ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނައިޓެޑް ބަލިވުމުން ލީގު ޗެމްޕިއަންކަން ސިޓީ އަށް ލިބިއްޖެ

ޔުނައިޓެޑް ބަލިވުމުން ލީގު ޗެމްޕިއަންކަން ސިޓީ އަށް ލިބިއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 11 މެއި 2021

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި 2-1 އިން ލެސްޓާ ސިޓީ އަތުން ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ އަށް ކަށަވަރުވެއްޖެ އެވެ.

މިރޭގެ މެޗާ އެކު ބާކީ ތިން މެޗު އޮއްވައި ސިޓީ އަށް ޗެމްޕިއަންކަން ކަށަވަރުވީ 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޔުނައިޓެޑަށް 70 ޕޮއިންޓް ލިބިފައިވާއިރު ބާކީ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް ޔުނައިޓެޑް ސިޓީ އަތެއް ނުވާނެ އެވެ.

މިއީ ސިޓީން މިދިޔަ ހަތަރު އަހަރުތެރޭ ލީގު ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. އިނގިރޭސި ލީގުގެ ޗެމްޕިއަންކަން އެޓީމުން ހަތް ވަނަ ފަހަރަށް މިރޭ ހޯދިއިރު ޕްރިމިއާ ލީގު 1992 ވަނަ އަހަރު ރީބްރޭންޑް ކުރިފަހުން މިއީ ސިޓީން ލީގު ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. މީގެ ތެރެއިން ތިން ތަށި އެޓީމަށް ކާމިޔާބުކޮށްދިނީ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ.

ޗެމްޕިއަންކަން ކަށަވަރުވުމުން ކޯޗު ގާޑިއޯލާ ބުނީ މިއީ އެންމެ އުނގަލުން ތަށި ލިބުނު ސީޒަން ކަމަށާއި، އެހެން ސީޒަންތަކާ އަޅާބަލާއިރު މިއީ މުޅިން ތަފާތު ސީޒަނެއް ކަމަށެވެ.

“މިއީ އެންމެ އުނދަގޫވި ފަހަރު. އަހަރެމެން މި ސީޒަނުގައި ތަށި ހޯދި ގޮތް އަބަދުވެސް ހަނދާން ހުންނާނެ. މި ޓީމުގެ މެނޭޖަރަކަށް ހުރުމަކީ އަހަރެން ފަހުރުވެރިވާކަމެއް” ގާޑިއޯލާ ބުންޏެވެ.

ސީޒަނުގެ ކުރީކޮޅު ސިޓީގެ ފޯމު ދަށްވުމުން އެޓީމަށް މިފަހަރު ލީގު ޗެމްޕިއަންކަން ލިބިދާނެތޯ ސުވާލު އުފެދުނެވެ. އެކަމަކު ފުރަތަމަ ބުރުގެ މެދަކާ ހަމައިން ސިޓީން ވަނީ ނަތީޖާތައް ރަނގަޅުކުރަން ފަށައި ލީގުގެ ކުރިއަށް ޖެހިލައިފަ އެވެ. ފަހުން އެޓީމު ހުއްޓުވުން ވީ އުނދަގޫ ކަމަކަށެވެ.

“ކުޅުންތެރިން ވަރަށް ހާއްސަ. ހަރުކަށި ފިޔަވަޅުތަކާއި އުނދަގޫތަކާއެކު އެއް ފެންވަރެއްގައި ޓީމު ހިފަހައްޓާލެވުމަކީ ވަރަށް ބޮޑު އުފަލެއް” 50 އަހަރުގެ ގާޑިއޯލާ ބުންޏެވެ.

2016 ވަނަ އަހަރު ސިޓީއާ ހަވާލުވުމަށް ފަހު ގާޑިއޯލާ އަންނަނީ އެޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެމުންނެވެ. މިއީ ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީ އަށް ލިބުނު އަށް ވަނަ ތައްޓެވެ. މި ސީޒަނުގެ ލީގުގެ އިތުރުން ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު ސިޓީން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެވެ. މިމަހުގެ 29 ވަނަ ދުވަހު ފައިނަލުގައި ސިޓީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމާ، ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުވެފައިވުމުން ޔުނައިޓެޑުން މިރޭ ނެރުނު ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ. މިގޮތުން ޔޫތު ޓީމުގައި ހިމެނޭ ވިންގް އެންތޮނީ އިލާންގާ އާއި އަމަދް ޑިއާލޯ އަށް ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ޕައުލް ޕޮގްބާ އާއި ބްރޫނޯ ފެނާންޑޭސް އަދި މާކަސް ރަޝްފާޑް އިނީ ބެންޗުގަ އެވެ.

މެޗުގެ ކުރީކޮޅު ފުރަތަމަ ގޯލު ޖެހީ ލެސްޓާގެ 19 އަހަރުގެ ޑިފެންޑަރު ލޫކް ތޯމަސް އެވެ. އޭގެ އިރުކޮޅެއް ފަހުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ މޭސަން ގްރީންވުޑް އެވެ. ދެ ވަނަ ހާފުގައި ލެސްޓާ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކަގްލާ ސޮޔުންޗޫ އެވެ. މެޗުގެ ފަހުކޮޅު ޔުނައިޓެޑުން ވަނީ ރަޝްފާޑާއި އެޑިންސަން ކަވާނީގެ އިތުރުން ބްރޫނޯ ކުޅެން އަރުވައިފަ އެވެ.

މިރޭގެ މޮޅާ އެކު 36 މެޗުން 66 ޕޮއިންޓް ހޯދައި ލެސްޓާ ވަނީ ތިން ވަނަ އަށް އަރައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލާފަ އެވެ. ލެސްޓާގެ ފަހަތުން ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 35 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. ލީގުގެ ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 58 ޕޮއިންޓް ލިބިފައިވާއިރު ހަ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!