ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނައިޓެޑާއި ވިޔަރެއާލް ފައިނަލަށް، އާސެނަލަށް މަރިޔަނބާއި ކަތިވަޅިވެސް ގެއްލިއްޖެ

ޔުނައިޓެޑާއި ވިޔަރެއާލް ފައިނަލަށް، އާސެނަލަށް މަރިޔަނބާއި ކަތިވަޅިވެސް ގެއްލިއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 6 މެއި 2021

ޔޫއެފާ ޔޫރޮޕާ ލީގުން އާސެނަލް ކަޓައި ފައިނަލުގެ ޖާގަތައް ސްޕެއިންގެ ވިޔަރެއާލް އާއި މެންޗެސްޓަރ ޔުނައިޓެޑް ހޯދައިފި އެވެ.

ސެމީ ފައިނަލުގައި ދެ ވަނަ ލެގްގައި އަމިއްލަ ދަނޑުގައި ރޯމާ ވަނީ މިރޭ 2-3 އިން ޔުނައިޓެޑް ބަލިކޮށްފަ އެވެ. އާސެނަލުން އަމިއްލަ ދަނޑުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ރޯމާގެ މައްޗަށް ޔުނައިޓެޑް 8-5 ގެ އެގްރިގޭޓުން ކުރި ހޯދިއިރު އާސެނަލް އަތުން ވިޔަރެއާލް މޮޅުވީ 2-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިގެން އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން އާސެނަލަށް ފުރުސަތު ލިބުނީހެވެ. އެކަމަކު މިރޭގެ ނަތީޖާއާ އެކު 1996 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އާސެނަލަށް ވަނީ ޔޫރަޕްގެ މުބާރާތްތަކުން ފުރުސަތު ގެއްލިފަ އެވެ. އާސެނަލް އަތުން މޮޅުވި ވިޔަރެއާލް މިއީ ޔޫރަޕްގެ ފައިނަލަކަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި 2006 ވަނަ އަހަރު ވިޔަރެއާލް ވަނީ އާސެނަލުން އަތުން 1-0 އިން ބަލިވެފަ އެވެ. އަދި މިދިޔަ 10 އަހަރު ޔޫރަޕްގައި ދެ ސެމީ ފައިނަލުން ވެސް ވިޔަރެއާލް ވަނީ ބަލިވެފަ އެވެ. މި މެޗުތަކުގައި އެޓީމު ބަލިވީ ޕޯޓޯ އާއި ލިވަޕޫލް އަތުންނެވެ.

މިރޭގެ މެޗަށް އާސެނަލުން ނެރުނު ޓީމުގައި އަނިޔާގެ ސަބަބުން މިދިޔަ ތިން މެޗުގައި ނުފެނުނު އަލެކްސަންޑަ ލަކަޒެޓް ވަނީ ބެންޗުގައި ހިމަނައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން މޮޅަށް ކުޅުނު ނަމަވެސް މާގިނަ ހަމަލާތަކެއް އުފެއްދިފައެއްނުވެ އެވެ. މި ހާފުގައި އާސެނަލްގެ ޕިއޭ އެމެރިކް އޮބާމިޔަން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ވެސް އާސެނަލުން ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުއިރު އޮބާމިޔަން ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އެވެ. މެޗުގެ ފަހުކޮޅު އާސެނަލުން ވަނީ ވިލިއަން އާއި ލަކަޒެޓް ކުޅެން އަރުވައި ލަނޑެއް ޖަހަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އާސެނަލްގެ ކުޅުންތެރިން ހުއްޓުވުމުގައި ވިޔަރެއާލްގެ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެކެވެ.

ވިޔަރެއާލް ފައިނަލަށް ގެންގޮސްދިނީ ކުރިން އާސެނަލަށް ކޯޗުކަންކޮށްދިން އުނާއި އެމެރީ އެވެ. އެމެރީގެ ކޯޗުކަމުގައި އާސެނަލް ވެސް ވަނީ ޔޫރޮޕާ ލީގުގެ ފައިނަލުގައި 2019 ވަނަ އަހަރު ކުޅެފަ އެވެ. މީގެ ކުރިން އެމެރީ ވަނީ 2014 އިން 2016 އަށް ޖެހިޖެހިގެން ތިން ސީޒަނުގައި ސްޕެއިންގެ ސެވިއްޔާ އަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީފަ އެވެ.

ރޯމާއާ ދެކޮޅަށް ޔުނައިޓެޑް މިރޭގެ މެޗަށް ނުކުތްއިރު ވެސް ފައިނަލުގެ ޖާގައެއް އޮތީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. މި މެޗުގައި އެޑިންސަން ކަވާނީގެ ގޯލުން ފުރަތަމަ ހާފުގައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. އެކަމަކު ދެ ވަނަ ހާފުގައި އެޑިން ޒެކޯގެ ގޯލުން ރޯމާ މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. ޒެކޯގެ ގޯލަށް މާ ގިނައިރުތަކެއް ނުވަނީސް ރޯމާގެ ބްރަޔަން ކްރިސްޓަންޓޭގެ ގޯލުން ރޯމާ ފުރަތަމަ ފަހަރަށް ލީޑުނެގި އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ކަވާނީ އިތުރު ގޯލެއް ޖަހައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ރޯމާ މެޗުން މޮޅުވި ލަނޑަކީ 83 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރު އަލެކްސް ޓެލެސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިއީ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑް ކުޅޭ ފުރަތަމަ ފައިނަލެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔުނައިޓެޑާ ހަވާލުވުމަށްފަހު ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑް ކުޅުނު ހަތަރު ސެމީ ފައިނަލުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ ލީގު ކަޕްގެ ދެ ސެމީ ފައިނަލާއި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ އިތުރުން މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލެވެ.

ޔުނައިޓެޑާއި ވިޔަރެއާލް ވާދަކުރާ ފައިނަލް މެޗު މެއި 26 ވަނަ ދުވަހު ކުޅޭނީ ޕޮލެންޑްގެ ގްޑާންސްކް ސްޓޭޑިއަމްގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!