މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި 4-2 އިން އެޓީމު ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު ލިވަޕޫލް އާކޮށްފި އެވެ.
މޮޅާއެކު ލިވަޕޫލް ވަނީ 35 މެޗުން 60 ޕޮއިންޓް ހަމަކޮށް ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 36 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ލެސްޓާ އަށް 36 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ލިވަޕޫލް މޮޅުވުމުން ހަ ވަނަ އަށް ވެއްޓުނު ވެސްޓް ހޭމް ޔުނައިޓެޑަށް ލިބިފައިވަނީ 58 ޕޮއިންޓެވެ. އެއް ވަނައިގައި 80 ޕޮއިންޓާ އެކު އޮތް މެންޗެސްޓަރ ސިޓީ ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. ދެ ވަނައިގައި ޔުނައިޓެޑް އޮތީ 70 ޕޮއިންޓާ އެކު އެވެ.
ޒަމާންވީ ވާދަވެރި މި ދެކްލަބްގެ ކުރިމަތިލުން މެއި ދެ ވަނަ ދުވަހު ކުޅެން އޮތްނަމަވެސް، ޔުނައިޓެޑްގެ އޯނަރުންނާ ދެކޮޅަށް ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެން ޕްރިމިއާ ލީގުން މެޗު މިއަދަށް ފަސްކުރީ އެވެ. މިރޭ ވެސް މެޗު ފެށުމުގެ ކުރިން ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ދަނޑު ބޭރުގައި އިހުތިޖާޖުކޮށްފަ އެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ގޮސް ޔުނައިޓެޑުން ވަނީ 10 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. މިއީ ބްރޫނޯ ފެނާންޑޭސް ގޯލަށް ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ ޑިފެންޑަރު ނަތޭނިއެލް ފިލިޕްސް ފައިގައި ޖެހިފައި ވަން ލަނޑެކެވެ. އެކަމަކު ފުރަތަމަ ހާފު ލިވަޕޫލުން ނިންމާލީ ފަހަތުން އަރައި ދެ ގޯލު ޖަހައި ލީޑުގައި އޮވެގެންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ޑިއޯގޯ ޖޯޓާ ޖެހިއިރު ލީޑު ނެގި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބޮލުން ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ.
ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުތެރޭ ފިރްމީނޯ އިތުރު ގޯލެއް ޖަހައި ލިވަޕޫލަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނެވެ. ޔުނައިޓެޑްގެ ދެ ވަނަ ލަނޑު 68 ވަނަ މިނެޓުގައި ޖެހީ މާކަސް ރަޝްފާޑް އެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑް ކުރިއަށް ޖެހިގެން ކުޅެނިކޮށް 90 ވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
މިއީ 2014 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން ލީގުގައި ޔުނައިޓެޑް ދަނޑުގައި ލިވަޕޫލަށް މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ޔާގެން ކްލޮޕް ލިވަޕޫލް ގޮވައިގެން ނުކުމެ ޔުނައިޓެޑްގެ ދަނޑުގައި އެޓީމު ބަލިކުރެވުނު ފުރަތަމަ މެޗެވެ.
މި ސީޒަނުގައި ޔުނައިޓެޑް ރަށުން ބޭރުގައި ބަލިވެފައިވާނުވާއިރު އަމިއްލަ ދަނޑުގައި 6 މެޗުން ވަނީ ބަލިވެފަ އެވެ. މި މެޗުތަކުގައި އެޓީމު ކޮޅަށް 27 ލަނޑު ވަދެފައިވާއިރު، ޔުނައިޓެޑަށް ވުރެ ގިނައިން އަމިއްލަ ދަނޑުގައި މި ސީޒަނުގައި ގޯލު ވަދެފައިވަނީ 29 ލަނޑު ވަދެފައިވާ ނިއުކާސަލް ޔުނައިޓެޑާއި 34 ލަނޑު ވަދެފައިވާ ވެސްޓް ބްރޮމް އެވެ.
ޗެމްޕިއަންސް ލީގެ ބާކީ ދެ ޖާގައަށް ލެސްޓާ އާއި ޗެލްސީ އަދި ލިވަޕޫލްގެ އިތުރުން ވެސްޓް ހޭމުން އަންނަނީ ވާދަކުރަމުންނެވެ. ލީގުގައި ލިވަޕޫލަށް ބާކީ އޮތީ ވެސްޓް ބްރޮމް އާއި ކްރިސްޓަލް ޕެލޭސް އަދި ބާންލީއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ޗެލްސީ އަށް އޮތީ އަމިއްލަ ދަނޑުގައި ލެސްޓާއާ ވާދަކުރާ މެޗާއި ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ. ޗެލްސީ މެޗުގެ އިތުރުން ލީގުގެ ފަހު މެޗުގައި ލެސްޓާ ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. ވެސްޓް ހޭމަށް އޮތީ ރަށުން ބޭރުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ.