މި މަހު 14 އިން 21 އަށް މާލޭގައި ކުޅުމަށް ޝެޑިއުލްކޮށްފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކަށް ނިސްބަތްވާ ގްރޫޕް ޑީގެ މެޗުތައް އެ ތާރީހުގައި ނުކުޅެން އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީ އިން މިއަދު ނިންމައިފި އެވެ.
އޭއެފްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގްރޫޕް ސްޓޭޖުގެ މެޗުތައް މާލޭގައި ނުކުޅެން ނިންމައި ފަހުން އެ މެޗުތައް ކުޅޭނެ ތަނަކާއި ތާރީހުތައް އިއުލާންކުރާނެ ކަމަށެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކެންސަލް ކުރުމުން، ގްރޫޕް ސްޓޭޖުގެ ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު ވެސް ވަނީ ކެންސަލްވެފަ އެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ކެންސަލްކުރަން ނިންމީ، އީގަލްސްއާ ވާދަކުރުމަށް ރާއްޖެ އައިސްފައިވާ ބެންގަލޫރު އެފްސީގެ ކުޅުންތެރިން ކޮވިޑް-19 ގެ އުސޫލާ ހިލާފަށް ހޮޓަލުން ބޭރަށް ނުކުތުމުން އެކަން އެފްއޭއެމް އިން އޭއެފްސީގެ ސަމާލުކަމަށް ގެނައުމުންނެވެ.
“ކޮވިޑް-19 އަށް ރާއްޖޭން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މިވަގުތު މާލޭގައި ތިބި ކްލަބްތައް އަނބުރާ ގައުމަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެދެން. އަދި ގްރޫޕް ސްޓޭޖުގެ މެޗުތަކަށް މާލެ ދިއުމަށް ތައްޔާރުވެފައިވާ ޓީމުތަކުން ފްލައިޓް ކެންސަލް ކުރުމަށް އެދެން” އޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ކުޅުމަށް ހޮޓަލް ޖެންގައި ކްލަބް އީގަލްސް އާއި ބެންގަލޫރު ޓީމު ކޭމްޕްކޮށްފައިވާއިރު، މާޒިޔާ ކޭމްޕް ކޮށްފައިވަނީ ހުޅުމާލޭގަ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭންނާއި އޭއެފްސީން ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުން އެއްވެސް ޓީމެއްގެ ކުޅުންތެރިއަކަށް ބޭރަށް ނުކުމެވޭނީ ހަމައެކަނި މެޗު ކުޅުމަށާއި ޕްރެކްޓިހަށެވެ. ބެންގަލޫރު ޓީމުން އިއްޔެ ހެންވޭރު ޓާފް ދަނޑުގައި ޕްރެކްޓިސް ކުރިއިރު އެޓީމުގެ ބައެއް މެމްބަރުން ހޮޓަލުން ބޭރުގައި އުޅުކަން ހާމަވީ ރޭގެ ވަގުތެއްގަ އެވެ.
ކުޅުންތެރިންގެ ފަރާތުން ފެނުނު އަމަލާ ގުޅިގެން މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބެންގަލޫރު ޓީމު ވަގުތުން ރާއްޖެ ދޫކޮށް ދާންޖެހޭ ކަމަށެވެ.
“އެޗްޕީއޭ އާއި އޭއެފްސީގެ ގައިޑްލައިނާ ހިލާފަށް ބެންގަލޫރު ޓީމުން އަމަލުކުރިގޮތް ބަލައެއް ނުގަނެވޭނެ. ބެންގަލޫރު ވީ އެންމެ އަވަހަކަށް ރާއްޖެ ދޫކޮށް ދާންޖެހޭ. މީގެ މަސްތަކެއް ކުރިން ބަހުގެ އިތުބާރު ދީ ކޮވިޑުގެ ކޭސްތައް ގިނަވެ އާއްމުންގެ ޕްރެޝަރު ކުރިމަތިވި އިރުވެސް މުބާރާތް ބޭއްވޭތޯ މި ބަލަނީ” މި މައްސަލައާ ގުޅިގެން މަހުލޫފް އެންމެ ފުރަތަމަ ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.
ކޮވިޑްގެ ޕްރޮޓޮކޯލްއާ ހިލާފުވިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ގޯލް.ޑޮކް.ކޮމް އަށް ދިން އިންޓަވިއުއެއްގައި ބެންގަލޫރު ޓީމުން ބުނެފައިވަނީ، އެކަހަލަ އެއްވެސް ކަމެއް ޓީމުގެ ކުޅުންތެރިއަކު ކުރިކަން އެ ކްލަބަށް އެނގިފައިނުވާކަމަށެވެ.
މި މައްސަލައިގައި އޭއެފްސީ ކަޕްގެ މެޗުތައް ޝެޑިއުލްކުރެވިފައިވާ ގޮތަށް ރާއްޖޭގައި ނުބޭއްވޭނެކަން މަހުލޫފް ވަނީ އެފްއޭއެމަށް ދަންނަވާފަ އެވެ. އަދި އެފްއޭއެމުން ވަނީ ބެންގަލޫރުގެ މައްސަލަ ރޭގެ ވަގުތެއްގައި އޭއެފްސީގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އިންޑިއާ އަކީ ދުނިޔޭގައި އެންމެ ބޮޑަށް ކޮވިޑް ފެތުރެމުން އަންނަ ގައުމެވެ. އެކަމަކު މިދިޔަ މަސްތަކުގައި ބެންގަލޫރު ކުޅުންތެރިން ތިބީ އެކަހެރިކޮށެވެ. ރާއްޖެ އައިސް އެޓީމުގެ ކުޅުންތެރިން ހެދި ކޮވިޑް ޓެސްޓުން ޓީމުގެ ހުރިހާ މެމްބަރުން ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ.
ރާއްޖޭގައި ރެކޯޑް މިންވަރަކަށް ކޮވިޑްގެ ކޭސްތައް އުޅޭއިރު ބެންގަލޫރު ރާއްޖެ ގެނައީ ޔޫތު މިނިސްޓްރީން އެދުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. މި ހުއްދަ އެޗްޕީއޭއިން ދިނުމުން އާއްމުންނާއި ސިއްހީ ދާއިރާގެ އިސް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ނިސްބަތްވާ ގްރޫޕް ޑީގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕުގެ ފަހު ޖާގަ ލިބޭނީ ބެންގަލޫރާއި އީގަލްސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.