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެކަމަކު މެޗުގެ 87 ވަނަ މިނެޓުގައި ނޯވޭއަށް އުފަން ފޯވާޑް ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހައި ޑޯޓްމަންޑަށް ތަށި ޔަގީންކޮށްދީފަ އެވެ.
ރޭ ޖެހި ގޯލުތަކާ ހާލަންޑް ވަނީ މި ސީޒަނުގައި ޑޯޓްމަންޑަށް ކުޅުނު 39 މެޗުގައި 39 ލަނޑު ޖަހައިފަ އެވެ. ޒުވާން އުމުރުގައި ދައްކަމުން އަންނަ ގޯލު ޖެހުމުގެ ހުނަރާ އެކު ހާލަންޑަކީ ޔޫރަޕްގެ މަޝްހޫރު ބޮޑެތި ކްލަބްތަކުގެ ޓާގެޓެކެވެ.
މިއީ ހޫލިއަން ނާގެލްސްމަން ޑޯޓްމަންޑުގެ ކޯޗުކަމުގައި ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ. އުމުރުން އެންމެ 38 އަހަރުގެ ނާގެލްސްމަން އަންނަ ސީޒަނުން ފެށިގެން ބަޔާން މިއުނިކާ ގުޅެން ވަނީ ނިންމައިފަ އެވެ. އޭނާ ވެފައިވަނީ 1999 ވަނަ އަހަރުގެ ފަހުން ޖަރުމަނު ކަޕް ކާމިޔާބުކުރި އެންމެ ޒުވާން ކޯޗަށެވެ.
މިއީ ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ޑޯޓްމަންޑުން ހޯދި ފަސް ވަނަ ފަހަރެވެ. 20 ތައްޓާ އެކު ޖަރުމަނު ކަޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ބަޔާނުންނެވެ. ދެ ވަނައިގައި އޮތީ ހަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ވާޑާ ބްރެމަން އެވެ. ޑޯޓްމަންޑާ އެކު މި ސީޒަނުގައި ޖަރުމަނު ލީގުން ރެލިގޭޓްވި ޝާލްކޭ އާއި އެއިންޓްރަކް ފްރެންކްފާޓް ވެސް ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.