މެންޗެސްޓަރ ސިޓީން މިފަހަރު ހޯދި އިނގިރޭސި ޕްރިމިއަ ލީގު ތަށްޓަކީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިންގ ކެރިއަރުގައި އެންމެ އުނދަގުލުން ހޯދި ތަށި ކަމަށް އޭނާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ލެސްޓަ ސިޓީ އާއި މެންޗެސްޓަ ޔުނައިޓެޑް ވާދަކުރި މެޗުން ޔުނައިޓެޑް ބަލިވުމުން މެންޗެސްޓަރ ސިޓީއަށް ވަނީ ލީގު ކަށަވަރުވެފަ އެވެ. ލީގުގައި ސިޓީއަށް ބާކީ އަދި ތިން މެޗު އޮތްއިރު ދެވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއް މިހާރުވެސް އެބަ އޮތެވެ.
މިއީ މެންޗެސްޓަ ސިޓީން އިނގިރޭސި ލީގު ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ. އަދި މިއީ މިދިޔަ ނުވަ އަހަރުގެ ތެރޭގައި އެ ޓީމުން ލީގުގެ ތަށި އުފުލާލި ފަސްވަނަ ފަހަރެވެ.
“މި ސީޒަނަކީ މުޅިން ތަފާތު ސީޒަނެއް. އަދި މިފަހަރުގެ ލީގު މިދިޔައީ އެހެން ހުރހާ ފަހަރަކާ ތަފާތުކޮށް. މިއީ އަހަރެންނަށް އެންމެ އުނދަގުލުން ހޯދުނު ތަށި. މ ތަށި މި ސީޒަނުގައި އަހަރެމެންނަށް ލިބުނު ގޮތް އަބަދުވެސް ހަނދާން ހުންނާނެ. މިކަން ހާސިލްވި އިރު ކްލަބްގެ މެނޭޖަރަކަށް އަހަރެންނަށް ހުރެވުނީތީ ވަރަށް ފަހުރުވެރިވަން. އަދި މިކުޅުންތެރިންނާ މެދުވެސް އަހަރެން ފަހުރުވެރިވަން” ހަތަރު އަހަރު ދުވަހުގެ ތެރޭ ތިންވަނަ ފަހަރަށް ސިޓީއަށް ލީގު ކާމިޔާބުކޮށްދިން ގާޑިއޯލާ ބުންޏެވެ.
“މި ޓީމުގެ ކުޅުންތެރިން އަހަރެންނަށް ވަރަށް ހާއްސަ. އެ ކުޅުންތެރިން މިހާ ހިސާބަށް އެ އައީ ވަރަށް އުނދަގޫ ކަންތައްތަކާ ކުރިމަތިލުމަށް ފަހު. އެ ހުރިހާ ކަމަކާއެކުވެސް އެ ކުޅުންތެރިންވަނީ ސީޒަން ފެށުނީއްސުރެ ނިމެންދެން އެއްވަރެއްގައި އެ މީހުންގެ ކުޅުން ހިފަހައްޓާފައި. ކޮންމެ ދުވަހަކުހެން އެމީހުން އައީ މި ކާމިޔާބު ހޯދުމަށްޓަކައި މަސައްކަތްކުރަމުން. އެއް ދުވަހަށްވުރެ އަނެއް ދުވަހު ކުޅުން ރަގަޅުކުރަން ބުރަކޮށް މަސައްކަތްކުރަމުން.” 2016 ވަނަ އަހަރު ސިޓީގެ ކޯޗުކަމުގެ މަގާމާ ހަވާލުވި ގާޑިއޯލާ ބުންޏެވެ.
“އަހަރެން ސްޕެއިންގައިވެސް ކޯޗެއްގެ ގޮތުން މަސައްކަތްކުރިން. ޖަރުމަނުގައިވެސް މަސައްކަތްކުރިން. އަހަރެންނަށް ބުނެވިދާނެ މިއީ އޭ އަހަރެންނަށް އެންމެ ހޯދަން އުނދަގޯވި ލީގަކީ. އެހެންކަމުން އެންމެންނަށްވެސް މިއީ ވަރަށް ހާއްސަ ވަގުތެއ” ކުރިން ބާސެލޯނާގެ އިތުރުން ބަޔާން މިޔުނިކަށްވެސް ކޯޗްކޮށްދިން އުމުރުން 50 އަހަރުގެ ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ކޯޗުކަމުގެ މަގާމާ ގާޑިއޯލާ ހަވާލުވި ފަހުން އޭނާ ވަނީ އެ ކުލަބަށް ޑޮމެސްޓިކް އަށް ތަށި ހޯދައިދީފަ އެވެ. މިފަހަރުގެ ޕްރިމިއަ ލީގު ކާމިޔާބުކުރުމުގެ އިތުރުން މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ސިޓީން ވަނީ އިނގިރޭސި ލީގު ކަޕްވެސް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އެ ޓީމު ވަނީ މިފަހަރުގެ ޗ ެމްޕިއަންސް ލީގުގެ ފައިނަލުންވެސް ޖާގަ ހޯދައިފަ އެވެ..