މެންޗެސްޓަރ ޔުނައިޓެޑްގައި ހޭދަވި ކުރު މުއްދަތުގެ ތެރޭގައި ކްލަބާގެ އިތުރުން ކްލަބާއި ގުޅުންހުރި ހުރިހާ ކަމަކަށް ހިތް ލެނބިގެން ހިނގައްޖެ ކަމަށް އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ބުނެފި އެވެ. މިދިޔަ އޮކްޓޯބަރު މަހު ޔުނައިޓެޑާ ގުޅުނު އުމުރުން 34 އަހަރުގެ ކަވާނީ މިހެން ބުނެފައިވަނީ ޔުނައިޓެޑާއިއެކު އޭނާ ހަދައިފައިވާ ކޮންޓްރެކްޓްގެ މުއްދަތު 2022 އާ ހަމައަށް އިތުރުކުރުމަށް އެއްބަސްވެ ސޮއިކުރުމަށްފަހު އެވެ.
ޕީއެސްޖީން ޔުނައިޓެޑަށް ބަދަލުވިފަހުން ކަވާނީ އަންނަނީ ޔުނައިޓެޑްގައި ރަގަޅު ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން ޔުނައިޓެޑަށް އޭނާ ކުޅުނު ހަތްަ މެޗުގައި އޭނާ ވަނީ އަށް ގޯލް ކާމިޔާބުކޮށްފަ އެވެ.
“ޔުނައިޓެޑްގެ ކުޅުންތެރިންގެ އިތުރުން ފަރުދާގެ ފަހަތުގައި މަސައްކަތްކުރާ ކްލަބްގެ އެހެނިހެން ސްޓާފުންނާއި އަހަރެންނާއި ދެމެދު ވަނީ ވަރަށް ހާއްސަ ގުޅުމެއް އުފެދިފަ.” ކަވާނީ ބުނެފައިވެ އެވެ.
“އެމީހުން އަންނަނީ އަހަރެން މި ޓީމަށް ހިތްޖެއްސުމަށްޓަކައި ކޮންމެ ދުވަހަކުހެން މަސައްކަތްކުރަމުން. އަހަރެންނަށް ގަބޫލުކުރެވޭ އަހަރެމެން އެންމެން އެކީގައި މަސައްކަތްކޮށްފި ނަމަ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވޭނެކަން. ” ކަވާނީ ބުނެފައިވެ އެވެ.
ހިލޭ ޓްރާންސްފާ އެއްގައި ޔުނައިޓެޑަށް ބަދަލުވި ކަވާނީ މިހާތަނަށް ވަނީ 15 ގޯލް ޔުނައިޓެޑަށް ކާމިޔާބުކޮށްދީފަ އެވެ. އިޓަލީގެ ނަޕޯލީން ވިދާލި ކަވާނީގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައިވަނީ ޕީއެސްޖީގަ އެވެ. ޕީއެސްޖީ އަށް އޭނާ ކުޅުނު 301 މެޗުގައި ކަވާނީ ވަނީ 200 ގޯލް ކާމިޔާބުކޮށްފަ އެވެ. ކަވާނީ ޕީއެސްޖީ ދޫކޮށްލީ އެ ޓީމުގެ ތަރި ބްރެޒިލްގެ ނޭމާއާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ސަބަބުންނެވެ.
ކަވާނީ ޔުނައިޓެޑްގައި މަޑުކުރަން އެެއްބަސްވުމުން ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ ބުނެފައިވަނީ ޔުނައިޓެޑްގައި ކަވާނީ މަޑުކުރާނެ ކަމަށް އަބަދުވެސް އުއްމީދުކުރި ކަމަށެވެ.
“ކަވާނީ ޔުނައިޓެޑަށް ސޮއިކުރި އިރުވެސް އަހަރެން ބުނިން އޭނަ އައުމުން ކްލަބަށް އިތުރު ހަކަތަ އާއި ބާރު ލިބޭނެ އޭ. އަދި ޓީމުގެ ލީޑަޝިޕް ވަރުގަދަވެގެންދާނެއޭ. އޭނަ އަންނަނީ އަހަރެން އުއްމީދުކުރި ވަރަށްވުރެވެސް ރަގަޅު ކުޅުމެއް ދައްކަމުން.” ސޯލްޝެއާ ބުންޏެވެ.
“ކަވާނީ އަކީ ފަރިތަކުރުންތައް ނިންމާފަ ޓްރެއިނިންގް ގްރައުންޑުން އެންމެ ފަހުން ނުކުންނަ މީހާ. އޭނަ އަންނަނީ ޓީމުގަ ތިބި ޒުވާން ކުޅުންތެރިންނަށް ވަރަށް ރަގަޅު ނަމޫނާއެއް ދައްކަމުން. އަހަރެން އަބަދުވެސް ބޭނުންވި ކަވާނީ މި ކްލަބްގައި މަޑުކުރަން. އަދި ސަޕޯޓަރުން އޭނާއަށްދެނީ ކިހާވަރެއްގެ އިހުތިރާމަކާ ލޯތްބެއްކަން ދެކިލަން.މިވަގުތު އަދި ސަޕޯޓަރުންނަށް ދަނޑަށް ވަދެ އެކަން ދައްކާލަން ފުރުސަތު ނުލިބުނަސް އުއްމީދުކުރަނީ އެ ފުރުސަތު އަދި ލިބޭނެކަމަށް.” ސޯލްޝެއާ ބުންޏެވެ.