މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ތުރުކީގައި ކުޅޭ ފައިނަލް މެޗު ބަލަން ދިއުން އިނގިރޭސި ސަރުކާރުން ސަޕޯޓަރުންނަށް މަނާކޮށްފި އެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގެ އަޓަޓާކް އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. ތުރުކީ އަށް ދިއުން ޗެލްސީ އާއި ސިޓީގެ ސަޕޯޓަރުންނަށް މަނާވީ އިނގިރޭސި ވިލާތުން ނެރުނު ރެޑް ލިސްޓުގައި ތުރުކީ ހިމެނުމުންނެވެ. ކޮވިޑް-19 ހަލުވިކަމާއެކު ފެތުރޭ ގައުމުތަކަށް އިނގިރޭސި އެއްވެސް ރައްޔިތަކަށް ނުދެވޭނެކަމަށް ސަރުކާރުން އިއުލާންކުރިއިރު، މިހާރު އެ ގައުމުތަކުގައި ތިބި އިނގިރޭސި ރައްޔިތުން އަނބުރާ ގައުމަށް އައިސްފިނަމަ ސަރުކާރުން ގަބޫލުކުރާ ހޮޓަލެއްގައި 10 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރަންޖެހެ އެވެ.
އިނގިރޭސި ދެ ކްލަބްގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބެލުމަށް ކޮންމެ ޓީމަކަށް 4000 ޓިކެޓް ވިއްކުމަށް ޔޫއެފާއިން ވަނީ ނިންމައިފަ އެވެ.
އިނގިރޭސި ޓްރާންސްޕޯޓް ސެކްރެޓަރީ ގްރާންޓް ޝަޕްސް ބުނީ ފައިނަލް މެޗު އިނގިރޭސި ވިލާތުގައި ކުޅުމަށް ޔޫއެފާއާ އެކު ފުޓްބޯޅަ އެސޯސިއޭޝަނުން މަޝްވަރާތަށް ފަށާފައިވާކަމަށެވެ. އެކަމަކު މެޗު އިނގިރޭސި ވިލާތަށް ބަދަލުކުރުމުގެ ބާރު އޮތީ ޔޫއެފާއަށް ކަމަށް ޝަޕްސް ބުންޏެވެ.
“ގޮތް ނިންމާނީ ޔޫއެފާއިން. އިނގިރޭސިވިލާތަކީ ސަޕޯޓަރުންނާއެކު މެޗުތައް ކުރިއަށް ގެންދިއުމުގައި ރަނގަޅު ޓްރެކް ރެކޯޑެއް އޮތް ގައުމެއް. އަހަރެމެން މިތިބީ ފައިނަލް މިތަނުގައި ބާއްވަން ތައްޔާރަށް. އިނގިރޭސި ދެ ޓީމު ފައިނަލުގައި ކުޅޭއިރު ޔޫއެފާއިން މިކަމުގައި ނިންމާގެ ގޮތަކަށް ބަލަން އަހަރެމެން މިތިބީ” ޝަޕްސް ބުންޏެވެ.
ތުރުކީ އަށް ޗެލްސީ އާއި ސިޓީގެ ކުޅުންތެރިން ގޮސްފިނަމަ ސަރުކާރުގެ އުސޫލުގެ ތެރެއިން ގައުމަށް އަނބުރާ އައިސް 10 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަން ޖެހޭނެ އެވެ. އެހެންވެ ކަރަންޓީނުގެ މުއްދަތު ހަމަވާއިރު އޮންނާނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށިފަ އެވެ. މެއި 29 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭއިރު ޔޫރޯ ފަށަނީ ޖޫން 11 ވަނަ ދުވަހު އެވެ.
އިނގިރޭސި ވިލާތަށް ފައިނަލް ބަދަލުކޮށްފި ނަމަ މެޗު ކުޅޭނެކަމަށް ބެލެވެނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އެކަމަކު މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްލޭ އޮފް ފައިނަލް ވެމްބްލީގައި މެއި 29 ވަނަ ދުވަހު ކުޅޭނެ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ފައިނަލް ވެމްބްލީ ސްޓޭޑިއަމަށް ބަދަލުކޮށްފި ނަމަ ޗެމްޕިއަންޝިޕް ފައިނަލް އިނގިރޭސި އެފްއޭ އިން އެހެން ތާރީހަކަށް ބަދަލުކުރާނެ އެވެ.
ސަޕޯޓަރުންނަށް ތުރުކީ އަށް ދިއުން މަނާކުރި މައްސަލައާ ގުޅިގެން ޗެލްސީ ސަޕޯޓަރުންގެ ރަސްމީ ގްރޫޕުން އަންނަނީ ޔޫއެފާއާ ރަސްމީކޮށް ބައްދަލުކުރަން މަސައްކަތް ކުރަމުންނެވެ. ސިޓީގެ ސަޕޯޓަރުންގެ ގްރޫޕުން ވެސް ބުނީ ފައިނަލް މެޗު އިނގިރޭސި ވިލާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.
އިސްތަންބޫލްގައި ޗެމްޕިއަންސް ލީގުގެ ފައިނަލް އެންމެ ފަހުން ކުޅުނީ 2005 ވަނަ އަހަރު އެވެ. އެ މެޗުގައި އާދަޔާހިލާފު ގޮތަކަށް ފަހަތުން އަރައި އޭސީ މިލާނާ 3-3 އިން އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެ ޗެމްޕިއަންކަން ހޯދީ ލިވަޕޫލެވެ.