ފުރަތަމަ ސަފްޙާ / ޚަބަރު / ވާދަވެރި ހަނގުރާމައިގައި ބާސެލޯނާ އިން މިރޭ މައި ކިއްލާ ފަތަހަކުރަން ނުކުންނަނީ

ވާދަވެރި ހަނގުރާމައިގައި ބާސެލޯނާ އިން މިރޭ މައި ކިއްލާ ފަތަހަކުރަން ނުކުންނަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 8 މެއި 2021

ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގެ ތެރެއިން ލީގު ހޯދުމުގެ ރޭހުގައި އެންމެ ބޮޑު ވާދަވެރިކަމެއް މިފަހަރުގެ ސީޒަންގައި މިހާރު ފެންނަން އޮތީ ސްޕެނިޝް ލީގުންނެވެ. އިޓާލިއަން ލީގު މިދިޔަ ހަފްތާގައި އިންޓަ މިލާނުން ކާމިޔާބުކޮށްފައިވާ އިރު އިނގިރޭސި ޕްރިމިއަ ލީގު މެންޗެސްޓަ ސިޓީ އަށް ގާތްގަނޑަކަށް މިހާރު ވަނީ ކަށަވަރު ވެފަ އެވެ. ޖަރުމަނު ލީގު ކާމިޔާބުކުރަން ބަޔާން މިޔުނިކަށް ދެން  ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ. ފްރެންޗް ލީގުގައި ޕީއެސްޖީ އާއި ލިލް އާ ދެމެދު ރަގަޅު ވާދަވެރިކަމެއް ލީގު ހޯދުމުގައި އޮތަސް ސްޕެނިޝް ލީގު ހޯދުމުގެ ހަނގުރާމައިގައި ހަތަރު ޓީމަކަށް ކާމިޔާބު ހޯދުމުގެ ފުރުސަތު މިހާރުވެސް އެބަ އޮތެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި މިވަގުތު އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ބާސެލޯނާ އާއި ސެވިއްޔާ އަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އޮތް އިރު މިރެއަކީ ލީގަށް އެންމެ ބޮޑަށް ވާދަކުރާ ދެ ޓީމުގެ މެދުގައި ވާދަވެރިކަން ބޮޑު މެޗެއް ފެންނާނެ ރެ އެކެވެ. މިރޭ މާލޭ ގަޑިން 07:15 ގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ތިންވަނައިގައި އޮތް ބާސެލޯނާއިން އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނަ އިރު މި މެޗު ކާމިޔާބުކޮށްގެން ޓޭބަލްގެ އެއް ވަނަ ހޯދުމުގެ ފުރުސަތު ބާސެލޯނާ އަށް އެބަ އޮތެވެ.

މިއަހަރުގެ ޖެނުއަރީ މަހު ބާސެލޯނާ އަށްވުރެ 13 ޕޮއިންޓް ކުރީގައި އެތުލެޓިކޯ އޮތް ނަމަވެސް މިހާރު އެ ދެޓީމުގެ މެދުގައި އޮތީ އެންމެ ދެ ޕޮއިންޓްގެ ތަފާތެވެ. މިރޭގެ މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިނަމަ މި ސީޒަނުގައި އެ ޓީމަށް ޓޭބަލްގެ އެންމެ ކުރިއަށް އެ އެރޭނީ އަދި އަލަށެވެ.

ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވެސް ޕޮއިންޓް ލިބިފައިވަނީ ބާސެލޯނާއާ އެއްވަރަށެވެ. ބާސެލޯނާ ފަހަތުގައި އޮތީ މި ދެޓީމުގެ ދެމެދުގައި މި ސީޒަންގައި ކުޅުނު ލީގު މެޗު ތަކުން ރެއާލް އަށް ކުރި ލިބޭތީ އެވެ. ހަތަރު ވަނައިގައި އޮތް ސެވިއްޔާ އާއި އެއް ވަނައިގައި އޮތް އެތުލެޓިކޯ އާއި ދެމެދު އޮތީ ހަ ޕޮއިންޓުގެ ތަފާތެވެ. މިއިން ކޮންމެ ޓީމަކަށްވެސް ލީގުގައި އަދި ބާކީ ހަތަރު މެޗު އެބަ އޮތެވެ. މި ހަފްތާގެ އާދީއްތަ ދުވަހު ރެއާލް މެޑްރިޑާއި ސެވިއްޔާ ވާދަކުރާ މެޗަކީ އެހެންވުމާއެކު ވަކިން ފޯރި ކުޑަވާނެ މެޗެއް ނޫނެވެ.

“މިހާރު ލީގުގައި އަހަރެމެން މިއޮތް ހިސާބަކީ މީގެ ދުވަސްތަކެއް ކުރިން އަހަރެމެންނަށް އާދެވޭނެ ކަމަށް ހީކުރި ހިސާބެއް ނޫން.” ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފައިވެ އެވެ.

މެޗު އޮފިޝަލަކާ ދިމާލަށް ބޭއަދަބީ ބަހުން މުހާތަބުކުރުމުގެ ސަބަބުން ކުރިމަތިވެފައި އޮތް ދެ މެޗުގެ ސަސްޕެންޝަނާ އެކު މިރޭގެ މެޗުގައި ބެންޗުގައި އިނދެގެން ޓީމަށް އިރުޝާދު ދިނުމުގެ ފުރުސަތު ގެއްލިފައިވާ ކޫމަން ވަނީ ބާސެލޯނާ އަށް މިފަހަރު ލީގު ހޯދުމުގެ ފުރުސަތު ނެތްކަމަށް ސީޒަންގެ ކުރީކޮޅު އެއްބަސްވެސް ވެފަ އެވެ. އެކަމަކު މިއަހަރު ފެށުނު ފަހުން އެ ޓީމުން ކުޅުނު 19 ލީގު މެޗުގެ ތެރެއިން 16 މެޗު ކާމިޔާބުކޮށް ބާސެލޯނާއިން މިހާރު އެވަނީ މުޅި މަންޒަރު ބަދަލުކޮށްލައިފަ އެވެ.

“އަހަރެންނަށް ބުނާކަށް ނޭގެ މިރޭގެ ނަތީޖާ އަކީ ޓައިޓްލް ހޯދުމުގައި ޑިސައިސިވް ނަތީޖާ އަށް ވާނެ ކަމެއް. އެކަމަކު މިއީ ޔަގީނުންވެސް މުހިއްމު ނަތީޖާ އަކަށް ވާނެ. އަހަރެމެން ލީގަށް މަސައްކަތްކުރާއިރު އެހެން ދެ ޓީމެއްވެސް އެބަ ލީގަށް ވާދަކުރޭ. ލީގު ޗެމްޕިއަން އަށް ވާން އަހަރެމެން އެބަ ބޭނުންވޭ ހުރިހާ މެޗެއް ކާމިޔާބުކުރަން.” މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނުން ނެދަލޭންޑްސްގެ ކޫމަން ބުންޏެވެ.

ބާސެލޯނާ އާ ދެކޮޅަށް މުހިއްމު މެޗަކަށް ނުކުންނައިރު އެތުލެޓިކޯ އޮތީ އެންމެ ރަގަޅު ފޯމްގައޭ ބުނެވޭކަށް ނެތެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް ކާމިޔާބުކުރެވިފައި އޮތީ ތިން މެޗެވެ.

މިރޭގެ މެޗުގެ ކުރިން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ބާސެލޯނާ ބަލިކުރަން ވަކި ހާއްސަ ޕްލޭނެއް ނެތް ކަމަށެވެ.

“އެންމެންނަށްވެސް ފެންނާނެހެން ސީޒަން ފެށުނީއްސުރެ އަހަރެމެން ކުޅެމުން މި އަންނަނީ ވަކި އަމާޒަކަށް ވާސިލްވާން. އަހަރެމެން މާގިނަ ބަދަލުތަކެއް ނުގެންނަން. އަހަރެމެން މަސައްކަތްކުރާނީ މިހާތަނަށް ކުރެވިފައި ހުރި ރަގަޅު ކަންތައްތަކަށް ބަލައިގެން އޭގެ މައްޗަށް ބިނާކޮށް ގޭމް ރާވަން.” ސިމިއޯނީ ބުނެފައިވެ އެވެ.

“ބާސެލޯނާ އަކީ މިފަހުން ވަރަށް ގިނަ ޕޮއިކންޓް ހޯދައިފައި އޮތް ޓީމެއް. އެމީހުންނަކީ މޮޅު ފުޓްބޯޅައެއް ކުޅޭ ބައެއް . އަދި އެމީހުންވަނީ ސީޒަންގެ ފުރަތަމަ ބައިގައި ލީގުގައި ދިމާވި ކަންތައްތަކުން އަރައިގަތުމެއް ރަގަޅު މަސައްކަތްތަކެއްކޮށް ކާމިޔާބު ހޯދާފައި.” 2014 ވަނަ އަހަރު އެތުލެޓިކޯ އަށް ލީގު ހޯދައިދިން ކޯޗު ސިމިއޯނީ ބުންޏެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!