މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރުން ކްލަބުގެ ވެރިންނާ ދެކޮޅަށް މިރޭ ހިންގި ހަމަނުޖެހުންތައް ހައްލު ނުކުރެވި، އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ޝެޑިއުލްކޮށްފައި އޮތް މެޗު ފަސްކޮށްފި އެވެ.
ވާދަވެރި މި ދެޓީމުގެ ކުރިމަތިލުން ފަށާގޮތަށް ހަމަޖައްސާފައި އޮތީ ރާއްޖެ ގަޑިން މިރޭ 8:30 ގަ އެވެ. މިރޭ ލިވަޕޫލުން ޔުނައިޓެޑް ބަލިކުރި ނަމަ މެންޗެސްޓަރ ސިޓީ އަށް ހަތަރު ސީޒަނުގެ ތެރޭ ތިން ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީހެވެ. އަނެއްކޮޅުން ޕޮއިންޓެއް ހޯދައިގެން ޔުނައިޓެޑަށް ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުވީހެވެ.
ޔުނައިޓެޑް ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރީ 2005 ވަނަ އަހަރު އެ ކްލަބް ގަތް އެމެރިކާ ގްލޭޒާ އާއިލާއިން ކްލަބަށް އެކަށީގެންވާވަރަށް ހަރަދުނުކުރުމާއި، ދާދިފަހުން އިއުލާންކުރި ޔޫރަޕިއަން ސުޕަ ލީގުގައި ޔުނައިޓެޑް ބައިވެރިވާން ނިންމުމުންނެވެ. ސުޕަ ލީގުން ޔުނައިޓެޑް ފަހުން ވަކިވި ނަމަވެސް ޔުނައިޓެޑް ސަޕޯޓަރުންގެ މިހާރުގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ގްލޭޒާ އާއިލާއިން ކްލަބް ވިއްކާލަން ދެކޮޅު ހެދުމެވެ. ސަޕޯޓަރުން ތަކުރާރުކޮށް ބުނަމުން އަންނަނީ ކްލަބުގެ ވެރިން އެ ކްލަބަށް އެކަށީގެންވާ ވަރަށް ހަރަދުނުކުރާ ކަމަށާއި، ކްލަބް ބޭނުންވާ ހިސާބަށް ގެންދިއުމުގައި މާލީގޮތުން އަދާކުރާ ދައުރު ކުޑަކަމަށެވެ.

ދަނޑު ބޭރުގައި ޔުނައިޓެޑް ސަޕޯޓަރުން ކްލަބުގެ ވެރިންނާ ދެކޮޅަށް މުޒާހަރާ ކުރަނީ. އެތައް ސަތޭކަ ބަޔަކު ދަނޑު ކައިރިއަށް އެއްވި.
މެޗު ފެށުމުގެ ދެ ގަޑިއިރެއްހާ ކުރިން ގާތްގަނޑަކަށް 200 ސަޕޯޓަރުން ވަނީ ޔުނައިޓެޑްގެ ސްޓޭޑިއަމް ކައިރިއަށް އެއްވެފަ އެވެ. އަދި ބައެއް ސަޕޯޓަރުން ދަނޑުމައްޗަށް އަރައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. މިގޮތުން އަލިފާން ބޯޅަ އުކުމުގައި ބައެއް ސަޕޯޓަރުން ވަނީ ބައިވެރިވެފަ އެވެ. ބައެއް ސަޕޯޓަރުން ފުލުހުންގެ އެހީގައި ދަނޑުން ނެރުނުފަހުން ސްޓޭޑިއަމްގެ ބޭރުގައި ވެސް ފުލުހުންނާ ސަޕޯޓަރުންނާ ދެމެދު ހޫނު ހަމަނުޖެހުންތަކެއް ކުރިއަށްދިޔަ އެވެ. އަދި، ދަނޑުން ނެރުނު ފަހުން ވެސް ބައެއް ސަޕޯޓަރުން ދެ ވަނަ ފަހަރަށް ދަނޑުތެރެއަށް ވަދެފައިވެ އެވެ.
ސަޕޯޓަރުން ހަމައަކަށް އަޅުވައި މެޗު ކުޅެވޭތޯ ޕްރިމިއާ ލީގުން ގަޑިއެއްހާއިރު ވަންދެން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުނުވެ އެންމެ ފަހުން ޖެހުނީ މެޗު ފަސްކުރާށެވެ. ޕްރިމިއާ ލީގުން ބުނީ މެޗު ފަސްކުރީ ފުލުހުންނާއި ދެ ކްލަބާއި ޕްރިމިއާ ލީގުގެ އިތުރުން ލޯކަލް އޮތޯރިޓީތަކާ ކުރެވުނު މަޝްވަރާތަކަށްފަހުގައި އެންމެން އެގޮތަށް އެއްބަސްވުމުން ކަމަށެވެ.
މިރޭގެ މެޗުގެ ކުރިން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފައިވަނީ ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށާއި، އެކަމަކު ލިވަޕޫލާ ދެކޮޅަށް މެޗު ކުޅެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިރޭ މެޗު ކެންސަލްވީ ދެޓީމުން ވެސް ފުރަތަމަ އެގާރަ އިއުލާންކޮށް ދަނޑަށް ދިއުމަށް ދެޓީމުގެ ކުޅުންތެރިން ހޮޓަލުގައި ތިއްބަ އެވެ.