ސްޕެނިޝް ލީގުގައި މިރޭ ސެވިއްޔާ އާ ވާދަކޮށްކުޅުނު މެޗުން މޮޅުވެގެން އަމިއްލަ ބާރުގައި ލީގު ހޯދަން ލިބިފައި އޮތް ފުރުސަތު ރެއާލް މެޑްރިޑަށްަަ ގެއްލިއްޖެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އަށް ޓޭބަލްގެ އެއްވަނައަށް އަރަން ލިބުނު ރަނުގެ ފުރުސަތު ގެއްލުނީ އަމިއްލަ ދަނޑުގައި ޓޭބަލްގެ ހަތަރުވަނައިގައި އޮތް ސެވިއްޔާ އާ ވާދަކޮށް ކުޅުނު މެޗު 2-2 އިން އެއްވަރުވުމުންނެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސެވިއްޔާ އިންނެވެ. މެޗުގެ 22 ވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ބްރެޒިލްގެ ފެނާންޑޯ އެވެ. ރެއާލް އިން ވަނީ އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސެވިއްޔާ އިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގި ލަނޑު މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ބާސެލޯނާގެ ކުރީގެ ފޯވާޑް އިވަން ރަކިޓިޗެވެ. ރެއާލުން މެޗު އެއްވަރު ކުރީ އިތުރު ވަގުތުގައި އެޑެން ހަޒާޑް ޖެހި ގޯލުންނެވެ.
މިރޭގެ ނަތީޖާ އާއެކު ތަށި ދިފާއުކުރުމުގެ ފުރުސަތު ރެއާލް އަށް ހަނިވި އިރު ސެވިއްޔާ އަށް ލިީގު ހޯދުމަށް އޮތް ފުރުސަތު ގާތްގަނޑަކަށް ބަންދުވީ އެވެ. މިރޭގެ ނަތީޖާއާ އެކު ރެއާލް ވަނީ ޓޭބަލްގެ ދެވަނަ އަށް އަރައިފަ އެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ އާއި ރެއާލް އާއި ދެމެދު މިހާރު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. ލީގުގައި ބާކީ ގިނަ ޓީމުތަކަށް ދެން އޮތީ ތިން މެޗެވެ.