ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި މިރޭ 0-2 އިން ފްރާންސްގެ ޕީއެސްޖީ ބަލިކޮށް އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީ ބައި ގަރުނު ފަހުން ޔޫރަޕް މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ. މިރޭގެ މޮޅާ އެކު ސިޓީ ފައިނަލަށް ދިޔައީ ދެ ލެގްގެ އެގްރިގޭޓުން 4-1 އިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެޓީމު ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު ސިޓީ ކާމިޔާބުކުރީ 2-1 އިންނެވެ.
ޔޫރަޕްގެ ފައިނަލެއްގައި ސިޓީ އެންމެ ފަހުން ކުޅުނީ މީގެ 51 އަހަރު ކުރިން 1970 ވަނަ އަހަރު އެވެ. އެ އަހަރު އޮތް ޔޫރަޕިއަން ކަޕް ވިނާސް ކަޕްގެ ފައިނަލުގައި ޕޮލެންޑުގެ ގޯނިކް-ޒަބްރަޒް ބަލިކޮށް ސިޓީ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ ޔޫރަޕިއަން ކަޕް ނުވަތަ މިހާރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސިޓީ ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ. ޔޫރަޕިއަން ކަޕްގައި ސިޓީ އެންމެ ފުރަތަމަ ވާދަކުރީ 69-1968 ވަނަ ސީޒަނުގަ އެވެ. އެފަހަރު ފުރަތަމަ ބުރުން ސިޓީ ކެޓިއިރު ޗެމްޕިއަންސް ލީގުގެ ނަމަށް މުބާރާތް ރީބްރޭންޑް ކުރިފަހުން ސިޓީ މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރީ 12-2011 ވަނަ ސީޒަނުގަ އެވެ.
މިދިޔަ ސީޒަންތަކުގައި ބޮޑު ހަރަދުކޮށް ސިޓީން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. ބާސެލޯނާގެ ކޯޗުކަމުގައި 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު ގާޑިއޯލާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެފަހުން ބަޔާން މިއުނިކް ގޮވައިގެން ގާޑިއޯލާއަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުދެވުނެވެ.

މިރޭގެ މެޗަށް ނުކުތްއިރު އެންމެ ފާހަގަކޮށްލެވުނީ އަނިޔާގެ ސަބަބުން ޕީއެސްޖީގެ ކިލިއަން އެމްބާޕޭ ފުރަތަމަ އެގާރައިގައި ނުހިމެނުމެވެ. މެޗު ފެށިގެން ކުރީކޮޅު ޕީއެސްޖީން ޕެނަލްޓީއަކަށް އެޕީލްކުރި އެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ނިންމީ ސިޓީގެ ކުޅުންތެރިޔާގެ އަތުގައި ބޯޅަ ނުޖެހޭ ކަމަށެވެ. މެޗުގައި ސިޓީގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އަލްޖީރިއާގެ ރިޔާދް މާރޭޒް އެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ލަނޑު މާރޭޒް ޖެހީ 63 ވަނަ މިނެޓުގަ އެވެ.
ސިޓީން ދެ ގޯލުގެ ލީޑެއް ނެގުމުން ޕީއެސްޖީ ކުޅުންތެރިން ޕްރެޝަރަށް ގޮސް ގާތްގާތުގައި ގިނަ ފައުލްތަކެއް ވަނީ ކޮށްފަ އެވެ. އަދި، ޕީއެސްޖީގެ އެންހަލް ޑި މާރިއާ ސިޓީގެ ފެނާންޑީނިއޯ އަށް ގަސްތުގައި ހަމަލާ ދިނުމުން 69 ވަނަ މިނެޓުގައި ރެފްރީ ވަނީ ޑި މާރިއާ އަށް ސީދާ ރަތް ކާޑެއް ދައްކާފަ އެވެ. މެޗުގެ ފަހުކޮޅު ޕީއެސްޖީގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނުއިރު ކައުންޓަ އެޓޭކުގައި ސިޓީ އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބި ބޭކާރުވި އެވެ.
މިފަހަރުގެ މުބާރާތުގައި ސިޓީ ވަނީ މިހާތަނަށް 11 މެޗުން މޮޅުވެފަ އެވެ. އެއް ސީޒަނެއްގައި އިނގިރޭސި އެއްވެސް ޓީމަކަށް ޗެމްޕިއަންސް ލީގުގައި 11 މެޗުން މޮޅު ހޯދިފައެއްނުވެ އެވެ. އަނެއްކޮޅުން ސިޓީއާ އެކު ޔޫރަޕިއަން ކަޕް / ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި އިނގިރޭސި ކްލަބްތަކުގެ އަދަދު 9 އަށް އެރީ އެވެ. ދެން އެންމެ ގިނައިން ޔޫރަޕްގެ ފައިނަލުން ޖާގަ ހޯދާފައިވަނީ ޖަރުމަނާއި އިޓަލީގެ ޓީމުތަކެވެ. މިއިން ކޮންމެ ގައުމަކުން 6 ޓީމު ވަނީ ޔޫރަޕިއަން ކަޕް / ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފަ އެވެ.
ފައިނަލުގައި ސިޓީ ނުކުންނާނީ މާދަމާ ރޭ ރެއާލް މެޑްރިޑާއި ޗެލްސީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް މެއި މަހުގެ 29 ވަނަ ދުވަހު އޮންނާނީ ތުރުކީގެ އިސްތަންބޫލްގެ ސްޓޭޑިއަމްގަ އެވެ.